ކޮވިޑް-19 ބަލި ފެތުރުން ހުއްޓުވުމަށް ސަރުކާރުން ކުރި މަސައްކަތުގައި ގޯސްތަކެއް ހެދިފައިވާ ކަމަށް ސިންގަޕޫރުގެ ބޮޑުވަޒީރު އިޢްތިރާފްވެވަޑައި ގެންފިއެވެ.

ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ހްސިއެން ލޫންގް މި އިޝާރާތް ކުރެއްވި ކަމަކީ، ސިންގަޕޫރުގައި ބޭރުގެ މަސައްކަތްތެރިން ތިބޭ އެތައް ތަނެއްގައި ކޮވިޑްބަލި ފެތުރިގެންދިޔަ މައްސަލައަށެވެ.

ސިންގަޕޫރުގައި ގާތްގަނޑަކަށް 320،000 ބޭރުގެ މަސައްކަތްތެރިން ދިރިއުޅޭ ދޮޅަހަކަށް އިމާރާތުގައި ވަރަށްބޮޑަށް ބަލި ފެތުރިގެންދިޔައިރު، އެއިން ކޮންމެ ތަނެއްގައި ކޮޓަރިއެއްގައި ގާތްގަނޑަކަށް 20-10 މީހުން ދިރިއުޅޭ ކަމަށް ވެއެވެ.

ބޭރު މަސައްކަތްތެރިންގެ މެދުގައި ބަލި ބޮޑަށް ފެރުރިގެންދިޔައީ ސަރުކާރަށް ކަންކަން ރަނގަޅަށް ނުބެލެހެއްޓިގެން ކަމަށް ވެއެވެ.

ބޮޑުވަޒީރު ލީ ހްސިއެއް ލޫންގް ވިދާޅުވީ، ކުރިން ހެދުނު ގޯސްތަކުން ފިލާވަޅު ލިބިގަނެ، ކުރިއަށް ކަންކަން ރަނގަޅުކުރަންޖެހޭ ކަމަށެވެ.

ސިންގަޕޫރު ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތުން ބުނެފައިވަނީ، މިއަދު އެކަނިވެސް އެގައުމުން 49 މީހަކު އަލަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއާއެކު، އެގައުމުން މިހާތަނަށް ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ ގާތްގަނޑަކަށް 57،000 އަށް އަރާފައެވެ. 55،749 މީހުން ބަލިން ފަސޭހަވެފައި ވާއިރު، ބަލީގައި މަރުވެފައިވަނީ 27 މީހުންނެވެ.

ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ދާދިފަހުން ވިދާޅުވެފައިވަނީ، މި ބަލިމަޑުކަމުގެ ނިމުންއޮތީ އަދި ވަރަށް ދުރުގައި ކަމަށެވެ.

ބައްޔަށް ފުރިހަމަ ވެކްސިނެއް އާންމުގޮތެއްގައި ލިބޭން ހުންނާނެ ކަމަށް ބެލެވެނީވެސް އަހަރެއް ނުވަތަ ދެއަހަރު ދުވަހުގެ ތެރޭގައި ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.

ބޮޑުވަޒީރު ވިދާޅުވީ، މި ބަލިމަޑުކަމުގެ ސަބަބުން ސިންގަޕޫރުގެ ރައްޔިތުންގެ މެދުގައި ކަންބޮޑުވުމާއި ނުތަނަވަސްކަން ފެތުރިފައިވާ ކަމަށެވެ.