• ކޮންމެ ފެސިލިޓީއެއް ހުންނަ ރަށެއްގައިވެސް އެކަމަށް ޚާއްސަ ޑޮކްޓަރުން ތިބޭނެ
  • ތިނަދޫއަކީ ނަންކޮވިޑްގެ ހުރިހާ ޚިދުމަތެއް ދެވޭނެ ރަށެއް
  • ކޮންމެ ފެސިލިޓީއަކަށްވެސް ދާންޖެހޭނީ ކަނޑު ހުރަސްކޮށްފައި
  • އިހަވަންދޫ، ފުވައްމުލަކުގެ ފެސިލިޓީއަކީ ވަގުތީ ތަންތަން

ދުނިޔޭގައި ހަލުވި ކަމާއިއެކު ކޮވިޑް-19 ފެތުރެން ފެށުމާއިއެކު ރައްޖެއިން ވަނީ މިކަމަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަން ހާމަކޮށްފައެވެ. މިގޮތުން މިފަދަ ކޭސްއެއް ރާއްޖެއިން ފެނިއްޖެނަމަ އަމަލުކުރަންޖެހޭ ގޮތް ކަނޑައަޅާ، އަމަލުކުރަންވީ ގޮތްތައް، ރާއްޖޭގެ ސިއްޙީ ޚިދުމަތްދޭ ހުރިހާ ތަނެއްގެ މުއައްޒަފުންނަށް ކިޔައިދީ، އެކި އެކި މުއައްސަސާތަކުން އަމަލުކުރަންވީ ގޮތާއި، އަމިއްލަ ފަރުދުން ކަންކުރަންވީ ގޮތް ދިޔައީ ވަރަށް ހަލުވިމިނެއްގައި ކިޔައިދީ ހޭލުންތެރިކުރުވަމުންނެވެ. މާލެއިން މިކަމަށް ޚާއްސަ ޓާސްކް ފޯހެއް އެކުލަވާލައި މަސައްކަތްކުރިއަށް ގެންދިޔައިރު ރާއްޖޭގެ އެކި ސަަރަހައްދުތަކުގައިވެސް ކޮވިޑަށް ޚާއްސަ ޓާސްކްފޯހެއް އެކުލަވާ އެކަމަށްވަނީ ތައްޔާރުވެފައެވެ.

ކޮވިޑާއިއެކު އެންމެ ބުރަކޮށް މަސައްކަތް ކުރަންޖެހުނީ ސިއްޙީ މާހިރުންނާއި ސިއްޙީ އިދާރާތަކެވެ. މިއާއިއެކު އެހެނިހެން ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ގާތްގަނޑަކަށް ރާއްޖޭގެ ހުރިހާ މުއައްސަސާއެއް ކަހަލަ ގޮތަކަށް މިކަމުގައި ބައިވެެރިވެ، ޤައުމީ ކަމެއްގެ ގޮތުގައި މަސައްކަތް ފެށިއެވެ.

މިގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހެލްތް ފެސިލީޓީތައް ގާއިމްކޮށް، ކޮވިޑާއި ގުޅިގެން ހޮސްޕިޓަލުތަކަށް ކޮންމެހެން ބޭނުންވާ ސާމާނު އެތަންތަނަށް ދިޔައީ ހޯދައިދެމުންނެވެ. އަދިވެސް އެމަސައްކަތްތައް ދަނީކުރިއަށެވެ. މި ބަލިމަޑުކަން ނިމެންދެން މިކަންކަމަށް ލުއި އަންނާނެކަމަކަށް ނުފެނެއެވެ.

ކޮވިޑް-19އަކީ މުޅި ދުނިޔެއަށްވެސް އާ ބައްޔަކަށްވުމުން ހުރިހާ ގައުމަކަށްވެސް ގޮންޖެހުން ބޮޑެވެ. ސިޔާސަތުތަކެއް ކަނޑައެޅިއަސް އެކަންކަމަށްވެސް ދަނީ އަވަސް އަވަހަށް ބަދަލުތަކެއް އަންނަމުންނެވެ.

އެހެންނަމަވެސް ކުރެވެން ހުރި އެންމެ ރަގަޅަކަށް ކަންކަންވޭތޯ ރާއްޖެއިންވެސް މަސައްކަތްކުރަމުންދާތަން ފެންނައިރު އެކަމަށް އަމަލީ ގޮތުންވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

މިގޮތުން ރާއްޖޭގެ ހަތް ސަރަހައްދެއްގައި ކޮވިޑް ފެސިލިޓީތައް ޤާއިމްކޮށްފައިވާއިރު މި ތަންތަން ކަނޑައެޅުމަށްޓަކައި މިކަމަށް ޚާއްސަ ޓީމެއް އެކުލަވާލާ އެޓީމުން ދިރާސާތަކެއްކޮށް، ގިނަ މަޝްވަރާތަކެއްވަނީ ފެސިލިޓީތަކާއި ގުޅޭގޮތުން ކޮށްފައެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދަކުންވެސް ކޮވިޑް ފެސިލިޓީގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރި މި މަސައްކަތުގެ ދަށުން ހއ. އިހަވަންދޫއާއި، ށ. ފުނަދޫ، ބ. އޭދަފުށި، ލ. ގަން، ގއ. ވިލިނގިލި، ޏ. ފުވައްމުލައް އަދި އައްޑޫ ސިޓީގައި ވަނީ ކޮވިޑް ފެސިލިޓީތައް ގާއިމްކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން އިކުއިޕްމަންޓްސް ބެހެއްޓުމުގެ މަސައްކަތްކުރި އެސްޓީއޯއިން އިކުއިޕްމަންޓްސް އިންސްޓޯލްކޮށް ނިމިފައިވާކަން މިދިޔަ މަހުގެ 11 ގައި ވަނީ ހާމަކޮށްފައެވެ.

މި ފެސިލިޓީތަކުގެ ތެރެއިން ހއ. އިހަވަންދޫއާއި ފުވައްމުލަކުގެ ފެސިލިޓީއަކީ ވަގުތީ ގޮތުން ބަލިމީހާއަށް ފަރުވާދެވޭނެ ފެންވަރަަށް ތައްޔާރުކޮށްފައިވާ 3 އެނދުގެ ފެސިލިޓީއަށް ވާއިރު، އެތަނުގައިވެސް ވެންޓިލޭޓަރ ބަހައްޓާ، ބަލިމީހާއަށް އެވަގުތަށް ފަރުވާދެވޭނެ އެންމެ ރަނގަޅަކަށް ތަން ތައްޔާރުކޮށްފައިވާކަމަށް ވީ ނިއުސްއަށް މައުލޫމާތު ދެމުން ހެލްތް އިމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗް.އީ.އޯ.ސީ) އިން ބުންޏެވެ.

ބާކީ ހުރި ފެސިލީތަކުން ގިނަ ބަލި މީހުންނަށް ފަރުވާދެވޭނެ އިންތިޒާމު ހަމަޖައްސާ، ތަނަށް ބޭނުންވާ އިކުއިޕްމަންޓްސްހަމަކޮށްފައިވާއިރު ކޮންމެތަނެއްގައިވެސް މެޑިކަލް ޑޮކްޓަރުން ތިބޭނެކަން އެޗްއީއޯސީން ފާހަގަކުރެއެވެ.

ކޮވިޑް-19ގެ ބަލިމީހުން ބެލުމަށް އާންމުކޮށް ހަރަކާތްތެރިވާނީ އެތެރެހަށީގެ ޑޮކްޓަރުންނާއި، ހޭނައްތާ ޑޮކްޓަރުންނާއި، ފުއްޕާމޭގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނަށްވާއިރު މިފަދަ ޑޮކްޓަރުންނަކީ މި ފެސިލިޓީތައް ޤާއިމްކޮށްފައިވާ ރަށްރަށުގެ ހޮސްޕިޓަލުތަކުގައިވެސް ޚިދުމަތްދޭން ތިބޭނެ ޑޮކްޓަރުންކަންވެސް އެޗްއީއޯސީން ފާހަގަކުރެއެވެ. އަދި މިފަދަ ޑޮކްޓަރެއް ނެތިއްޖެ ހާލަތެއްގައިވެސް އެތަނަކަށް އެފަދަ ޑޮކްޓަރުންނަށް ދެވޭނެ އިންތިޒާމުތައްވެސް ހުންނާނީ ފުރިހަމަކޮށްފައިކަމަށް އެ ސެންޓަރުން ބުނެއެވެ.

އެޗްއީއޯސީން ބުނީ ރާއްޖޭގައި މި ފެސިލީތައް ހަދާފައިވާއިރު ރާއްޖެ އުފެދިފައިވާގޮތުން ކޮންމެ ފެސިލިޓީއަކަށްވެސް ދާންޖެހޭނީ ކަނޑު ހުރަސްކޮށްފައިކަމަށެވެ.

މިގޮތުން މި ފެސިލިޓީތައް ހެދިއިރު އެކި އަތޮޅުތަކަށް ވިސްނާ، އެ އަތޮޅުތަކުގެ ރަށްޔިތުންނަށް ވީހާވެސް ފައިދާ ބޮޑުކޮށް އެކަންކަން ކޮށްފައިވާކަން ފާހަގަކޮށް އެ ސެންޓަރުން ބުނީ ގއ. ވިލިނގިލީގައިވެސް ކޮވިޑް ފެސިލިޓީއެއް ގާއިމްކުރީ ގ.އ، އާއި ގ.ދ، އަތޮޅުގެ ރައްޔިތުންނަށް ވިސްނާފައިކަމަށެވެ. މިކަމުގެ ސަބަބުން އެ އަތޮޅުތަކަށްވެސް ބޮޑުކުރިއެރުމެއް ލިބިގެންދާކަން އެ ސެންޓަރުން ފާހަގަކުރެއެވެ.

މިގޮތުން ކުޅުދުއްފުށީގައި ރީޖަނަލް ހޮސްޕިޓަލެއް ހުރިއިރުވެސް ށ. އަތޮޅުގައި ކޮވިޑް ފެސިލިޓީއެއް ގާއިމްކުރެވިފައި ހުރުމުން، ލިބުނު ފައިދާވެސް އެ ސެންޓަރުން ފާހަގަކުރިއެވެ.

އެޗްއީއޯސީގެ ކޮމިއުނިކޭޝަންސްއިން ވީނިއުސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ގ.ދ ތިނަދޫގައި ހުރި ރީޖަނަލް ހޮސްޕިޓަލް، ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތްކުރަމުންދާއިރު، އެ ހޮސްޕިޓަލުގައި ކޮވިޑް ފެސިލިޓީ ގާއިމް ނުކުރީ ނަންކޮވިޑްގެ ހުރިހާ ޚިދުމަތެއް ދެވޭނެ ރަށަކަށް ވުމުންކަމަށެވެ.

ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތަށް އަޅުގަނޑުމެން ދެކެނީ ފެސިލިޓީތައް އެރަށްރަށުގައި ގާއިމްވެގެން ދިޔުމުން. ތިނަދޫގައި ހުރި ރީޖަނަލް ހޮސްޕިޓަލް މިހާރު ޓާޝަރީ ހޮސްޕިޓަލަށް ބަދަލު ކުރަމުން އެދަނީ. އެއީ ނަންކޮވިޑްގެ ހުރިހާ ޚިދުމަތަށް ދެވޭނެ ރަށެއް ވީމަ ފެސިލިޓީ ގާއިމް ނުކުރީ އެރަށުގައި. ށ އަތޮޅު ހޮސްޕިޓަަލަށްވެސް ލިބުނު ކުރިއެރުމެއް މިއީ. ކުޅުދުއްފުށި މޮނިޓަރިންނަށްލުމުން، ޕޭޝަންޓުން ޑައިވާޓްކުރީ ށ. އަތޮޅު ފެސިލީޓީއަށް. ވަރަށް ގިނަ ބަޔަކު ތިބެގެން ނިންމި ނިންމުމެއް މިއީ. މިކަން ކޮށްފައިވަނީ އައިޖީއެމްއެޗްގެ ޚާއްސަ ޓީމަކުން އެތަނަށް ވަޑައިގެން ބެއްލެވުމަށްފަހު.
އެޗްއޯއީސީގެ ކޮމިއުނިކޭޝަންސް

ރާއްޖޭގެ ހަތް ސަރަޙައްދުގައި ޤާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީތަކަށް ފޮނުވާފައިވާ މެޑިކަލް އިކުއިޕްމަންޓްތައް އިންސްޓޯލްކޮށް ނިމިފައިވާއިރު މި ފެސިލިޓީތަކުން، ހާލުބޮޑުވާ މީހުންނަށް ފަރުވާ ދެވޭނެ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ.