ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މާލީ ބަޔާން ހުށަހަޅުއްވާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

ރައްޔިތުން މަޖިލީހުގެ އިދާރާއިން ރައީސް ނަޝީދަށް ފޮނުއްވާފައިވާ ސިޓީއެއްގައި ވަނީ 2019 ވަނަ އަހަރުގެ މެއި މަހުގެ 28ވަނަ ދުވަހުން މިއަހަރުގެ މެއި މަހުގެ 27ވަނަ ދުވަހަށް ހުށަހަޅަންޖެހޭ މާލީ ބަޔާން ލިބިފައިވާ ކަމަށެވެ.

ރައީސް ނަޝީދު މާލީ ބަޔާން ހުށަހެޅުއްވި ނަމަވެސް މާލީ ބަޔާން އަދި މިހާތަނަށް އާއްމު ކޮށްފައެއްނުވެއެވެ.

ރައީސް ނަޝީދުގެ މާލީ ބަޔާން ހުށަހަޅާފައިވާ އިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދަރިންނާއި އަނބިން ނުވަތަ ފިރިންގެ މާލީ ބަޔާން އާންމުކޮށް، އަނބިން ނުވަތަ ފިރިންގެ މާލީ ބަޔާންތައްވެސް ހުށަހަޅާތާ 7 ދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންޖެހޭގޮތަށް ޖުލައި މަހުގެ ތެރޭގައި ވަނީ ފާސްކޮށްފައެވެ.

މިމައްސަލަ އާއްމު ކޮމިޓީއަށް ހުށައަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ. މިމައްސަލަ މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ ވޯޓުންނެވެ.

މާލީ ބަޔާން އާންމުނުކުރުމާއި ގުޅޭގޮތުން ކޮމިޓީން ފާސްކޮށްފައިވާ ރިޕޯޓަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްވަނީ އިސްލާހެއް ހުށަހަޅުއްވާފައެވެ، މި އިސްލާހުގައި ބުނެފައިވަނީ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ހުށަހަޅާތާ 7 ދުވަހުގެ ތެރޭގައި މަޖިލީހުގެ އަމީން އާންމު އޮޑިޓަރ ޖެނެރަލްއަށް ފޮނުވާންވާނެކަމަށެވެ. މި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ 65 މެމްބަރުންގެ ވޯޓާއިއެކުގައެވެ.

އާންމު ކޮމިޓީއަށް މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައި ވަނީ މެމްބަރުންގެ އަނބިން ނުވަތަ ފިރިންނާއި ދަރިންގެ މާލީ ބަޔާން އާންމު ނުކުރުމަށެވެ. މަޖިލީހުގެ ޤަވާއިދު މިހާރު ބުނާގޮތުން މެމްބަރުންނާއި މެމްބަރުންގެ އަނބިން ނުވަތަ ފިރިންނާއި 18 އަހަރު ނުފުރޭ ކުދިންގެ މާލީ ބަޔާން މަޖިލީހުގެ އަމީން އާންމަށް ހުށަހެޅުމުން މަޖިލީހުގެ ވެބްސައިޓްގައި އާންމު ކުރަންޖެހޭނެކަމަށެވެ.