މިދުވަސްވަރު ސިޔާސީ ހަރަކާތްތައް ހިންގަންވާނީ ސިޔާސީ ޕާޓީތަކުގެ ގާނޫނޫގައިވާ ގޮތުގެ މަތިން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރަައީސް އަދި ކޮމިޝަންގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރަައީސް އަހުމަދު އަކްރަމް މިފަދައިން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން އެޗްޕީއޭގެ ގައިޑްލައިންތަކާއި ޚިލާފަށް މާލޭގައި ސައިކަލް ބުރެއް ބޭއްވުމުން އެކަން ކުށްވެރިކޮށް ރައީސުލްޖުމްހޫރިއްޔާވެސް ވާހަކަފުޅު ދައްކަވާފައިވާ ވަގުތެއްގައެވެ.

ވީނިއުސްއާއި ވާހަކަދައްކަވަމުން އަކްރަމް ވިދާޅުވީ މިދުވަސްވަރުގައި އެއްވެސްް ސިޔާސީ ހަރަކާތެއް ބާއްވާ ކަމަށްވަނީ ނަމަ އެކަން ކުރަންވާނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށެވެ. އަދި އެގާނޫނުތައް ބުނާގޮތަށް އެހެން ގާނޫނުތަކުގެ ދަށުން ލިބިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

މިނޫން ގޮތަކަށް ސިޔާސީ ޕާޓީތައް ހިންގާކަމަށްވާނަމަ އިލެކްޝަންސް ކޮމިޝަނުން ފިޔަވަޅު އަޅާނަން. މީގެ ކުރިންވާނެ ހުރިހާ ޕާޓީތަކަށް އަންގާފަ ސިޔާސީ ހަރަކާތްތައް ހިންގަންވާނީ އިމުގެތެރެއިން ކަން."
ނައިބު ރައީސް އަހުމަދު އަކްރަމް

ކޮމިޝަނުން އަންގަންޖެހޭ އެންގުންތައް އެންގުމުން މައިންބަފައިންނާ ބެހުމަކީ ދަށުދަރަޖައިގެ ކަމެއް ކަމަށާއި އަދި އެގޮތަށް ކަންތައް ކުރިޔަސް މަގާމުގެ ޒިންމާތަކާ ދުރަށްނުދާނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

މި ދުވަސްވަރަކީ ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަން ދިވެހިރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ދުވަސްވަރަކަށްވެފައި، މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، މި ބަލިމަޑިކަމުގެ ދެވަނަ ރާޅެއްގެ އަސަރު ބޮޑުވެފައިވާ ދަނޑިވަޅަކަށްވާތީ، ކޮވިޑާ ގުޅިގެން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ނެރެފައިވާ ނަންބަރު 2020/6 (އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމަށް އިއުލާނުކުރާ ގަރާރު) އިން ދިވެހިރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލު ނުރައްކަލުގެ ހާލަތު އިތުރުކޮށްފައިވުމުން، ސިޔާސީ ހަރަކާތްތައް ބާއްވާއިރު، އެޗްޕީއޭގެ އުސޫލުތަކާއި އެންގުންތަކަށް އަމަލުކުރަން ޖެހޭނެ ކަމަށް އިލެކްޝަން ކޮމިޝަން އިން މީގެ ކުރިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެއެވެ.