އިންޑޮނޭޝިޔާގައި ފަތުރެމުންދާ ކޮވިޑް-19 ބަލީގެ ހާލަތު މިފެށުނު ސެޕްޓެމްބަރުމަހު ޕީކަށް އަރާނެ ކަމަށް ބެލެވޭ ކަމަށް އިންޑޮނޭޝިޔާގެ ރައީސް ވިދާޅުވެއްޖެއެވެ.

ވެސްޓް ޖާވާގައި ހުންނަ ބޮގޯރް ޕެލަސްގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިންޑޮނޭޝިޔާގެ ރައީސް ޖޮކޮ ވިޑޯޑޯ ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު އިންޑޮނޭޝިގައި ބަލީގެ ހާލަތު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

ހަމަ އެއާއެކު، ބަލީގެ ހާލަތު ކޮންޓްރޯލް ކުރެވިފައި އޮތް އޮތުން ދެމެހެއްޓުމަށް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ބަލީގެ ހާލަތު ކޮންޓްރޯލް ކުރެވިފައިވާކަމަށް ވިދާޅުވީ، ބަލިން ފަސޭހަވާ މީހުންނާއި، އެކްޓިވް ކޭސްތަކުގެ އަދަދުތަކަށް ރިއާޔަތް ކުރެއްވުމަށް ފަހުގައި ކަމަށްވެސް ރައީސް ވިޑޯޑޯ ވިދާޅުވިއެވެ.

ނިމިގެންދިޔަ އޮގަސްޓްމަހު އިންޑޮނޭޝިޔާއިން ބަލިން ފަސޭހަވި ރޭޓް އުޅެނީ %72.1 ގައެވެ. ދުނިޔޭގެ އެވްރެޖަކީ %69 އެވެ.

އިންޑޮނޭޝިޔާއިން މިހާތަނަށް 177،571 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 7،5050 މީހުންވަނީ ބަލީގައި މަރުވެފައެވެ. އިންޑޮނޭޝިޔާއަކީ ދެކުނު އިރުމަތީ އޭޝިޔާއިން ބަލީގައި އެންމެ ގިނަމީހުން މަރުވި ގައުމެވެ.

އެހެން ނަމަވެސް، ރައީސް ޖޮކޮވީ ވިދާޅުވީ، އޭޕްރީލްމަހާ އަޅާބަލާއިރު އޮގަސްޓްމަހު މަރުވި މީހުންގެ ރޭޓްވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.

ހަމައެއާއެކު، ބަލީގައި މަރުވާ މީހުންގެ ރޭޓް ދަށްކުރުމަށާއި، ބަލީގެ ހާލަތު އިތުރަށް ގޯސްވިޔަނުދިނުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އިންޑޮނޭޝިޔާގެ ހުރިހާ ސަރަހައްދުތަކުގެ ކަމާބެހޭ ފަރާތްތަކާއި، އާންމު ރައްޔިތުންނަށް އިންޑޮނޭޝިޔާގެ ރައީސް ވަނީ ގޮވާލައްވާފައެވެ.

އިންޑޮނެޝިޔާގެ ރައީސް ޖޮކޮ ވިޑޯޑޯ ވިދާޅުވީ، މިއަހަރު ނިމުމުގެކުރިން ރައްކާތެރި އަދި ފުރިހަމަ ވެސިނެއް ލިބޭނޭކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"ވެކްސިނެއް ލިބެންދެން އާންމު ހުރިހާ ފަރުދުންނަށްވެސް އޮތް ގޮތަކީ ބައްޔާދެކޮޅަށް ގަދައަޅައި މަސައްކަތްކުރުން"
އިންޑޮނޭޝިޔާގެ ރައީސް

އިންޑޮނޭޝިޔާއިން އިއްޔެ އެކަނިވެސް 2،775 މީހުން އަލަށް ޕޮޒިޓިވްވެފައި ވެއެވެ. މިއީ، މިހާތަނަށް އެއްދުވަހެއްގައި އެންމެ ގިނަމީހުން ޕޮޒިޓިވްވި ދުވަހެވެ.

އެހެންކަމުން، ބަލީގެ ހާލަތަށް ރިއާޔަތް ކުރައްވައި ރައީސް ޖޮކޮ ވިޑޯޑޯ ވިދާޅުވީ، މިމަހުގެ ތެރޭގައި ޕީކަށް އަރާނެކަމަށް ބެލެވޭ ކަމަށެވެ.