ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބަށް ތިންވަނަ ފަރާތަކުން ނުފޫޒު ފޯރުވާނަމަ އެ އެސޯސިއޭޝަން އިތުރު އިންޒާރަކާއި ނުލާ ސަސްޕެންޑުކުރަން ޖެހިދާނެކަމަށް ބުނެ ދުނިޔޭގެ ޓޭބަލްޓެނިހުގެ މައި އިދާރާއިން ރާއްޖެއަށް އިންޒާރުދީފިއެވެ.

އަންނަ އަންގާރަދުވަހު ބާއްވާ ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނުގެ އިންތިހާބާއި ގުޅޭގޮތުން އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑަރޭޝަނުން ބަޔާނެއް ފޮނުވާފައިވަނީ އިންތިހާބުގެ މައްސަލަ ބޮޑުވެ ކޯޓަށް ހުށައެޅުމާއި ގުޅިގެންނެވެ. ވޯލްޑް ޓީޓީ ފެޑެރޭޝަނުން ބުނީ ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރުވާނަމަ ސަސްޕެންޑުކުރަން ޖެހިދާނެކަމަށެވެ. ރާއްޖޭގެ ކޯޓުން ވަނީ އެ މައްސަލަ ބަލައިގެންފައެވެ.

މި މައްސަލަ ކޯޓަށް ހުށައަޅާފައިވަނީ ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) އެވެ. މި މައްސަލަ ކޯޓަށް ވައްދާފައިވަނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ބުނެއެވެ. މި މައްސަލައިގައި ކޯޓުން ވަކިގޮތެއް ނިންމައިފިނަމަ ވޯލްޑް ޓީޓީ ފެޑެރޭޝަނުން ރާއްޖެ ސަސްޕެންޑުކުރާނެ އެވެ.

މި މައްސަލައިގައި ބުރާސްފަތި ދުވަހުގެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއު ވިދާޅުވީ ޓީޓީގެ އިންތިޚާބުގެ ކަންކަން ހިނގަމުން އަންނަނީ ރަނގަޅަށް ކަމަށް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ނިންމާފައިވާ ކަމަށާއި، އިންތިޚާބު ބޭއްވުމަށް އެ މަޖިލީހުން ރުހުންދީފައިވާ ކަމަށެވެ.

ޓީޓީގެ އިންތިޚާބުގެ ހުރިހާ ކަމެއް މިހާތަނަށް ގެންގޮސްފައިވާނީ އިންސާފުވެރިކޮށް ކަމަށާއި، ޓީޓީ އިންތިޚާބުގެ ކަންކަން ބަލަހައްޓަމުންދަނީ ދެފުށް ފެންނަ ގޮތަށް ކަމަށް ސުޖާއު ވިދާޅުވިއެވެ. އަދި މިކަމުގެ ތެރެއަށް މިހާރުގެ އެކްސްކޯއިން ނުވަންނާނެކަމަށް ސުޖާ ވިދާޅުވިއެވެ.

އަދި ޓީޓީ އެސޯސިއޭޝަނަކީ ގައުމީ ހައިސިއްޔަތު ދެވިފައިވާ ޖަމުޢިއްޔާއެއް ކަމަށްވުމާއި، އެ ޖަމުޢިއްޔާއަކީ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަނާއި، އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަން އަދި ސައުތު އޭޝިއަން ޓޭބަލް ޓެނިސް ފެޑަރޭޝަނުގެ މެންބަރެއް ކަމަށްވެފައި، އެއީ ޓީޓީ އެސޯސިއޭޝަނުގެ އެތެރޭގެ މައްސަލަތަކެއް ކަމަށްވުމާއެކު، ހިންގާ ކޮމިޓީން އެ މައްސަލަތައް ހައްލުކުރުމަށް ހިންގާ ގަވާއިދާއި އަދި ޖަމުޢިއްޔާއިން އެފްލިއޭޓް ވެފައިވާ ބައިނަލްއަގުވާމީ އިދާރާތަކުން މިފަދަ ކަންކަމުގައި ތަބާވުމަށް އަންގަވާފައިވާ ގޮތުގެ މަތިން އަދި މުސްތަގިއްލުކޮށް ޖަމުޢިއްޔާގެ ކަންކަން ކުރިއަށް ގެންދިއުމަށް ބާރުއަޅައި އެއްބާރުލުން ދިނުމަށް ވަނީ ދަންނަވާފައެވެ.

އަންނަ އަންގާރަ ދުވަހު ބާއްވާ އިންތިޚާބުގައި މިހާރުގެ ރައީސް އަލީ ރަޝީދު އާއި ތޯހާ ސަލީމް އަދި މުހައްމަދު ޖަލާލް ވާދަކުރައްވާއިރު، ޖަލާލުގެ ނަން އަނބުރާ ނެގުމަށް އޭނާ ނިންމާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.