އިންޑިއާ އަބަދުވެސް އޮންނާނީ ދިވެހިރާއްޖެއާ އެކުގައި ކަމަށް، ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފިއެވެ.

އިންޑިއާއާއި ދިވެހިރާއްޖޭގެ ގާތް އެކުވެރި ގުޅުމަށް ތައުރީފް ކުރައްވައި މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދުދީދީ ކުރައްވާފައިވާ ޓްވީޓެއް، ރީޓްވީޓްކޮށް އިންޑިއާ އެމްބަސީންވަނީ އިންޑިއާއާމެދު ފާޅުކުރެއްވި ހެޔޮ ޝުއޫރުތަކަށް ޑިފެންސް މިނިސްޓަރަށް ޝުކުރު އަދާކޮށްފައެވެ.

އިންޑިއާ އެމްބަސީން ބުނެފައިވަނީ، ތަރީޚީގޮތުންނާއި، ޘަޤާފީގޮތުންނާއި، ދެގައުމުގެ ރައްޔިތުންގެ މެދުގައިއޮތް ގުޅުމަކީ ވަރަށް ޒަމާންވީ ގުޅުންތަކެއް ކަމަށެވެ.

މިސަބަބަށްޓަކައި، ކުރިއެކޭވެސް އެއްފަދައިން، ގާތް އަވަށްޓެރިއެއްގެގޮތުގައި އަދި ގާތް ރަހްމަތްތެރިއެއްގެ ގޮތުގައި އިންޑިއާ އަބަދުވެސް ދެމިއޮންނާނެ ކަމަށް އެމްބަސީން ބުނެފައި ވެއެވެ. އަދި ރާއްޖެއަށް ކުރިމަތިވާ ކޮންމެފަދަ ހާލަތެއްގެ ދަނޑިވަޅުގައި އެ ގާތްކަމުގައި އިންޑިއާ އޮންނާނޭ ކަމުގެ ޔަގީންކަންވެސް ދީފައި ވެއެވެ.

ރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދުދީދީ، އިންޑިއާ ގުޅޭގޮތުން ޓްވީޓެއް ކުރައްވާފައިވަނީ، ރާއްޖޭގައި އިންޑިއާ ސިފައިން ބައިތިއްވަން އުޅޭ ކަމަށާއި، ރާއްޖޭގެ މައްޗަށް އަތްގަދަކުރަން އިންޑިއާއިން މަސައްކަތް ކުރަމުންދާ ކަމަށްބުނެ، ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުން ގެންދާ ވަގުތެއްގައެވެ.

ސިޔާސީ ބައެއް ފަރާތްތަކުންނާއި، ބައެއް އާންމު ފަރާތްތަކުންވެސް ގެންދަނީ ރާއްޖެއިން "އިންޑިއާ ބޭރުކުރުމަށް" ގޮވާލައި އަޑުއުފުލަމުންނެވެ. އަދި އެކަން ކުރާނޭ ކަމަށްވެސް ގެންދަނީ ބުނަމުންނެވެ.

މިގޮވާލުންތަކަށް ރައްދުދެއްވައި ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދުދީދީ ވަނީ، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދުއޮތް ވަރުގަދަ ގުޅުމުގެ ނަތީޖާއެއްގެގޮތުން ރާއްޖެއަށް ވަރަށް މުހިންމު ދަނޑިވަޅުތަކުގައި އިންޑިއާގެ ފަރާތުން ލިބިފައިވާ ޚާއްސަ އެހީތެރިކަން ފާހަގަ ކުރައްވާފައެވެ.

އެގޮތުން، 3 ނޮވެމްބަރުގެ ހާދިސާގެ ދަނޑިވަޅުގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލު ހިމާޔަތްކުރުމުގައި ލިބުނު އެހީތެރިކަމާއި، ވެރިރަށް މާލެއަށް ކުރިމަތިވި ފެނުގެ ކާރިޘާގެ ވަގުތުގައި އިންޑިއާއިން ލިބުނު ކުއްލި އެހީ ޑިފެންސް މިނިސްޓަރ ފާހަގަކުރައްވާފައި ވެއެވެ.

"ހަމަ އެއާއެކު، ކޮވިޑް-19 ބަލިމަޑުކަމުގެ މިހާލަތުގައި އިންޑިއާއިން ގެންދަނީ މެދުނުކެނޑި ރާއްޖެއަށް އެހީތެރިވަމުން"
ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދުދީދީ

މިނިސްޓަރ މާރިޔާދީދީ ވިދާޅުވީ، އިންޑިއާއާއި ދިވެހިރާއްޖޭގެ ގާތްގުޅުމުގެ މި ހަގީގަތްތަކާމެދު އެއްވެސް ފަރާތަކަށް ދެކޮޅުހެދެން ނޯންނާނެ ކަމަށެވެ.

އިންޑިއާއާއެކު އޮންނަ ގާތް އެކުވެރި ގުޅުންތަކުގެ ސަބަބުން އިގްތިސާދީގޮތުންނާއި، އިޖުތިމާއީގޮތުން ދިވެހިރާއްޖެއަށް އޭގެ މަންފާ ކޮށްފައިވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ޑިފެންސް މިނިސްޓަރު މިމޭރުމުން ޓްވީޓް ކުރައްވާފައިވާއިރު، ކޮވިޑްބަލީގެ މިހާލަތުގައިވެސް، އިންޑިއާ ސަރުކާރުންވަނީ ރާއްޖެއަށް ބޭނުންވާ ބައެއްކަހަލަ ޒަރޫރީ ތަކެތި މެދުނުކެނޑި ލިބޭނޭގޮތް ހަމަޖައްސާފައެވެ. އަދި މާލީގޮތުންވެސް ބޮޑެތި އެހީތެރިކަމެއް ގެންދަނީ ވަމުންނެވެ.