މުޅި ދުނިޔެއަށް ފެތުރިފައިވާ ބިރުވެރި ކޮވިޑް-19ގެ ބަލިމަޑުކަން ރާއްޖެއަށްވެސް ފެތުރި ގިނަ ރަށްތަކުން މިބަލި ހުރި މީހުން ފެންނަމުންދާއިރު އެންމެ ފަހުން ކޮވިޑްގެ ކޭސްއެއް ފެނިގެން މޮނިޓަރިންއަށް ލާފައިވާ ރަށްތަކުގެ ތެރޭ ގ.ދ ތިނަދޫވެސް ހިމެނެއެވެ.

އެރަށުން ކޮވިޑް ކޭސްއެއް ފެނުމާއިއެކު ފެނިގެން ދިޔައީ އެންމެންވެސް ނަމޫނާ ދެއްކިތަނެވެ. ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ ނަގާ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓިތަނެވެ.

ކޮވިޑް ބަލިމަޑުކަން އެރަށުން ފެނުމުން ހާސްކަމެއްގައިވާ މީހުންގެ ހިތަށް މިކަމުގެ ސަބަބުން ވަނީ ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބިފައެވެ.

ރަށުގެ އާބާދީގައި، އެރަށުގެ މީހުންނާއި، އެކިރަށްރަށުން އެރަށަށް ހިޖުރަކޮށްފައިވާ މީހުން އަދި ރަށުގައި މަސައްކަތްކުރާ ބިދޭސީން ހިމެނޭހެން 12000 ވަރަކަށް މީހުން ދިރިއުޅެއެވެ.

ގދ. ތިނަދޫ / ފޮޓޯ: ސްޓޫޑިއޯ33

މިދިޔަ ހޮނިހިރު ދުވަހު ތިނަދޫން ކޮވިޑަށް މީހަކު ޕޮޒިޓިވްވުމާއިއެކު ގިނަ ބަޔަކުވަނީ ފަރުދީ ޒިންމާ އަދާކުރަން ފަށާފައެވެ. ވަޒީފާތަކަށް ދާ މީހުންނާއި، މިސްކިތަށް ދާމީހުންނާއި ގެއިން ބޭރަށްދާ އެންމެންކަހަަލަ ގޮތަކަށް ތިބިތަން ފެންނަމުންދަނީ މާސްކްއަޅައިގެންނެވެ. މީގެ ތެރޭގައި ގެއިން ބޭރުގައި މަސައްކަތުގައި އެންމެ ގިނައިން އުޅޭ މީހުންގެ ތެރޭގައި ހިމެނޭ އެ ރަށުގައި މަސައްކަތްކުރާ ބިދޭސީންވެސް ހިމެނެއެވެ.

މަގުމަތިން މި މަންޒަރުތައް ފެންނައިރު އާންމުކޮށް މިސްކިތަށްދާ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންވެސް މާސްކް އަޅައިގެން މިސްކިތަށްދާކަން އެރަށުގެ މީހުން ފާހަގަކުރެއެވެ.

އެރަށް މޮނިޓަރިންގައި އޮތްކަމުގައި ވިޔަސް ކެފޭ، ހޮޓާ، ރެސްޓޯރެންޓްފަދަ ގިނަ މީހުންނަށް ތިބެވޭފަދަ ތަންތަން ބަންދުކޮށްފައި ނުވާތީ އެތަންތަނުންވެސް ދަނީ ޚިދުމަތްތައް ދެމުންނެވެ. ނަމަވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އިރުޝާދުތަކާއި އެއްގޮތަށެވެ.

ވެއިޓަރުންނާއި އެތަންތަނުގައި ޚިދުމަތްދެމުންދާ އެންމެންވެސް މަސައްކަތްކުރަމުންދަނީ މާސްކްއަޅައި އަންގި ބޭނުންކޮށްގެންނެވެ. މިއީ ބަޔަކު ބުނެގެން ކުރިކަމަށްނުވާއިރު ފަރުދީގޮތުން އެރަށުގެ ރައްޔިތުން ނަގާފައިވާ ޒިންމާތަކެވެ. އެކަން އެރަށުގެ ކޮންމެ ފަރުދަކުވެސް އުފަލާއިއެކު ފާހަގަކުރެއެވެ.

ރަށުގެ 90 އިންސައްތަ މީހުން މާސްކް އަޅައިގެން އުޅެނީ. ބޭރުތެރެއަށް އެހާ ގިނައިން ނުކުމެ ނޫޅޭ ގިނަ މީހުން. ކޮންމެހެން ނުކުންނަން ޖެހުނަސް އެންމެންވެސް ތިބެނީ މާސްކް އަޅައިގެން. އޭގެ ތެރޭގައި މިރަށުގައި އުޅޭ ބިދޭސީން ވެސް ހިމެނޭ. ކޮންމެ ގޮތެއް ވިޔަސް ވަރަށް އުފާވޭ މިހެން ބަޔަކު ނާންގަނީސް އެންމެންވެސް ފަރުދީ ޒިންމާ އަދާކުރީމަ
ތިނަދޫގެ ޒުވާނެއް

ރާއްޖެއިން ކޮވިޑް ފެނުމާއިއެކު ވަރަށް ގިނަ ރަށްތަކުގެ ބަނދަރުތަކާއި އާންމުކޮށް މީހުން ގިނައިން އުޅޭ ސަރަހައްދުތަކުގައި އަތް ދޮވެވޭނެ ގޮތް ވަނީ ހަދާފައެވެ. ތިނަދޫގައިވެސް އެފަދަ ތަންތަން ހަދާފައިވާއިރު މިއީ އެފަދަ ތަންތަނުގެ ބޭނުންކޮށް ސާފްތާހިރުކަން އިސްކުރަންވީ ވަގުތެވެ.

ފަރުދީ ޒިންމާ އަދާކުރުމުގައި އިސްނެގިފަދައިން ގައިދުރުކަން އިޚްތިޔާރުކުރުމާއި، ގިނަ މީހުން އެއްވާތަންތަނަށް ނުދިޔުންފަދަ އެޗްޕީއޭއިން އަންގާފައިވާ ގައިޑްލައިންތަަކަށް ފުރިހަމައަށް ބޯލަނބަންވީ ވަގުތެވެ.