ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމާއި ޓީސީ ސްޕޯޓްސް ކުލަބު އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބަށް ފަރިތަކުރުންތައް ކުރިއަށްގެންދިއުމުގެ ހުއްދަ އެޗްޕީއޭއިން ދީފިއެވެ.

މި ޓީމުތަކަށް ފަރިތަކުރުންތައް ބޭއްވުމުގެ ހާއްސަ ހުއްދަ ދިނީ އަންނަމަހު ބާއްވާ އޭއެފްސީ ކަޕް ފުޓުބޯޅަ މުބާރާތަށް ޓީމުތައް ތައްޔާރުވުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. އަދި ފުރަބަންދުގައި ގިނަދުވަހު ހުރުމާއި ގުޅިގެން ކުޅުންތެރިންގެ ފިޓްނަސްއަށް އަސަރުކުރުމުންނެވެ

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ޕްރެޒެންޓަރ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ މަހުލޫފު ވަނީ ހުއްދަ ލިބުނުކަން ހާމަކުރައްވާފައެވެ.

"އިއްޔެގައި ހުއްދަ ލިބިއްޖެ. އަޅުގަނޑަށް އެނގިގެން ހަމަ ޔަގީނުންވެސް މާޒިޔާގެ ޕްރެކްޓިސްތައް ކުރިއަށްދިޔަ ގަލޮޅު ދަނޑުގައި. މިހާރު އެޗްޕީއޭއިން ހުއްދަ މިދިނީ މާޒިޔާއާއި ޓީސީއާއި ގައުމީ ޓީމުގެ ވޯލްޑްކަޕް ކޮލިފައިންގެ މެޗުތައް ހުރީމަ. ދެން އޭއެފްސީ ކަޕްގެ މުބާރާތުގައި ވާދަކުރާ ދެޓީމަކީ މާޒިޔާއާއި ޓީސީ ކަމަށްވީމަ، ވަގުތު ނެތީމަ ހާއްސަ ހުއްދައެއްގެ ދަށުން އެޓީމުތަކަށް އެބައޮތް ހުއްދަ ދީފަ،"
މަހުލޫފު

މި ތިން ޓީމަށް ޕްރެކްޓިސްކުރުމުގެ ހުއްދަ ދިން ނަމަވެސް ފުރަތަމަ ޑިވިޝަނުގެ އެހެން އެއްވެސް ކުލަބަކަށް ޕްރެކްޓިސްކުރުމުގެ ހުއްދަ ދީފައިނުވެއެވެ.

ރާއްޖޭގެ ދެ ކްލަބުހިމެނޭ ގްރޫޕުގެ މެޗުތައް ކުޅުމަށް ނިންމާފައިވަނީ ރާއްޖޭގައެވެ. އެ ގްރޫޕުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބުގެ އިތުރުން ދެން ހިމެނެނީ އިންޑިއާގެ ޗެންނާއީ ސިޓީ އާއި ބަންގުލަދޭޝްގެ ބަޝުންދުރަ ކިންގްސްއެވެ.