މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ލަފާފުޅާއެކު ޓޫރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިފިއެވެ.

ޑރ. މައުސޫމަށް ރުހުންނުދީ އަނބުރާ ކޮމިޓީ އަށް ފޮނުވާލަން މިއަދުގެ މަޖިލީހުގެ ޖަލްސާއިން ނިންމީ، ވަޒީރުކަމުގެ ހުވާ ކުރެއްވިއިރު އަމިއްލަ ކުންފުންޏެއް ހިންގުމުގައި ޑރ. މައުސޫމް ހުންނެވުމާ ގުޅިގެންނެވެ.

ޑރ. މައުސޫމްގެ އަމިއްލަ ކުންފުނިން އިސްތިއުފާ ދެއްވީ މަގާމުގެ ހުވާ ކުރެއްވުމަށްފަހުއެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން ކޮމިޓީގެ މުގައްރިރު މުހައްމަދު ފަލާހު ވިދާޅުވީ، ވަޒީރެއްގެ ގައިގައި ހުންނަންޖެހޭ ޝަތުތުތައް ފުރިހަމަވޭތޯ ބެލުމަށްޓަކައި ކޮމެޓީގައި ހަތަނަކުން އެކަމުގެ މައުލޫމާތު ސާފުުކޮށްފައިވާނޭ ކަމަށެވެ.

އެއިން އެއްވެސް ތަނަކުން ޑރ. މައުސޫމްގެ މައްސަލައެއް ނެތްކަމަށް ފާހަގަކޮށްފައިވާ ކަމަށާއި އަދި މިމަހުގެ 19 ވަނަ ދުވަހުގައި އޮތް ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ޑރ. މައުސޫމަށް މަޖިލީހުން ރުހުންދިނުމަށް ނިއްމާފައި ކަމަށް ފަލާހު ވިދާޅުވިއެވެ.

ޑރ. މައުސޫމަށް ރުހުންދިނުމަށް ކޮމެޓީން ފާސްކޮށްފައިވާ ގޮތާއި ގުޅޭގޮތުން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ، ޑރ.މައުސޫމް މަގާމުގެ ހުވާ ކުރެއްވިއިރު ހުންނެވީ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކަމަކަށާއި، އެމަގާމުން އިސްތިއުފާ ދެއްވާފައިނުވާކަމީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.

އަދި ގާނޫނު އަސާސީގައި ބުނާގޮތުން ވަޒީރުކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ވަޒީރުކަމުގެ މަގާމަށް އައްޔަނުކުރެވޭ ބޭފުޅުން އެފަދަ މަގާމެއްގައި ހުންނެވިނަމަ އެމަގާމަކުން އިސްތިއުފާ ދެއްވަން ޖެހޭނެކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށްވެސް އަފީފް ވިދާޅުވިއެވެ.

ހުވާ ނުކުރައްވާ ކަމަށްވަނީނަމަ މިނިސްޓަރުގެ މަގާމާއި ހަވާލެއް ނުކުރެވޭނެ ކަމަށާއި އެހެެންކަމުން ޔަގީންކުރަން ޖެހޭ ކަންކަން ޔަގީން ކުރުމަށްފަހު ވޯޓަކަށް އެހުން ރަނގަޅުވާނެ ކަމަށް އަފީފް ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ޑރ. މައުސޫމްއަކީ ވަރަށް ޒިންމާދާރު ބޭފުޅެއް ކަމަށާއި ނަމަވެސް ވަޒީރުންގެ މަޖިލީހަށް ބޭފުޅަކު އައްޔަން ކުރައްވާއިރު ވިޔަފާރީގެތެރޭގައި އެބޭފުޅަކު ހުންނެވުމަކީ ގާނޫނުއަސާސީން ހުއްދަކުރާ ކަމެއް ނޫންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމަށް، ޑރ .ޢަބްދުﷲ މައުސޫމް އައްޔަން ކުރައްވައި، އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅު ދެއްވީ އޮގަސްޓްމަހުގެ ހަވަނަ ދުވަހުގައެވެ.

ޑރ.މައުސޫމް އެންމެފަހުން އަދާކުރެއްވި މަގާމުތަކުތެރޭގައި، ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމާއި، ކޮމަންވެލްތް އޮފް އޮސްޓްރޭލިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމާއި، ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުގެ މަގާމު ވެސް ހިމެނެއެވެ.

ޑރ. މައުސޫމް ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބްރިމިންގްހަމް އިން ޑޮކްޓަރ އޮފް ފިލޮސޮފީ، އަރބަން އެންޑް ރީޖަނަލް ސްޓަޑީޒް ޙާޞިލުކުރައްވާފައެވެ. އަދި މީގެ ކުރިން އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އުލްސަރ އިން ހޮޓެލް އެންޑް ކޭޓަރިންގެ ދާއިރާއިން މާސްޓަރ އޮފް ސައިންސްވެސް ހާސިލުކުރައްވާފައެވެ.