• ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުމާއެކު ފުރައްސާރަކުރި، ބަލިމީހާގެ ފޮޓޯ ސޯޝަލް މީޑިއާއަށްލި
  • ލޯންޗު ފަޅަށް ވަތްއިރު 200 ވަރަކަށް މީހުން ޖެޓީމަތީގައި
  • ބަލިމީހާ ރަށަށް ނޭރުވުމަށާއި، ލޯންޗް ފައްތާލުމަށްވެސް ގޮވި
  • ކަނޑުމަތީގައި 4 ގަޑިއިރު، ނަފްސާނީ ގޮތުން މީހާ ބަލިކަށިވި

ހޯމަދުވަހު ސޯޝަލް މީޑިއާއާއި، ނޫސްތަކުގެ ފަލަ ސުރުތަކުން ފެނިގެންދިއާއީ އެއް ވާހަކައެކެވެ. ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީއަށް، ގދ.ތިނަދޫއިން ގެންދިޔަ ކޮވިޑް-19 ގެ ބަލިމީހަކު އެ ރަށަށް އެރުވިޔަނުދީ ހުރަސްއެޅި ވާހަކަ އެެވެ. 65 އަހަރުން މަތީގެ އެ މީހާއަކީ މިބަލީގެ ނުރައްކާބޮޑު ކެޓެގަރީގައި ހިމެނޭ މީހެކެވެ. މިމައްސަލައާއި ގުޅޭގޮތުން މަޖިލީހުގައިވެސް ގިނަ ވާހަކަަތަކެއް ދެކެވި، މެންބަރުންގެ މެދުގައި މިކަމާގުޅިގެން ކަންބޮޑުވުންތައް އުފެދި، މިހާރު ވަނީ ސަރުކާރުގެ ސަމާލުކަމަށްވެސް މިމައްސަލަ އައިސްފައެވެ. އަދި މިމައްސަލާގައި އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށްވެސް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

ރާއްޖޭގެ 5 ސަރަހައްދެއްގައި، ސަރުކާރުން ކޮވިޑް ފެސިލިޓީ ގާއިމްކޮށްފައިވާއިރު، ހުވަދު އަތޮޅުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދިނުމަށް ގެންދަން ހަމަޖައްސާފައި ވަނީ ގއ. ވިލިނގިލީގައި ގާއިމްކޮށްފައިވާ ފެސިލިޓީއަށެވެ. އެހެންނަމަވެސް އެރަށަށް ކޮވިޑް ޕޭޝަންޓެއް ގެންދިޔުމުން ފެނިގެންދިއައީ އެހެން މަންޒަރަކެވެ. މި ހާދިސާ ހިނގި ގޮތް ޕޭޝަންޓްގެ ދަރިއަކު ވަނީ ވީނިއުސްއާއި ހިއްސާކޮށްފަ އެވެ.

ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުމާއެކު ފުރައްސާރަ :

ބަލިމީހާ ތިނަދޫ ހޮސްޕިޓަލަށް ދެއްކީ ނޭފަތް ދުޅަވެގެން، މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. ޑޮކްޓަރަށް ދެއްކުމުން، އެ އޮންނަ އުސޫލުގެ ދަށުން ނޭފަތް އޮޕަރޭޝަން ކުރެވެން އޮޮންނަނީ ކޮވިޑް ޓެސްޓު ކޮށްގެންކަމަށް ވާތީ، ކޮވިޑް ޓެސްޓު ހެދިއެވެ. އަދި ޕޮޒިޓިވްވިކަން އާއިލާއަށް އަންގާ އޮޕަރޭޝަން ވެސް ކުރިއެވެ.

ބަލި މީހާގެ ދަރިފުޅު ކިޔައިދިންގޮތުން އޮޕަރޭޝަން ކުރުމަށްފަހު ހޮސްޕިޓަލުގެ ވަކި ރޫމެއްގައި އެޑްމިޓްކުރިއެވެ. އޭނާ އަކީ 65 އަހަރުން މަތީގެ މީހަކަށްވެފައި އެހެން މީހެއްގެ އެހީތެރިކަން ބޭނުންވާނެތީ އާއިލާގެ އެދުމުގެ މަތިން ބަލިމީހާ ގާތުގައި އިތުރު މީހަކު ހުރުމުގެ ފުރުސަތު ލިބުނުކަމަށް އޭނާ ބުންޏެވެ. އަދި އެޑްމިޓް ކުރިއިރުން ފެށިގެންވެސް ކެއިންބުއިމުގެ ކަންކަން އާއިލާއިން ކުރިޔަށް ގެންދިޔަކަމަށެެވެ.

"ބަލިމީހާ ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާއެކު ބައްޕަގެ އައިޑީކާޑުގެ މައުލޫމަތު ހޮސްޕިޓަލުން އާންމު ފަރާތްތަކަށް ހިއްސާކޮށް، ތިނަދޫ ކައުންސިލް މެމްބަރަކު ބައްފައާއި ގުޅޭގޮތުން ދޮގު މައުލޫމާތު މީޑިއާއަށް ހިއްސާކުރި. މީގެއިތުރުން ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން ބައްޕަގެ ފޮޓޯ އާންމުކޮށް ފުރައްސާރަކުރި."
ގދ ތިނަދޫއިން ކޮވިޑް 19 އަށް ޕޮޒިޓިވް ވި މީހާގެ ދަރިފުޅު

އޭނަ ކިޔައިދިންގޮތުން އެދުވަހުގެ ރޭ އިރާކޮޅު، ހުވަދު އަތޮޅުގެ ފެސިލިޓީ ހުރި ވިލިނގިލީގައި ކަމަށާއި، ވިލިނގިއްޔަށް އަނެއް ދުވަހުގެ 9 ޖަހާއިރު ފުރަންޖެހޭނެކަމަށް ތިނަދޫ ހޮސްޕިޓަލުން އާއިލާއަށް އެންގި އެވެ. އެހެންކަމުން އާއިލާއިން ބަލި މީހާއާއިއެކު އިތުރު މީހަކު ދެވޭނެގޮތް ހަމަޖައްސައި ދިނުމަށް އެދުނުކަމަށާއި، އެގޮތަށް ހަމަޖެހި ދާންޖެހޭ ފަރާތުގެ މައުލޫމަތު ނަގައި ލިޔެކިޔުންތަކުގައި ސޮއިކުރެވުނުކަމަށެވެ.

ކަނޑުމަތީގައި 4 ގަޑިއިރު، ނަފްސާނީ ގޮތުން މީހާ ބަލިކަށިވި :

ބަލިމީހާގެ ދަރިފުޅު ކިޔައިދިންގޮތުން، ބަލިމީހާ ވިލިނގިއްޔަށް ގެންދަން ލޯންޗަށް އެރުވިފަހުން، ފެނިގެން ދިއައީ ވަރަށް ހިތްދަތި މަންޒަރެއްކަމަށެވެ. ބަލިމީހާ ވިލިނގިއްޔަށް ގެންދާ ކަމަށްބުނެ ލިޔެފައިވާ ހަބަރުތައް ސޯޝަލް މީޑިއާގައި ޝެއާކޮށް އެރަށަށް ނޭރޭނެކަމަށް ބުނަމުންދާ ޕޯސްޓްތަކެވެ.

ސީއެމްބިއުލާންސްގައި ބަލިމީހާ ވިލިނގިއްޔަށް ގެންދެވުނީ 10:30ގައެވެ. އެހެންނަމަވެސް ބަލިމީހާ ބަލާ އެރަށު ހޮސްޕިޓަލްގެ އެމްބިއުލާންސް ބަނދަރު ސަރަހަށްދަށް ދިއައީ 10:53 ގައިކަމަށް އޭނާ ބުންޏެވެ. ލޯންޗު ފަޅުތެރެއަށް ވަތްއިރު ރަށުގެ 200 ވަރަކަށް މީހުން ޖެޓީމަތީގައި އެމީހުންގެ ޝުއޫރު ފާޅުކުރަމުންދިއަކަމަށްވެސް ބުންޏެވެ. ބަލިމީހާ ރަށަށް ނޭރުވުމަށާއި، ލޯންޗް ފައްތާލުމަށްވެސް އެމީހުން ގޮވަމުން ދިޔަކަމަށް ބުންޏެވެ.

"މިއަޑުތައް ބައްޕައަށް ލިބުމުން ބައްޕައަށް ނަފްސާނީގޮތުން ގެއްލުން ލިބި، ބައްޕަގެ ހާލު ވަރަށް ބޮޑަށް ބަލިވެގެންދިޔަ. ދަރިންނަށް ގުޅާފަ ރޮމުންދިޔަ ތިމަންނަ ރަށަށް ގެނެސްދޭށޭ ކިޔާފަ. ކިހިނެއްތޯ ހިމާޔަތް ނެތްތާކަށް އަރާ ފަރުވާ ހޯދާނީ؟ ވިލިނގިލީ ރައްޔިތުންގެ އަމަލު ހުރިގޮތުން އާއިލާއިން ބެނުންވީ ބައްޕައަށް ފަރުވާނުދެވުނަސް ތިނަދޫއަށް އަނބުރާގެނެސް އާއިލާއިން ހަމަޖައްސާ ތަނެއްގައި ބައްޕަ ކަރަންޓީންގަ ބަހައްޓަން. ތިނަދޫ ހޮސްޕިޓަލް ފަދަ ބޮޑު ހޮސްޕިޓަލެއްގަ ފަރުވާ ނުދެވިއްޖެއްޔާ، އަމިއްލަ ގޭގައޮތަސް މާރަނގަޅު"
ތިނަދޫއިން ކޮވިޑަށް ޕޮޒިޓިވްވި މީހާގެ ދަރިފުޅު

ގަޑިން 10:45 ކުން ފެށިގެން ކަމާއިބެހޭ ފަރާތްތަކާއި މިވާހަކަތައް ހިއްސާކޮށް، ކެނޑިނޭޅި ބަލިމީހާ ރަށަށް ގެނައުމުގެ މަސައްކަތް ކުރަމުން ދިޔަކަމަށާއި، އެހެންނަމަވެސް އެބޭފުޅުން ބޭނުންވީ ކޮންމެ ހާލެއްގައިވެސް ޕޭޝަންޓް ވިލިނގިއްޔަށް އަރަންކަމަށް އޭނާ ބުންޏެވެ.

އޭނަ ބުނީ ގަޑިން މެންދުރުފަހު 1 ޖެހިއިރުވެސް ތިބީ ވިލިގިލީ ބޭރުގަ ލޯންޗް މަތީގައިކަމަށާއި ތިނަދޫގެ ކަމާގުޅޭ ފަރާތްތަކުގެ ޖަވާބެއް ނުލިބިގެން އެޗްޕީއޭގެ އިސްވެރިއަކާއި ވާހަކަދައްކައިގެން އޭނަގެ އެހީތެރިކަމާއެކު، ބަލިމީހާ ރަށަށް ގެންދެވުނުކަމަށެވެ. އަދި ރަށަށް ދެވުނީ މެންދުރުފަހު 2:40 ގައި ކަމަށެވެ. އެހުރިހައި އިރުވަންދެން ޕޭޝަންޓް އޮތީ އެއްޗެއްވެސް ނުކައިކަން އޭނަ ފާހަގަކުރިއެވެ.

"ތިނަދޫއަށް ގެނެސް އާއިލާއިން ހަމަޖެއްސި ތަނެއްގައި ބައްޕައާއި ކޮއްކޮ ބެހެއްޓި. ރަށަށް އައިސް 45 މިނެޓްފަހުން ހޮސްޕިޓަލުން ގުޅާފަ ބުނި ބައްޕަ ބަލާ އެއާ ޓެކްސީ އަންނަ ވަހަކަ. އަދި ވީހާވެސް އަވަހަކަށް ފުރަން ތައްޔާރުވުމަށް. އެހެންނަމަވެސް މިއީ ކިހިނެއް ހަމަޖެހުނު ކަމެއްކަންވެސް އާއިލާއަށް ނޭންގެ. ތިނަދޫގައި ބޮޑު ހޮސްޕިޓަލެއް ހުރިނަމަވެސް ޕެޝަންޓަކަށް ފަރުވާ ނުދެވުމަކީ ޒިންމާވާންޖޭކަމެއް. ހުރިހާކަމެއް ފެއިލްވިކަން އެނގުމުން އޭހީގެ ބަދަލެއްގެ ގޮތުން އެހެންކަމެއް ކޮށްދިނަސް، ބައްޕައާއި ދޭތެރޭ ކަންތައް ކުރިގޮތް މިއާއިލާއަކުން ހަނދާނެއް ނުނެތޭނެ."
ތިނަދޫއިން ކޮވިޑައް ޕޮޒިޓިވްވި މީހާގެ ދަރިފުޅު

ތިނަދޫގައި އައު ފެސިލިޓީއެއް ގާއިމްކުރުމަކީ ޖަވާބެއް ނޫންކަން ފާހަގަކޮށް އޭނަ ވަނީ ވިލިގިލީގައިވެސް ފެސިލިޓީއެއް ހުރިއިރު އެތަނުން ފައިދާއެއް ވިތޯ ސުވާލުކޮށްފަ އެވެ. އަދި އެ ފެސިލިޓީއަކީ ވިލިނގިލީ މީހުންގެ ތަނެއް ނޫންކަމަށާއި، އެތަނަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ތަނެއްކަމަށް އޭނާ ބުންޏެވެ.

" ތިނަދޫގެ ހޮސްޕިޓަލް ސްޓާފުންނާއި، ކައުންސިލާއި، އެސްޕީއޭގެ ރެޕްރެސެންޓޭޓިވްސް ވަނީ މަގާމުގެ ޒިންމާ އަދާކުރުމުން ފެއިލްވެފަ"
ތިނަދޫ އިން ކޮވިޑަށް ޕޮޒިޓިވްވި މީހާގެ ދަރިފުޅު

ވިލިނގިލީގެ މި އަމަލު ގިނަ ބަޔަކު ކުއްވެރިކޮށްފައިވާއިރު، މިކަމާއި ގުޅިގެން ހުވަދު އަތޮޅު އުތުރުބުރީ ކައުންސިލްގެ އިދާރާއިން، ނެރިފައިވާ ނޫސްބަޔާނެއްގައި ވަނީ އެކަން އެ އަތޮޅުގެ ހުރިހާ ރައްޔިތުންގެ ނަމުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި ވިލިނގިިލީގައި މަދު ބަޔަކު ނުކުމެ ހިންގާފައިވާ ނާތަހުޒީބީ އަދި ލާއިންސާނީ އަަމަލުކުށްވެރިކޮށް މިކަމުގައި ބައިވެރިވި މީހުން ހޯދާ އެމީހުންނާއިމެދު އެންމެ ހަރުކަށި ފިޔަވަޅުއެޅުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް މި ނޫސްބަޔާނުގައިވަނީ ގޮވާލާފައެެވެ.

ތިނަދޫ ކައުންސިލުން ނެރުނު ބަޔާނުގައި މިފަދަ ނާތަހުޒީބުކަންކަމަކީ އޭގެ ނުރަނގަޅު އަސަރު ޒަމާންތަކަކަށް ދެމިގެން ހިނގައިދާނެ ކަންކަންކަމަށް ބަޔާންކޮށްފައެވެ.

ހޯމް މިނިސްޓަރުވެސް ވަނީ މި އަމަލު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

މީގެއިތުރުން ވަކި ރަށަކަށް ނިސްބަތްވާ މީހަކު ބަލިވުމުން އޭނާއާ މެދު ތަފާތުކުރުމަކީ ކޮވިޑް-19 އަށް ވުރެ ނުރައްކާ ބައްޔެއް ކަމަށް ވިދާޅުވެ، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު، ޑރ. ނަޒްލާ ރަފީގު ވެސް ވަނީ މިއަމަލު ކުއްވެރިކުރައްވާފައެވެ. އަދި މި މައްސަލަ ބަލާ އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.

ތިނަދޫއިން ގެންދިއަ ބަލިމީހާ ވިލިނގިއްޔަށް އެރުވުމަށް ދެކޮޅު ހަދާފައިވާއިރު، ގއ. ދާންދޫގައި ހޯމް ކަރަންޓީނު ފުރިހަމަ ކުރަމުންދިޔަ މީހުންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ މީހުން، ރޭ ވަނީ ވިލިނގިލީގައި ހުންނަ ކޮވިޑަށް ފަރުވާދޭ މަރުކަޒަށް ގެންގޮސް ފަރުވާދޭން ފަށާފަ އެވެ.