ތޮއްޖެއްސުމުގެ ސިޔާސަތު މިވަނީ ބޮޑުތަނުން ފެއިލްވެފައި ކަމަށް ބ.ކެންދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

މެމްބަރު ހުސެއިން މިހެންވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވަނީ ތޮއްޖެއްސުމުގެ ސިޔާސަތު މިވަނީ ބޮޑުތަނުން ފެއިލްވެފައި ކަމަށާއި މާލެ ސަރަހައްދަށް އިތުރު މީހުން ޖަމާކުރުވާނެ ހުރިހާ ޕްރޮޖެކްޓްތަކެއް އެހެެން ސަރަހައްދުތަކަށް ބަދަލުކޮށްގެން ނޫނީ މިހާލަތު ބަދަލެއް ނުކުރެވޭނެ ކަމަށެވެ.

"މުޅިދުނިޔެއަށް ދަތިކަންއައިސް ވަށާލިޔަސް މާލޭގައި ކުއްޔަށްއުޅޭ މީހުންނަށް އެދަތިކަމުގެ އިހުސާސްވާނެ ކަމަށް ގަބޫލުނުކުރާ އެތައްބަޔަކު އުޅުމަކީ ހިތްދަތިކަމެއް." މެމްބަރު އަލީ ހުސެއިން

މެމްބަރު ހުސެއިން މިފަދައިން ޓްވީޓުކުރައްވާފައި މިވަނީ މާލޭ ސަރަހައްދުގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވަމުން ދާތީ ކޮވިޑަށް ހާއްސަ ކޮށްފައިވާ ފެސިލިޓީތަކަށް ރަށްރަށުގެ ސިއްހީ އެހީތެރިން ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު ބައެއް ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި އެޑްމިޓްކޮށްފައިވާ މީހުން ގެއަށް ފޮނުވާލާ އެ ތަންތަނުގައި ތިބި ނަރުހުން މާލެ ގެންނާތީ ބައެއް ރަށްރަށުން ކަންބޮޑުވުން ފާޅުކޮށްފައިވާ ވަގުތެއްގައެވެ.

މިހާރު ބަލި ޖެހޭ މީހުން އިތުރުވަމުން ދަނީ މާލޭ ސަރަހައްދުގައި ކަމަށްވުމުން ސަރުކާރުން މިހާރު ވަނީ އިންސާނީ ވަސީލަތްތައް އެންމެ ބޮޑަށް ބޭނުންވަނީ މާލޭ ސަރަހައްދުގައި ހުރި ފެސިލިޓީސް ތަކަށް ކަމަށް ބުނެފައެވެ. އަދި ސިއްހީ އެހިތެރިންގެ އަދަދު އިތުރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާރު އަތޮޅުތަކުގެ އެކި ރަށްރަށުންނާއި ރާއްޖެއިން ބޭރުން ސިއްހީ އެހީތެެރިން ގެނައުމުގެ މަސައްކަތް ކުރާ ކަމަށްވެސް ސަރުކާރުން ވަނީ ދާދިފަހުން ހާމަކޮށްފައެވެ.