• ސައުދު ވިދާޅުވަނީ ބަލިމީހާ ރަށަށް އަރުވަން ވިލިނގިލީ ރައްޔިތުން ހުރަސް ނާޅާކަމަށް

ވެންޓިލޭޓަރެއް ވެއްޖިއްޔާ ގެންދާނީ ތިނަދޫއަށް ކަމަށާއި، ޕޭޝަންޓެއް ވިއްޔާ ގެންދަނީ ވިލިގިއްޔަށްކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ގއ.ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީއަށް، ގދ. ތިނަދޫއިން ގެންދިޔަ ކޮވިޑް-19 ގެ ބަލިމީހަކު އެރަށަށް އެރުވިޔަނުދީ ހުރަސްއެޅުމުން އެމީހާ އަނބުރާ ތިނަދޫއަށް ގެންދިޔަ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން ވިލިގިލީ ރައްޔިތުންނަށް ވަނީ އަމާޒުވެފައެވެ.

ތިނަދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ، މިއަދު ހެނދުނު 11 ޖަހާކަށްހާއިރު ސީ އެމްބިއުލާންސްގައި ވިލިނގިއްޔަށް ގެންދިއުމުން، އެމީހާ އެރަށަށް އެރުވުމަށް ދެކޮޅުހަދާ އެރަށުގެ ބަޔަކު ނުކުމެ މުޒާހަރާކުރަން ފެށުމުން އެރަށު ފަޅުތެރޭގައި ގާތްގަނޑަކަށް 3 ގަޑިއިރު މަޑުކުރުމަށްފަހު ވަނީ އަނބުރާ ތިނަދޫއަށް ގެންގޮސްފައެވެ.

އެކަމާއި ގުޅިގެން މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަމަވުން މެމްބަރު ސައުދު ވިދާޅުވީ، އެއްވެސް ހާލަތެގައި އެހެން ރަށެއްގެ ރައްޔިތަކު ވިލިނގިއްޔަށް އެރުމަށް އެރަށު ރައްޔިތުން މަސައްކަތްކަތެއް ކޮށްފައި ނުވާ ކަމަށެވެ.

"4 މިލިއަން ރުފިޔާއަށް ހަމައެކަނި އިމާރާތެއްގަ ކުލަލާފަ، އެތާގަ ބަހައްޓާފަ ހުރީ ބެޑު. ތިނަދޫ އަކީ ހުވަދު އަތޮޅުގެ ރީޖަނަލް ލެވެލްގެ ހެލްތް ފެސިލިޓީސް ގާއިމްކޮށްފަ ހުރި ރަށް. މޮހޮނަށް އޮޑިދޭ މިސާލުން، ވިލިނގިލީގަ ހެލްތް ފެސިލިޓީ ގާއިމްކުރީ ރީޖަނަލް ލެވެލްގަ. ކޮވިޑަށް ޓެސްޓުކުރާ ފެސިލިޓީ ތިނަދޫގަ. ދެން ޖެހުނުކަމެއް ތިނަދޫގަ. ވެންޓިލޭޓަރު ވެއްޖިއްޔަ ތިނަދޫއަށް. ޕޭޝަންޓް ވިއްޔާ ވިލިގިއްޔަށް"
ގއ.ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން

ސައުދު ވިދާޅުވީ މިއަދު ޖެހުނު މައްސަލައަކީ އެރަށު ރައްޔިތުންގެ ސަބަބުން ޖެހުނު މައްސަލައެއް ނޫންކަމަށާއި ޖެހުނު މައްސަލައަކީ ޕޭޝަންޓް އެހީތެރިއާއާ އެކުގައިނޫނީ އައިސޮލޭޝަނަށް ދާން ބޭނުންނުވުން ކަމަށެވެ.

ކޮވިޑަށް ޕޮޒިޓިވް ވެގެން ތިނަދޫއިން ވިލިގިއްޔަށް ގެންނަ ޕޭޝަންޓުގެ އައިސޮލޭޝަން ހުއްދައިގަ އިނީ ހަމައެކަނި ޕޭޝަންޓަށް ދީފައިވާ ހުއްދައެއްކަން ފަހަގަކުރައްވާ ސައުދު ވިދާޅުވީ، އެވަގުތު ޕޭޝަންޓުގެ އެހީތެރިއާއަށް ހުއްދަނެތީމަ، ޕޭޝަންޓު ވިލިނގިއްޔައް އަރަން ބޭނުން ނުވީކަމަށެވެ. އެކަމާއި ގުޅިގެން ހިނގިކަމެއް މީހުން ސިޔާސީކޮށްގެން އެވާހަކަދައްކަނީ ކަމަށްވެސް ސައުދު ވިދާޅުވިއެވެ.

ހުވަދު އަތޮޅު ކޮވިޑް ފެސިލިޓީގެ ނަމުގައި ވިލިނގިލީގައި ގާއިމްކޮށްފަހުރި ކޮވިޑް ފެސިލިޓީއަކީ އެވަގުތު ހެލްތް މިނިސްޓްރީގެ ތެރެއިން ކޮށްފައިއޮތް ބޮޑު ވައްކަމެއްކަމަށް ސައުދު ވަނީ ތުހުމަތު ކުރައްވާފައެވެ.

ތިނަދޫއިން ކޮވިޑަށް ޕޮޒިޓިވްވި ބަލިމީހަކު، ތިނަދޫފަދަ މަތީ ފަންތީގަ ފަރުވާ ލިބެންއޮތް ރަށަކުން އެއްވެސް ފަރުވާއެއް ނެތްތަނަކަށް ގެމްދިޔައީމަ ހިތާމަކުރަންކަމަށް ސައުދު ވިދާޅުވިއެވެ.

ހަމައެކަނި އެނދެއް ބަހައްޓާފަ ހުރިތާކަށް ކްރިޓިކަލް ޕޭޝަންޓެއް ނެގައީމަ ފަރުވާދޭނީ ކިހިނެއްތޯ ސުވާލުކުރައްވާ ސައުދު ވިދާޅުވީ ވިލިގިލީގައި އެކަމަށް ހާއްސަ ޓޮކްޓަރުންވެސް ނެތްކަމަށެވެ.

ރަނގަޅަށް ފަރުވާ ނުދެވޭނެ ތާކަށް ޕޭޝަންޓަކު ގެއްދަން އުޅުމަކީ ވަރަށްބޮޑު ގޯހެއްކަމަށް ވިދާޅުވެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އިސްތިއފާއަށްވެސް ސައުދު ވަނީ ގޮވާލައްވާފައެވެ.