އިޓަލީގެ އޭސީ މިލާންއާއެކު ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް ހަދާފައިވާ އެއްބަސްވުން އާކޮށް، އިތުރު އެއް އަހަރު އެ ކުލަބުގައި މަޑުކުރުމަށް ނިންމައިފިއެވެ.

ސްވިޑަން ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި އުމުރުން މިހާރު 38 އަހަރުގެ ފޯވާޑް އޭސީ މިލާނާއި ގުޅިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގައެވެ. އެއްބަސްވުން އާކުރިއިރު އިބްރަހިމޮވިޗް އަށް ލިބޭ މުސާރައަށް މާބޮޑު ބަދަލެއް ނާންނަކަމަށް ރިޕޯޓުތައް ބުނެއެވެ. އާ އެއްބަސްވުމުގެ ދަށުން އަހަރަކު 7 މިލިއަން ޔޫރޯ އޭނާއަށް ލިބޭނެއެވެ.

އޭސީ މިލާނުގައި އިބްރަހިމޮވިޗް ހުރުމުގެ އެންމެ ބޮޑު ސަބަބަކީ އެ ކުލަބުގެ ސްޕޯޓިން ޑިރެކްޓަރެވެ. އެގޮތުން މިދިޔަ ސީޒަނުގައި އިބްރާހިމޮވިޗްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ދިގު މުއްދަތަކަށް އޭނާ އެ ކުލަބުގައި ބެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ.

މިދިޔަ ސީޒަނުގައި އޭނާ ވަނީ އިޓާލިއަން ލީގުގެ އެއް ސީޒަނެއްގައި 10 ލަނޑު ހަމަކުރި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރިކޯޑު މުގުރާލާފައެވެ. އެގޮތުން އިބްރަހިމޮވިޗް ވަނީ މިދިޔަ ސީޒަނުގެ ލީގުގައި ކުޅުނު 18 މެޗުން 10 ލަނޑު ހަމަކޮށްފައެވެ.

އުމުރުން ދުވަސްވީ ނަމަވެސް އިބްރަހިމޮވިޗްގެ ކުޅުމަށް މާބޮޑު ބަދަލެއް ނާދެއެވެ. އެންމެފަހުން އޭނާ ކުޅެފައިވަނީ އެމެރިކާ ލީގަށެވެ. އެ ލީގުގައި އޭނާ މޮޅު ކުޅުމެއް ވަނީ ދައްކާފައެވެ.