އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރްޖީ އަވަހާރަވެއްޖެއެވެ.

މިކަން އާއިލާއިންވަނީ ކަށަވަރު ކޮށްދީފައެވެ.

އުމުރުފުޅުން 84 އަހަރުގެ ކުރީގެ ރައީސް ޕްރަނާބް މުކަރްޖީ އަވަހާރަވީ ނިއުދިއްލީގެ އަސްކަރީ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންގެންދަނިކޮށެވެ.

ކުރީގެ ރައީސް ޕްރަނާބް މުކަރްޖީ ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނީ، ސިކުނޑިފުޅުގެ ނާރެއްގައި ހުރި ގަނޑުލޭކޮޅެއް ނެގުމަށްޓަކައެވެ.

މި އޮގަސްޓްމަހުގެ 10 ވަނަދުވަހު އޮޕަރޭޝަން ކުރުމަށްފަހު ހާލުކޮޅު ދެރަވެގެން އޮގަސްޓް 11 ގެ ފަހުން ފަރުވާ ދެމުންގެންދިޔައީ ވެންޓިލޭޓަރުގައެވެ.

އޮޕަރޭޝަންގެ ފަހުން ކުރީގެ ރައީސް އޮންނެވީ ކޯމާގައި ކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ.

އޮޕަރޭޝަން ކުރުމަށްޓަކައި ހޮސްޕިޓަލަށް ވަޑައިގެންނެވިފަހުން ޕްރަނާބް މުކަރްޖީ ކޮވިޑް-19 އަށްވެސް ޕޮޒިޓިވްވެފައި ވެއެވެ.

އެހެންނަމަވެސް، ކުރީގެ ރައީސް އަވަހާރަވީ ހަށިކޮޅުގެ ގިނަ ގުނަވަންތަކުގެ މަސައްކަތް ހުއްޓިގެންކަމަށް މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.

އިންޑިއާގެ މިހާރުގެ މައި އިދިކޮޅު ޕާޓީގެ ވަރަށް އިސް ލީޑަރެއްގެ ގޮތުގައި ހުންނެވި ޕްރަނާބް މުކަރްޖީ އިންޑިއާގެ ރައީސްކަން ކުރައްވާފައިވަނީ 2012 އިން 2017 އަށެވެ.

ސިޔާސީ މައިދާނުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި ޕްރަނާބް މުކަރްޖީވަނީ އިންޑިއާގެ މައި ސަރުކާރުގެ ދިފާއީ ވަޒީރުކަމާއި، ޚާރިޖީ ވަޒީރުކަމާއި، މާލީ ވަޒީރުކަންވެސް ކުރައްވާފައެވެ.

ޕްރަނާބް މުކަރްޖީގެ އަނބިކަނބަލުން 2015 ވަނަ އަހަރުވަނީ އަވަހާރަވެފައެވެ. މިހާރު ދުނިޔޭގައި ތިއްބެވީ ޕްރަނާބް މުކަރްޖީގެ ދެ ފިރިހެން ދަރިކަލުންނާއި، އަންހެން ދަރިކަނބަލެކެވެ.

ދެ ފިރިހެން ދަރިކަލުންގެ ތެރެއިން އަބީޖީތު މުކަރްޖީއަކީ އިންޑިއާ ޕާލަމެންޓުގެ ކުރީގެ މެމްބަރެކެވެ.