މާލޭ ހުޅަނގު ފަރާތު އެކުވެނި ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މަސައްކަތް ފަށާތާ ދެ މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭގޮތަށް މި މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ޕޮލިސް ވެލްފެއާ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (ޕޮލްކޯ) އާއެވެ.

ކުޅިވަރާ ބެހޭ ވުޒާރާގައި ބުދަ ދުވަހު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައ މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ސޮއިކުރެއްވިއިރު، ޕޮލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަލީ ޝަރީފެވެ.

މި މަސައްކަތުގެ ޖުމްލަ އަގަކީ 12،543،231 (ބާރަ މިލިޔަން ފަސްލައްކަ ސާޅީސް ތިންހާސް ދުއިސައްތަ އެއްތިރީސް) ރުފިޔާއެވެ. މާލޭގައި ގިނަބަޔަކު ކަސްރަތު ކުރުމަށް ބޭނުންކުރާ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކް 24 އަހަރަށްފަހު އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހެވެ. މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކުރަނީ ނޮވެމްބަރު 11 އަށެވެ.

މި މަސައްކަތްކުރަނީ އިންޑިއާ ސަރުކާރުގެ ބޮޑު އެހީތެރިކަމާއެކުގައެވެ. އެގޮތުން އިންޑިއާ ސަރުކާރުން ވަނީ މި މަޝްރޫއަށް ހަރަދުކޮށްފައެވެ.