ޑރ. އަބްދުﷲ މައުސޫމް އަލުން މަގާމުގެ ހުވާކުރެއްވުމަށް ރައީސަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފިއެވެ.

ޑރ. އަބްދުﷲ މައުސޫމް އަލުން މަގާމުގެ ހުވާ ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާއަރުވަން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކުރީ މިއަދު ކުރިއަށްގެންދިޔަ ކޮމެޓީގެ ބައްދަލުވުމުގައެވެ.

ޑރ.މައުސޫމްގެ މައްސަލަ އަލުން ދިރާސާކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މެމްބަރުން ވަނީ ޑރ. މައުސޫމްގެ ހުވަޔާމެދު ސުވާލު އުފެދިފައިވާތީ ވަޒީރުކަމުގެ ހުވާ އަލުން މައުސޫމް ކުރައްވަން ރައީސް ސޯލިހަށް ލަފާ އަރުވާން ހުށަހަޅާފައެވެ.

މިހުށަހެޅުން ފާސްވީ ކޮމިޓީގެ 8 މެމްބަރުންގެ އިއްތިގާފުން ކަމަށް މައުލޫމާތު ލިބެއެވެ.

މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ލަފާފުޅާއެކު ޓޫރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ޖަލްސާގައެވެ.

ޑރ. މައުސޫމަށް ރުހުންނުދީ އަނބުރާ ކޮމިޓީއަށް ފޮނުވާލަން މަޖިލީހުގެ އިއްޔެ ޖަލްސާއިން ނިންމީ، ވަޒީރުކަމުގެ ހުވާ ކުރެއްވިއިރު އަމިއްލަ ކުންފުންޏެއް ހިންގުމުގައި ޑރ. މައުސޫމް ހުންނެވުމާ ގުޅިގެންނެވެ.

ޑރ. މައުސޫމްގެ އަމިއްލަ ކުންފުނިން އިސްތިއުފާ ދެއްވީ މަގާމުގެ ހުވާ ކުރެއްވުމަށްފަހުއެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން ކޮމިޓީގެ މުގައްރިރު މުހައްމަދު ފަލާހު ވިދާޅުވީ، ވަޒީރެއްގެ ގައިގައި ހުންނަންޖެހޭ ޝަތުތުތައް ފުރިހަމަވޭތޯ ބެލުމަށްޓަކައި ކޮމެޓީން ހަތަނަކުން އެކަމުގެ މައުލޫމާތު ސާފުުކޮށްފައިވާނޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމަށް، ޑރ .ޢަބްދުﷲ މައުސޫމް އައްޔަން ކުރައްވައި، އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅު ދެއްވީ އޮގަސްޓްމަހުގެ ހަވަނަ ދުވަހުގައެވެ.

ރައީސް ސޯލިހް ޓޫރިޒަމް މިނިސްޓަރު ކަމަށް ޑރ. މައުސޫމް އައްޔަން ކުރެއްވީ، އެމަގާމުގައި ކުރިން ހުންނެވި އަލީ ވަހީދު މަގާމުން ވަކިކުރެއްވުމަށް ފަހުގައެވެ.