ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ކުޅޭ މެޗުތައް ހޯމް އެންޑް އަވޭ އުސޫލުން ކުޅުމަށް މަސައްކަތްކުރާނެ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

ރާއްޖެއާއި ޔޫއޭއީ އެކުވެރިކަމުގެ މެޗުތައް ކުޅުމަށް ނިންމާފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު ޔޫއޭއީ ފުޓްބޯޅަ އެސޯސިއޭޝަނުގެ ޗެއާމަން ރާޝިދު ބިން ހުމައިދު އަލް ނުއައިމީއާ އެކު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ބޭއްވި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގައެވެ.

މި ބައްދަލުވުމުގައި އެއްބަސްވެވުނީ ޔޫއޭއީގެ އިތުރުން ރާއްޖޭގައި ވެސް މެޗުތަކެއް ކުޅޭގޮތަށެވެ. އަދި މަޝްވަރާކުރީ އަންހެން އަދި ފިރިހެން ގައުމީ ޓީމުގެ މެޗުތައް ކުޅޭ ގޮތަށެވެ.

މެޗުތައް ކުޅުމުގެ އިތުރުން ދެން ޔޫއޭއީއާ އެކު މަޝްވަރާކުރެވުނު އަނެއް ކަންތައްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރަން ކުރެވޭނެ މަސައްކަތްތަކާއި ބެހޭގޮތުންނާއި ކޯޗުންނާއި ރެފްރީން ތަރައްގީކުރަން އެހީ ހޯދޭނެ ގޮތްތަކާ ބެހޭގޮތުންނެވެ.

ކޮވިޑް-19 އާ ގުޅިގެން އޭއެފްސީއާއި ފީފާއިން ވަނީ މާޗު މަހާއި ޖޫން މަހު ކުޅެން ތާވަލުކޮށްފައި ހުރި މެޗުތައް ފަސްކޮށްފަ،، އަދި ފަހުން ވަނީ އެ މެޗުތައް އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހު ކުޅުމަށް ތާވަލުކޮށްފައެވެ. އެކަމަކު ކޮވިޑްގެ ނުރައްކާ އަނެއްކާވެސް ގައުމުތަކުގައި އިތުރުވަމުން ދިއުމާ ގުޅިގެން ފީފާއިން ވަނީ އަނެއްކާވެސް މެޗުތައް ފަސް ކުރަން ނިންމާފައެވެ.