ޕްރޮގެރްސިވް ޕާޓީ އޮފް މޯލްޑިވްސްއާއި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، 75،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ޕީޕީއެމްއާއި، ޕީއެންސީ ޖޫރިމަނާކުރީ، ސިޔާސީ ޕާޓީގެ ގާނޫނާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅާފައިވާ ގައިޑްލައިނާ ތަކުރާރުކޮށް ޚިލާފްވުމާ ގުޅިގެން ކަމަށެވެ.

ވީނިއުސްއަށް އިއްޔެ މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރަައީސް އަދި ކޮމިޝަންގެ ތަރުޖަމާނު އަހުމަދު އަކްރަމް ވަނީ، ސިޔާސީ ހަރަކާތްތައް ހިންގަންވާނީ ސިޔާސީ ޕާޓީތަކުގެ ގާނޫނޫގައިވާ ގޮތުގެ މަތިން ކަމަށް ވިދާޅެވަފައެވެ.

އަކްރަމް ވިދާޅުވީ މިދުވަސްވަރުގައި އެއްވެސްް ސިޔާސީ ހަރަކާތެއް ބާއްވާ ކަމަށްވަނީ ނަމަ އެކަން ކުރަންވާނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުގެމަތިން ކަމަށާއި، އަދި އެގާނޫނުތައް ބުނާގޮތަށް އެހެން ގާނޫނުތަކުގެ ދަށުން ލިބިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށެވެ.

"މިނޫން ގޮތަކަށް ސިޔާސީ ޕާޓީތައް ހިންގާކަމަށްވާނަމަ އިލެކްޝަންސް ކޮމިޝަނުން ފިޔަވަޅު އަޅާނަން. މީގެ ކުރިންވާނެ ހުރިހާ ޕާޓީތަކަށް އަންގާފަ ސިޔާސީ ހަރަކާތްތައް ހިންގަންވާނީ އިމުގެތެރެއިން ކަން."
އަހުމަދު އަކްރަމް

އެޗްޕީއޭގެ ގައިޑްލައިނާއި، ގާނޫނުތަކާ ޚިލާފްވެގެން އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްއާއި ޕީއެންސީ ޖޫރިމަނާ ކުރިއިރު، ސިއްހީ ގައިޑްލައިނާ ޚިލާފަށް މާލޭގައި މުޒާހަރާކުރި މައްސަލާގައި ޕީއެންސީގެ ރައީސް އަބްދުރައްހީމާއި، ނައިބް ރައީސް އިބްރާހިމް ޝުޖާއުއާއި، ޕީޕީއެމްގެ ނައިބް ރައީސް އަހްމަދު ޝިޔާމް ފުލުހަށް ހާޟިރުކޮށް، ކޮންމެ މެމްބަރަކު 1،000 ރުފިޔާއިން ޖޫރިނާ ކޮށްފައިވެއެވެ.