ހދ. ހަނިމާދޫ އާއި ދ. ހުޅުދެލީ ބަނދަރުގެ 20 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

ހަނިމާދޫ އާއި ހުޅުދެލީ ބަނދަރުގެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ހަނިމާދޫ ބަނދަރުހެދުމުގެ މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ 43 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން 53،523 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކޮށް 31,576 މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 355 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 270 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެމްޓީސީސީން މައުލޫމާތުދެއެވެ. މީގެ އިތުރުން 2583 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެކުންފުނިން މައުލޫމާތުދެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 57.12 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މެއި މަހުގެ ފަސްވަނަ ދުވަހުއެވެ.

އެމްޓީސީސީއިން ކުރިއަށްގެންދާ ދ.ހުޅުދެލީ ބަނދަރުހެދުމުގެ މަޝްރޫޢުގެ ތެރެއިން ފަޅު ފުންކުރުމުގެ 26 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. މި މަޝްރޫޢުގެ ދަށުން 45،585 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 277 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 60 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 432 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. އަދި 2،160 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، މަގު ބައްތި ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 39.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 25 ވަނަދުވަހުއެވެ.