މިހާރުގެ ހާލަތު އޮތްގޮތުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރާއްޖޭގައި ބޭއްވޭނެ ކަމަށް ބެލެވެނީ 2024 ވަނަ އަހަރު ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މަހުލޫފު ވިދާޅުވީ 2023 ވަނަ އަހަރު އައިއޯއައިޖީ ނުބޭއްވޭނެ ކަމަށާއި މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ އެ މުބާރާތް ފަސްކުރުން ކަމަށެވެ.

ނަމަވެސް އެކަމަށް އަދި ގޮތެއް ނުނިންމާ ކަމަށާއި 2024 ވަނަ އަހަރު ގޭމްސް ބޭއްވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ގޭމްސް ރާއްޖޭގައި ހޯސްޓުކުރުމާމެދު އަދި ގޮތެއް ނުނިންމާ ކަމަށާއި 2023 ގައި ގޭމްސް ބޭއްވިދާނެކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އަދި އެކަމުގައި ކުރިއަށްދެވޭނެ ގޮތްތަކަކީ ކޮބައިތޯ ބެލުމަށް ގޭސްމްގެ އޯގަނައިޒިން ކޮމިޓީއާއެކު މަޝްވަރާކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގައި އެދިފައިވާނެ ކަމަށާއި މިނިސްޓްރީއަލް ކޮމިޝަންގައި މަޝްވަރާކޮށްފައި އެކަމަށް ފަހުގެ ނިންމުން ނިންމާނެ ކަމަށް މަހުލޫފު ވިދާޅުވިއެވެ.

ކޮވިޑުގެ ހާލަތުން އަރައިގަތުމަށް ހުރިހާ ގައުމަކަށްވެސް ވަގުތު ނަގާނެކަން ފާހަގަކުރަމުން މަހުލޫފު ވިދާޅުވީ، ކޮވިޑުގެ ސަބަބުން ބައިނަލްއަގުވާމީ އެހެން ބޮޑެތި މުބާރާތްތައްވެސް ފަސްކުރަމުންދާ ކަމަށާއި އެހެންކަމުން ގޭމްސްވެސް ފަސްވެގެން ހިނގައިދާނެ ކަމަށެވެ.

މަލްޓި ސްޕޯޓްސް ގޭމްސްއެއްގައި މިހާތަނަށް ރާއްޖެއިން އެންމެ ގިނަ ކާމިޔާބީ ހޯދާފައިވަނީ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްއިންނެވެ.

މިދިޔަ އަހަރު މޮރިޝަސްގައި ބޭއްވި ގޭމްސްގައި ރާއްޖެއިންވަނީ ޖުމްލަ 15 މެޑަލް ހޯދާ ތާރީހުން ޖާގަހޯދާފައެވެ. މިއީ މިހާތަނަށް ރާއްޖޭގެ ކޮންޓިންޖެންޓަށް ލިބުނު އެންމެ ގިނަ މެޑަލްއެވެ.

ދެހާސް ތޭވީސް ވަނަ އަހަރު ބާއްވާ އައިއޯއައިޖީ ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާއިރު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައްވެސް ރާއްޖެއިން ވަނީ ފަށައިފައެވެ.

އެގޮތުން ކުޅިވަރުގެ އިންފްރާންސްޓަކްޗަރ ތަރައްގީކުރުމުގެ މަސައްކަތް ފެށިނަމަވެސް ކޮވިޑް-19 ގެ ސަބަބުން އެކަންކަމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.