އިދިކޮޅު ކޯލިޝަނުން ޑީއާރުޕީއާއެކު އެއްވެސް އެއްބަސްވުމެއް އަދި މިހާތަނަށް ހަދާފައި ނުވާނޭކަމަށް ޕްރޮގްރެސިވް ކޮންގްރެސް ޕާޓީ ( ޕީއެންސީ)ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ރައީސް މިހެންވިދާޅުވެފައި މިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވަޅުލުމުގެކުރިން ކިނބިގަސްދޮށުގޭ ރެޖިސްޓްރީ ދޭންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވިކަމަށް ބުނާ އޯޑިއޯއެއް ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން ޓްވީޓުކުރައްވާފައިވާ ވަގުތެއްގައެވެ.

ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، ޑީއާރުޕީގެ ލީޑަރު ސޮއިކުރައްވާ ރައީސް ޔާމީންއަަށް ސިޓީއެއް ފޮނުވި ކަމަށާއި އޭގައި އޮތީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ކުރެވޭނެ މަސައްކަތްތައް ދެބައިމީހުން ގުޅިގެން ކުރެވިދާނެތޯ ބެލުމަށްޓަކައި މަޝްވަރާގެ ބައްދަލުވުމެއް ބޭނުންވާވާހަކަ ކަމަށެވެ.

އެ ބައްދަލުވުން ރައީސް ޔާމީންގެ މަޝްވަރާގެ މަތިން ކުރިއަށްގެންދިޔަ ކަމަށާއި އެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަނުން މިވަގުތު އެންމެ ބޭނުންވަނީ ރައީސް ޔާމީން މިނިވަންކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރުންކަމަށް ބުނެފައިވާނޭ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މިވަގުތު ކަށިދޫ ދާއިރާގެ މެމްބަރުގެ އަމަލު ހުރިގޮތް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އަޙްލާގީގޮތުން އެހާ ދަށްފަންތީގެ ވާހަކަތައް އެ ކޯލިޝަނުން ކުށްވެރިކުރާ ކަމަށްވެސް ޕީއެންސީގެ ރައީސް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން މިފަދަ މޭރުމަކުން ވާހަކަ ދައްކާފައި މިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނިކޮށް ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު، ޣައްސާން މައުމޫންއަށް ގުޅުއްވައި ބަދު ބަސްތަކެއް ބުނުމާގުޅިގެންނެވެ.