ސްޕެއިންގައި އަލުން ކޮވިޑް-19 ބަލި ފެތުރޭން ފެށުމާ ގުޅިގެން، ބަލި ފެތުރުން ހުއްޓުވައި ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް ސިފައިން ނެރެން ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ނިންމަވައިފިއެވެ.
މިކަން ބޮޑުވަޒީރު އިޢްލާން ކުރެއްވީ، އިއްޔެ ގައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ސްޕެއިންގައި ބަލީގެ ހާލަތު ގޯސްވަމުންދާ ސަރަހައްދުތަކުން ކުރަމުންދާ ޓްރޭސިންގެ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމުގެގޮތުން އެކަމުގައި އެހީތެރިވުމަށް ސިފައިން ނެރުއްވަން ނިންމަވާފައިވާ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
އެގޮތުން، 2،000 ސިފައިންގެ ފައުޖެއް އެކަމަށް ނެރުއްވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.
ބަލީގެ ހާލަތު މާޗްމަހު އޮތް މިންވަރަށް ނެތްނަމަވެސް، ސްޕެއިންގައި ބަލި އަލުން ފެތުރޭން ފަށާފައިވަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށް ކަމަށް ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވިއެވެ.
ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ، ބަލިމީހުންނާއި، އެމީހުންގެ ކޮންޓެކްޓުން ދެނެގަތުމަށް ސްޕެއިންގައި ތައާރަފް ކޮށްފައިވާ އެޕްލިކޭޝަން ޑައުންލޯޑްކުރުމަށް އެގައުމުގެ ހުރިހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.
ސްޕެއިނުން މިހާތަނަށް 405،000 އަށްވުރެ ގިނަމީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، ބަލީގައި 29،000 އާ ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައެވެ.
ސްޕެއިންއަކީ، ބަލި ފެތުރުން ހުއްޓުވަން އޭރު ޔޫރަޕުން ލޮކްޑައުންގެ އެންމެ ހަރުކަށި އެޅި ގައުމެވެ.
ސްޕެއިންގެ ބައެއް ހިސާބުތަކުގައި ކޮވިޑްބަލި އަލުން ފެތުރޭން ފެށިއިރު، މުޅި ގައުމުގައި ކުރިން އަޅާފައިވާ ލޮކްޑައުންގެ ބައެއް ފިޔަވަޅުތައް އަދިވެސް އުވަލާފައެއް ނުވެއެވެ.