ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ނޭމާއާއެކު އެ ކުލަބުގެ ތިން ކުޅުންތެރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ފްރެންޗް ލީގުންވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެ ލީގުން ކުޅުންތެރިންގެ މައުލޫމާތުދެއް ހާމަނުކުރެއެވެ. ނަމަވެސް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާގޮތުން ޕޮޒިޓިވްވެފައިވާ ކުޅުންތެރިންނަކީ ނޭމާ އާއި، އާޖެންޓީނާގެ ފޯވާޑް އެންހެލް ޑި މަރިއާގެ އިތުރުން އާޖެންޓީނާގެ މިޑްފީލްޑަރު ލެއަންޑްރޯ ޕަރެޑެސްއެވެ.

މި ތިން ކުޅުންތެރިން ޕޮޒިޓިވްވުމާއެކު އެ ކުލަބުގެ އެހެން ކުޅުންތެރިންވެސް ޓެސްޓުކުރުމުގެ ކަންކަން ދަނީ ކުރަމުންނެވެ. އެއީ އެ ކުޅުންތެރިންވެސް ޕޮޒިޓިވްވުމުގެ ފުރުސަތު ބޮޑުވުމާއި ގުޅިގެންނެވެ. މި ތިން ކުޅުންތެރިންނާއެކު ޕީއެސްޖީގެ ބައެއް ކުޅުންތެރިން އުޅުނީ ޗުއްޓީ ހޭދަކުރުމުގައެވެ.

ޗުއްޓީ ހޭދަކުރަން ގޮސް ތިބީ ސްޕެއިންގެ ރަށެއް ކަމުގައިވާ އިބިޒާއަށެވެ. މި ދަތުރުގައި ދެން ހިމެނޭ އެހެން ކުޅުންތެރިންނަކީ ޕީއެސްޖީގެ ގޯލްކީޕަރު ކޭލޯ ނަވާސް އާއި، މައުރޯ އިކާޑީީގެ އިތުރުން އެންޑަ ހެރޭރާ އެވެ. ނަމަވެސް އިތުރު ކުޅުންތެރިން މި ދަތުރުގައި ދިޔުން ގާތެވެ.

ފްރެންޗް ލީގުގެ ކުޅުން ފެށި ނަމަވެސް އެ ކުލަބުން އަދި މެޗެއް ނުކުޅެއެވެ. އެންމެ އަވަހަށްވެސް އެ ކުލަބު ކުޅެން އޮތް މެޗު އޮތީ މިމަހުގެ 10 ގައެވެ. އެއީ މިދިޔަ މަހުގެ 24 ގައި ކުރިން ކުޅެން ހަމަޖެހިފައި އޮތް މެޗެވެ. އެ މެޗު ފަސްކޮށްފައިވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕީއެސްޖީ ވާދަކުރުމާއި ގުޅިގެން އެ ކުލަބަަށް ވަގުތު ދިނުމުގެ ގޮތުންނެވެ.