އައްޑޫސިޓީ މަރަދޫގެ ދެފަޅިއަށް އަތިރި އޮންނައިރު އެއްފަޅިން ގޮސްފައި އޮންނަނީ ދިގު ލިންކްރޯޑެވެ. އަނެއްފަޅިއަކީ ރަށުގެ ފުއްޓަރު ނުވަތަ މަރަދޫމީހުން ކިޔާގޮތުންނަމަ ކަޅިބިތް ފަރާތެވެ.

ލިކްރޯޑު ހަދާފައި އޮންނަ ފަޅިއަކީ މީހުން މޫދަށްވެސް ނުވަތަ އަތިރިމައްޗަށްވެސް އެރެވޭގޮތަށް އޮންނަ ފަޅިއެއްނޫނެވެ. ލިންކްރޯޑު ހަދާފައި އޮތުމުން އެފަޅީގައި އަތިރި ނުވަތަ ގޮނޑޮދޮށެއް ނޯވެއެވެ. އެފަޅިން މޫދަށް އެރެން ބަލިކަމުގައި ވިޔަސް ހައިވޭއެއް ހުރަސްކޮށް ފައިބާންޖެހޭއިރު އެއީ ރައްކާތެރި ގޮތެއްވެސް ނޫނެވެ.

މަރަދޫއިން ދޮންވެލިކޮޅެއް ފެންނާން އޮންނަނީވެސް ފުއްޓަރު ފަރާތުގައެވެ. އެކަމަކު، އެއީ ޒަމާނުއްސުރެ މީހުން ކުނިއަޅައި، ކުނިތައް ގިނަވެފައި އޮތް ފަޅިއެކެވެ. ކަޅިބިތް ފަރާތުގެ އެކި ދިމަދިމާގައި އެތައް ދުވަހެއްވީ އެކި ކަހަލަ ކުނިފުނިތައް ޖަމާވެފައި ހުރެއެވެ. އަތިރިއާ ދިމާއަށްވާ ގޮތަށް ހުންނަ ގޭގޭގެ މީހުން އެގެއާ ދިމާ ކޮންމެވެސް ވަރަކަށް ސާފުކޮށް ބޭއްވި ނަމަވެސް، ގެއަކަށް ނުވާގޮތަށް ހުންނަ ދިމަދިމާގައި ގިނަ އަދަތަކަށް ކުނިތައް ހުންނަނީ ޖަމާވެފައެވެ.

މިގޮތަށް، ގޯއްޗަކަށް ނުވަތަ ވަކި ގެއަކަށް ނިސްބަތްނުވާ ގޮތަށް ކަޅިބިތް ފަރާތުގައި އެކި ނަންނަންކިޔާ "ފަންނު" ތައް ހުރެއެވެ. އެއީ، މީހުން އަތިރިމައްޗަށް އާންމުކޮށް ފައިބާއުޅޭ ދިމަދިމާއެވެ. އެފަދަ ދިމަދިމާއަށް ތަފާތު ނަންތައްވެސް ކިޔާފައި ހުރެއެވެ.

މަރަދޫ ކަޅިބޮތް ފަރާތުގައި ކުނިއަޅާފައި ހުރި ސަރަހައްދެއް:
ކުނިއަޅާފައި ހުރި ސަރަހައްދެއް ބަޔަކު ސާފުކުރަނީ:

މަރަދޫގެ ޒުވާނުންގެ ބަޔަކު އިސްނަގައިގެން މީގެ ދުވަސްކޮޅެއްކުރިން އެފަދައިން މީހުން އާންމުކޮށް އަތިރިމައްޗަށް ފައިބައިއުޅޭ ދިމާއެއް، ކުނިތައް ނަގައި، ސާފުކޮށް ރީތިކުރިއެވެ. ބޭނުމަކަށްވީ، ކުޑަކުދިންނާއި، އާއިލާތައް މޫދަށްއެރި ހިތްއުފާކޮށްލާންދާ ތަނަކަށް އެތަން ހެދުމެވެ.

އެގޮތުން، ކުޑަކުދިންނާއި، ބޮޑެތި މީހުންނަށްވެސް ބޭނުންކުރެވޭގޮތަށް އުނދޯލި އެލުވައި، ބިންގަނޑު އެއްވަރުކޮށް ރީތިކުރިއެވެ. އެތަން ހެދުމުން އެންމެނަށްވެސް އެތަން ރީތިވިއެވެ.

ޒުވާނުންގެ ބަޔަކު އިސްނަގައިގެން ފެށި މަސައްކަތަށް އެހިސާބުތަކުގެ އާންމުން ދޭންފެށި ތަރްހީބުން އެކަމަކީ އެމީހުންވެސް ބޭނުންވެފައި ތިބި ކަމެއްކަން އެނގިގެންދިޔައެވެ. އެކަމުގައި އަމަލީގޮތުންވެސް އާންމުން ބައިވެރިވާން ފެށިއެވެ.

ދެން ފެނިގެންދިޔައީ، މަރަދޫގައި މިގޮތަށް އެކި ނަންނަން ކިޔާފައި ހުންނަ "ފަންނު" ތައް އެ ސަރަހައްދެއްގެ ބަޔަކު އިސްނަގައިގެން ސާފުކޮށް ރީތިކުރާންފެށި ތަނެވެ. ހުރިހާ އުމުރެއްގެމީހުން ނުކުމެގެންނެވެ.

މީހަކު އަތިރިމަތި ކުނިކަހަނީ:

މިގޮތަށް، ރަށުގެ ފުއްޓަރުފަރާތް ނުވަތަ ކަޅިބިތްފަރާތުގެ ބައެއް ސަރަހައްދުތައް، ބަޔަކު އިސްނަގައިގެން ސާފުކުރަން ފެށުމުގެ ނަތީޖާއަކަށް ވެގެންދިޔައީ، ކުރިން ކުނިގޮނޑު ހެދިފައި އޮތް މުޅި ކަޅިބިތްފަރާތް އެއްކޮށް ސާފުވެގެންދިއުމެވެ. ކުނިތައް ނަގައި، ސާފުކޮށް އެ ސަރަހައްދުތަކަކީ މީހުން ހަވީރު ފިންޏަށާއި، ކުޑަކުދިންނާއި އާއިލާތަކާއެކު ގޮސް އުޅެވޭ ސަރަހައްދުތަކަށް ވެގެންދިއުމެވެ.

އުނދޯލިތަކާއި، ޖޯލިފަތިތައް ހެދި، ރާއްޖޭގެ އެކި ހިސާބުތަކުން ފެންނަކަހަލަ ޚާއްސަ އުނދޯލިގެތައްވެސް ހެދި، އެދިމަދިމާގެ މޫދުތެރެވެސް ސާފުކުރެވިގެން ދިޔައެވެ. ކުޑަކުދިން ހިތްއުފާކޮށްލާނެ ސާމާނުތައްވެސް ބެހެއްޓުނެވެ.

ކުނިކަހައި ރީތިކޮށްފައިވާ އަތިރިމަތީގެ ސަރަހައްދެއް:

މިހުރިހާ މަސައްކަތެއްވެސް ކުރީ ރަށުގެ ރައްޔިތުން ގުޅިގެންނެވެ. އެކަމުގައި ވަކި ފަންތިއެއް، ވަކި ޖިންސެއް، ވަކި އުމުރެއް ތަފާތެއްނެތި އެންމެން ބައިވެރިވެގެންނެވެ. އެކަމަށް ޚަރަދެއް ހިނގިއްޔާ އެންމެން އެކަމުގައި ހިއްސާވެގެންނެވެ.

ކުނިކަހައި ރީތިކޮށްފައިވާ އަތިރިމަތީގެ ސަރަހައްދެއް:
ކުނިކަހައި ރީތިކޮށްފައިވާ ސަރަހައްދެއްގެ އަތިރިމަތީގައި މޫދުތެރޭގައި ހަދާފައިވާ އުނދޯލިތަކުގައި ކުޑަ ދެކުދިން އިށީނދެލައިގެން:

މަރަދޫ ރައްޔިތުން، މަރަދޫގެ އަރިތިމަތި ރީތިކުރަން ކުރި މަސައްކަތް އައްޑޫސިޓީގެ އެހެން ރަށްރަށުގެ ސަމާލުކަމަށް އައެވެ. އެކި ރަށްރަށުގެ މީހުންނާއި، އާއިލާތައްވެސް މޫދަށްއެރިލައި އުފާކޮށްލަން އެ އަތިރިމަތިތަކަށް ޒިޔާރަތްކުރާން ފެށިއެވެ. މި އަތިރިމަތިތަކުގެ ވާހަކަތައް މީޑިއާއަށްވެސް އަރައި، ރާއްޖޭގެ އެންމެނަށްވެސް މަރަދޫ މީހުންގެ ވާހަކަތައް އެނގިގެންދިޔައެވެ.

މަރަދޫ ރައްޔިތުން، މަރަދޫގެ ރީތިކުރުމަށް ކުރި މަސައްކަތުގައި ފެނުނީ، ރައްޔިތުންގެ އިޖުތިމާއީ ގުޅުމުގެ ވަރުގަދަކަމެވެ. އެކުވެރިކަމެވެ. އެއްބައިވަންތަކަމެވެ.

މަރަދޫ ރައްޔިތުން އެމީހުންގެ އަމިއްލަ ހިތްވަރާއި މަސައްކަތުން ހެދި "ފަންނުތައް" ބައްލަވާލައްވަން އައްޑޫސިޓީގެ މޭޔަރު އަބްދުﷲ ސޯދިގުވެސް ވަޑައިގެންނެވިއެވެ. ސިޓީގެ ބައެއް ކައުންސިލަރުންވެސް ވަޑައިގެންނެވިއެވެ. އެހެން އިއްޒަތްތެރިންވެސް ވަޑައިގެން. އުނދޯލިތަކާއި ޖޯލިތަކުގައި ތިއްބަވައިގެން ފޮޓޯނަންގަވައި ހެއްދެވިއެވެ. މިއީ، މަރަދޫގެ ރައްޔިތުންނަށް އެކަމުގައި ލިބިގެންދިޔަ އިތުރު ހިތްވަރެއްވެސް މެއެވެ.

ކުނިނަގައި ސާފުކޮށްފައިވާ ސަރަހައްދެއް ބައްލަވާލައްވަން އައްޑޫސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ކުރެއްވި ޒިޔާރަތުގެ ތެރެއިން:

އެހެންނަމަވެސް، 27 އޮގަސްޓް 2020 ވީ ބުރާސްފަތި ދުވަހު އައްޑޫ ސިޓީ ކައުންސިލުން ނެރުނު އިޢްލާނަކާ ގުޅިގެން މަރަދޫގެ ރައްޔިތުންނަށް ލިބިގެންދިޔައީ ކުއްލި ސިހުމެކެވެ. ހައިރާންކަމެވެ.

އެ އިޢްލާނުގައި ބުނެފައިވަނީ، އައްޑޫގެ އެކި އަވަށްތަކާއި އެ އަވަށްތަކާއި ގުޅިފައިވާ ގޮޑުދޮށްތައް ކުނިކަހައި ސާފުކޮށް ބޭއްވުމަށްޓަކައި ޖަމިއްޔާ ޖަމާޢަތްތަކާއި އައްޑޫގެ ރައްޔިތުން ކުރަމުންގެންދާ މަސައްކަތްތަކަކީ ކައުންސިލުން އަބަދުވެސް ތަރުހީބުދޭ އަދި އެކަމަށް ބާރުއަޅާ ކަންތައްތަކެއް ކަމަށެވެ.

އެހެންނަމަވެސް ފަހަކަށްއައިސް ކައުންސިލްގެ ހުއްދަނެތި އައްޑޫސިޓީގެ އަވަށްތަކުގެ ގޮނޑުދޮށްތަކުގައި އަމިއްލަ ފަރާތްތަކުން ބީޗް ހެދުންފަދަ މަސައްކަތް ކުރަމުންގެންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، ހުއްދަ ހޯދުމަކާނުލާ ދައުލަތުގެ ބަންޑާރަ ބިން ބޭނުންކުރުމާއި އެބިންތަކާއި ގުޅިފައިވާ ގޮނޑުދޮށްތަކުގައި ބީޗް ހެދުންފަދަ މަސައްކަތްތައް ކުރުމަކީ ތިމާވެއްޓަށް އެކަމުން އަސަރުކުރާނެ އަދި ގާނޫނުގައިވެސް އެކަން މަނާކޮށްފައިވާ ކަންކަމެއް ކަމަށް ބުނެފައި ވެއެވެ.

އެހެންކަމުން މިފަދަ މަސައްކަތް ކުރަމުންގެންދާ އެންމެހާ ފަރާތްތަކަށް އެފަދަ މަސައްކަތް ނުކުރުމަށް ދަންނަވާ ކަމަށްވެސް އިޢްލާނުގައި ވެއެވެ. އެންގުމާ ޚިލާފްވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށްވެސް ބުނެފައި ވެއެވެ.

ކުނިނަގައި ސާފުކޮށްފައިވާ ސަރަހައްދެއްގައި މަރަދޫގެ އާއިލާތަކެއް މޫދަށް އެރެނީ:

އައްޑޫސިޓީ ކައުންސިލްގެ މި އިޢްލާނާ ގުޅިގެން މަރަދޫގެ އެތައްބަޔަކު ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުން އެބަގެންދެއެވެ.

ގިނަމީހުން ބުނަނީ، ސިޓީ ކައުންސިލަށް ކަމެއްކޮށް ނުދެވޭހާލުގައި، މަރަދޫގެ އަތިރިމަތީގައި ހުރި ކުނިގޮނޑުތައް ރައްޔިތުން އަމިއްލައަށް ސާފުކޮށް ރީތިކުރުމުން އެފަދަ ކަންކަން ހުއްޓުވަން ދިމާކުރުމަކީ ވަރަށްބޮޑަށް ހިތާކުރާ ކަމެއް ކަމަށެވެ. ގޮނޑުދޮށުގައި ހުރި އެތައް ޒަމާނެއްވީ ކުނިފުނިތައް ނަގައި ސާފުކުރުމުން ތިމާވެށްޓަށް ގެއްލުންލިބެނީ ކޮންގޮތަކަށްތޯ، ގިނަބަޔަކު ސުވާލު ކުރަމުންވެސް އެބަގެންދެއެވެ.

ކުނިނަގައި ސާފުކޮށްފައިވާ ސަރަހައްދެއްގައި ހަދާފައިވާ އުނދޯލިގެއެއް:

އަތިރިމަތި ސާފުކުރުމުގައި އުޅުނު މަރަދޫގެ ޒުވާނަކު ވީނިއުސްއާ ވާހަކަދައްކަމުން ވަނީ، ކައުންސިލްގެ ހުއްދަ ހޯދައިގެން ސާފުކުރީމާ ތިމާވެށްޓަށް ގެންލުން ނުވަނީތޯ ސުވާލުކޮށްފައެވެ.

"އަހަރެމެން ބީޗް ސާފުކުރުމުގައި ގަހެއް ކޮށީކީނޫން، ގަހެއް ކެނޑީކީނޫން. ރަށް ގިރައިގެންދާ ސަރަހައްދުތަކުގައި ބަސްތާޖަހައި، ހިމާޔަތްކުރީ. ކުނިނަގައި ސާފުކުރި ސަރަހައްދުތައް ތިންއިރަށް ކުނިކަހަނީ"

އެ ޒުވާނާ ބުނީ، މަރަދޫ ބިންހިއްކުން ޕްލޭންގަ އޮތްކަންވެސް އެނގޭ ކަމަށެވެ. ބިން ހިއްކަން ރާވާފައިވަނީވެސް ބީޗްތައް ސާފުކުރި ފަޅިންނެވެ.

"އެކަން އެނގިތިބެ ސާފުކުރީ. ބިން ހިއްކަންވީމަ ބިން ހިއްކާލީމަ ނިމުނީތާ. މިވަގުތަށް ރައްޔިތުންނަށް ބީޗުގެ ނަލަކަމާއި، ހިތްގައިމުކަމުގެ އުފާލިބޭނެތާ"

މަރަދޫއިން ވާހަކަދެއްކި ޒުވާނަކު ބުނީ، ސިޓީކައުންސިލުން ކުއްލިޔަކަށް މިފަދަ އިޢްލާނެއް ނެރުނީ ފޭދޫގައި ޖެހިގެންއުޅޭ ކަމަކާ ގުޅިގެންކަމަށް ބެލެވޭ ކަމަށެވެ. އެއީ، ސިޓީ ކައުންސިލުން ނެރުނު އިޢްލާނުގައި ޚާއްސަކޮށް ފޭދޫގެ ވާހަކަ ގެނެސްފައި އޮތުމުންނެވެ.

"މީގެ އިތުރުން، ފޭދޫ ހިއްކިބިން ސަރަހައްދަކީ އައްޑޫގެ ކުރިމަގާއި ގުޅިފައިވާ އިގްތިސާދީ މަސައްކަތްތައް ކުރުމުގެ ގޮތުން ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރަން ކަނޑައަޅައި އެކަމަށް ވަރަށް ގިނަ މަސައްކަތްތައްކެއްކޮށް ފަހުގެ މަރުހަލާގައިވާ ތަނެކެވެ. އެ ސަރަހައްދުގައި ބީޗް ހެދުން ފަދަ މަސައްކަތްތައް ކުރުމަކީ އެކަމުގެ ސަބަބުން ޕްރޮޖެކްޓަށް ނޭދެވޭ އަސަރުތަކެއް ކުރާނޭ ކަމަކަށްވާތީ މިސަރަހައްދު ބޭނުންކޮށްގެން އެފަދަ މަސައްކަތް ނުކުރުމަށް ދަންނަވަމެވެ"
އައްޑޫ ސިޓީ ކައުންސިލް

މަރަދޫއިން ވާހަކަ ދެއްކި މީހަކު ބުނީ، މިކަމުގެ ތެރެއަށް އައްޑޫގެ ހުރިހާ އަވަށެއްގެ ވާހަކަތައް ލައިގެން އިޢްލާން ނެރުމަކީ ދެރަކަމެއް ކަމަށެވެ. ސިޓީ ކައުންސިލުން ކަންތައްކުރަނީ މައްސަލަ ހައްލުކުރުމުގެ ބަދަލުގައި މައްސަލަ ހޫނުވާގޮތަށް ކަމަށްވެސް އޭނާ ބުންޏެވެ.

މަރަދޫގެ ބައެއް މީހުން ސޯޝަލް މީޑިއާގައި ފާޅުކުރަމުންދާ ޝުއޫރުތަކަށް ބަލާއިރު، ބައެއް މީހުން ބުނަމުންދަނީ ސިޓީ ކައުންސިލްގެ އިޢްލާނުގައި ބުނެފައިވާފަދަ "ބީޗެއް" އެމީހުން ނުހަދާ ކަމަށެވެ.

"އަފިރިން ކެރިކަމަކީ އަތިރެ ތިބި ކުނިނެގީ. ފިޅިއެއި ދަޅާއި ކޮތަޅަ ނެގީ. ގަރަގެން ގޭ ތަންތަނައް އަކިރާއި ވެލި އެޑައި ބަސްތާ ޖެހީ. ބަސްތާ ބަސްތާއި ފުރެއި ފިޅިތޮށިއެއި ތީނި ބައު ދަގަނޑަ ނެގީ. ދިޔަގަނޑަ ސައުފުކޮއް ހަނައި އުފާކެރާނެ މާހައުލައް ހޯދައި ދިނީ. މީ ތިމާވެށިއެއި ބީރައްޓެރި ކަންކަމީ؟"
މަރަދޫގެ އަންހެން ކަނބަލެއް