ނެދަލެންޑްސްގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ޑޮނީ ވެން ޑަ ބީކް އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.

ކުރިން އަޔެކްސްއަށް ކުޅުނު ކުޅުންތެރިޔާ ޔުނައިޓެޑަށް ބަދަލުވީ 35 މިލިޔަން ޕައުންޑްގެ އަގަކަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މިއީ ފަސް އަހަރުދުވަހުގެ އެއްބަސްވުމެކެވެ.

ވެން ޑަ ބީކް ހޯދުމަށް ބާސެލޯނާއިން މަަސައްކަތްކުރާނެ ކަމަށް ބެލެވުނެވެ. އެއީ އެ ކުލަބުގެ މިހާރުގެ ކޯޗަކީ ނެދަލޭންޑްސް ގައުމީ ޓީމުގައި ކޯޗުކަންކޮށްދިން ކޫމަން އެ ގައުމުގެ ކުޅުންތެރިންނަށް އިސްކަންދޭން ފެށުމާއެކުގައެެވެ. އޭނާ ހޯދުމަށް ސްޕެއިންގެ ރެއާލް މެޑްރިޑުންވެސް މަސައްކަތްތަކެއް ކުރިކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އެ މަސައްކަތް މަޑުޖައްސާލީ ކޮވިޑް19 އާއި ގުޅިގެން މާލީ ހަރަދުތައް ހަމަޔަކަށް އެޅުވުމުގެ ގޮތުންނެވެ.

އަޔެކްސްގެ ޔޫތު ޓީމުން ވިދާލި ވެން ޑަ ބީކް ވަނީ އެ ޓީމުގައި ގިނަ ކާމިޔާބުތަކެއް ހޯދާފައެވެ. އޭނާ އަޔެކްސްގެ ސީނިއާ ޓީމަށް 2015 ވަނަ އަހަރު ކުޅެން ފެށި ފަހުން 175 މެޗު ކުޅެދީ 41 ލަނޑު ވަނީ އެ ޓީމަށް ޖަހައިދީފައެވެ.

މިއީ ޓްރާންސްފާ ބާޒާރު ފެށިފަހުން ޔުނައިޓެޑަށް ބަދަލުވި ފުރަތަމަ ކުޅުންތެރިޔާ އެވެ .