ޖަރުމަނުގައި މިހާރު ކުޅެމުން އަންނަ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ޕޮލޭންޑުގެ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޮސްކީ ހޮވިއްޖެ އެވެ.

އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލެވަންޑޮސްކީ ހޯދީ އޭނާއާއެކު ބަޔާންގައި ކުޅެމުންދާ ތޯމަސް މުލާ އަދި ޖޮޝުއާ ކިމިޗް ފަހަތަށް ޖައްސާލުމަށްފަހުގައެވެ. ލެވަންޑޮސްކީއަށް މި މަގާމު ލިބުނުއިރު އޭނާ ވަނީ މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ޖަރުމަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލެވަންޑޮސްކީއަށް ލިބުނީ 276 ވޯޓާއެކުގައެވެ. ދެވަނަ ކުޅުންތެރިއަކަށް ތޯމަސް މުލާ ހޮވުނުއިރު އޭނާއަށް ލިބުނީ 54 ވޯޓެވެ. އަދި ތިންވަނަ ލިބުނު ޖޮޝުއާ ކިމިޗްއަށް ލިބިފައިވަނީ 49 ވޯޓެވެ.

މަގާމު ލިބުމުން ޖަރުމަނުގެ މީޑިއާތަކާއި ވާހަކަދައްކަމުން ލެވަންޑޮސްކީ ބުނީ މިއީ ލިބުނު ބޮޑު ޝަރަފެއް ކަމަށާއި މިއީ ބަޔާން މިއުނިކްގެ ސަބަބުން ލިބުނު ކާމިޔާބީއެއް ކަަމަށެވެ. އެގޮތުން ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ކޯޗިން ސްޓާފުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބުނުކަން އޭނާ ފާހަގަކުރިއެވެ.

މިދިޔަ ސީޒަނުގައި ބަޔާން މިއުނިކްގެ ކާމިޔާބީތަކުގައި ލެވަންޑޮސްކީގެ ދައުރު ވަރަށް ބޮޑެވެ. ބަޔާނުން ކާމިޔާބުކުރި ތިން ތައްޓާއެކު ނިމިދިޔަ ސީޒަންގައި ގެއްލުނު ހަމައެކަނި ގޯލު ޓްރޮފީއަކީ ޔޫރޮޕުގެ ރަން ބޫޓެވެ. ޖުމްލަ 55 ލަނޑު ޖަހައިގެން އޭނާ ދެވަނައަށް ދިޔަ އިރު ލެވަންޑޮސްކީއަށް ވުރެ ދެ ގޯލު އިތުރަށް ލީގުގައި ޖަހައިގެން އެ މަގާމު ހޯދީ ލާޒިއޯގެ ފޯވާޑް ޗީރޯ އިމޯބިލްއެވެ.

ޖަރުމަނުގެ ލީޑިންގް ޖާނަލިސްޓުންނާއި ފުޓުބޯޅައިގެ ނުފޫޒުގަދަ ފަރާތްތަކުގެ މެދުގައި ނެގި މި ވޯޓުން ލެވަންޑޮސްކީ ހޮވުނުއިރު ލެވަންޑޮސްކީ ވަނީ އެ ޓީމާއި އެކު މޮޅު ކުޅުމެއް ދައްކައިފައެވެ.

މި މަގާމު ލިބުމާއެކު ލެވަންޑޮސްކީ ވެގެންގޮސްފައިވަނީ 2015 ވަނަ އަހަރުގެ ފަހުން މި މަގާމު ހޯދި ޖަރުމަނުން ބޭރު ފުރަތަމަ ކުޅުންތެރިޔާއަށެވެ.