ބާސެލޯނާ ދޫކޮށް ކްރޮއޭޝިއާގެ ގައުމީ ޓީމުގެ މިޑްފީލްޑަރު އީވާން ރަކިޓިޗް އޭނާ ކުރީގެ ކުލަބް ސެވިއްޔާއަށް ބަދަލުވެއްޖެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ރަކިޓިޗް އޭނާ ކުރީގެ ކުލަބަށް ބަދަލުވީ 1.5 މިލޔަން ޔޫރޯގެ އަގަކަށެވެ. މިއީ ހަތަރު އަހަރުދުވަހުގެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ އިތުރަށް ބޯނަސްގެ ގޮތުގައި ބާސާއިން ނުވަ މިލިއަން ޔޫރޯ ސެވިއްޔާއަށް ދޭންޖެހެއެވެ.

ފަހަކަށް އައިސް ބާސެލޯނާގެ ޓީމުގައި ގިނަ މައްސަލަތަކެއް ފެންމަތިވަމުން އަންނައިރު އެންމެފަހުން ބާސެލޯނާ ކުޅުނު ބޮޑެތި މެޗުތަކުގައި ރަކިޓިޗް ނުފެނެއެވެ. އެކަމާއި ގުޅިގެން ގިނަބަޔެއްގެ ފާޑުކިިޔުން ބާސެލޯނާގެ ކޯޗިން ސްޓާފުންނަށް އަމާޒުވިއެވެ. މީގެކުރިންވެސް ރަކިޓިޗް ވަނީ އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ބާސާއިން ޔަގީންކަމެއް ނުދޭތީ އެ ކުލަބުގެ މެނޭޖުމަންޓާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ބާސާއާއި ގުޅުމަށްފަހު ރަކިޓިޗް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އަދި މުހިއްމު ވަގުތުތަކުގައި އޭނާގެ ފަރާތުން ގޯލުތަކެއްވެސް ފެނިގެންދިޔައެވެ. ރަކިޓިޗްގެ ބަދަލުގައި ފަހުން ބޭނުންކުރަނީ ނެދަލޭންޑްސްގެ އުއްމީދީ މިޑްފީލްޑަރ ފްރޭންކް ޑިޔޮން އެވެ.

ބާސެލޯނާއަށް އޭނާ ކުޅުނު 320 މެޗުގައި 36 ލަނޑު ވަނީ ޖަހާފައެވެ. އަދި އެ ޓީމާއެކު ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕުގެ އިތުރުން ފީފާ ކުލަބް ވޯލްޑްކަޕާއި ލަލީގާ ވަނީ ހޯދާފައެވެ.