ފުޓުބޯލް އެސޯސިއޭޝަން އޮޕް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިހާބުގެ މަޤާމުތަކަށް ހޮވުނު ފަރާތްތައް ރަޖިސްޓްރީކޮށް ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓްރީކުރި ކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.

އެފްއޭއެމްގެ އިންތިޚާބުގައި ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ބައްސާމް އަދީލް ޖަލީލް އެކަންޏެވެ. ބައްސާމާއި އޭނާ ހުށަހެޅުއްވި ހިންގާ ކޮމިޓީއަށް އިތުރު ކެންޑިޑޭޓެއް ކުރިމަތިލާފައި ނެތުމުން، ބައްސާމުގެ ޓީމުގެ އިންތިޚާބުކޮށްފައިވަނީ ވޯޓަކާނުލައެވެ. އިތުރު ކެންޑިޑޭޓަކު ކުރިމަތިލާފައި ނެތިއްޖެނަމަ، ވޯޓަކާ ނުލާ އިންތިޚާބު ކުރާ ގޮތަށް އަސާސީ ގަވާއިދަށް ބަދަލު ގެނައީ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތިންވަނަ ފަރާތެއްގެ ނުފޫޒު އެފްއޭއެމަށް ވަނަ ނުދީ އެފްއޭއެމްގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަންތައްތައް ގެންދިއުމަށް މަގުފަހިކޮށްދިނީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއި ސްޕޯޓްސް ކޮމިޝަނަރު ހީނާ އަޙްމަދު ސަލީމްގެ މަސައްކަތުން ކަމަށެވެ. އެހެންކަމުން އެ ދެ ފަރާތުގެ ލީޑަޝިޕަށް ޝުކުރުއަދާކުރައްވާ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފު މަޖިލީހަށް ހާޒިރުވި ދެ ފަހަރުވެސް ވަނީ އެފްއޭއެމްގެ އިންތިހާބާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ. އަދި މަޖިލީހުގެ ތެރެއިން މެމްބަރު އާޒިމް ވަނީ އިންތިހާބާއި ގުޅޭގޮތުން ގިނަ ސުވާލުތަކެއް އުފައްދާފައެވެ.

ބައްސާމަށް ފުރަތަމަ ޑިވިޝަނުން ތާއީދުކޮށްފައިވަނީ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭ އާއި ޔުނައިޓެޑް ވިކްޓްރީ އާއި ކްލަބް ގްރީންސްޓްރީޓް އަދި ކްލަބް އީގަލްސް އެވެ. ދެ ވަނަ ޑިވިޝަނުން ތާއީދުކުރީ ކްލަބް ވެލެންސިއާ އާއި ކްލަބް ޕީކޭ އާއި ޖޭޖޭ ސްޕޯޓްސް ކްލަބެވެ.

މީޣެއިތުރުން ބައްސާމް އާއެކު އެފްއޭއެމްގެ އެގްޒެގެޓިވް ކޮމެޓީއަށް އައްޔަނުކުރަން ފާސްވި މެމްބަރުންގެ ތެރެއިން ސީނިއާ ނައިބް ރައީސަކަށް ހުށައެޅުއްވި ނަމަކީ އަލީ އުމަރެވެ. އޭނާއަކީ މީގެކުރިން އެފްއޭއެމްގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އެވެ. ނައިބް ރައީސަކަށް ހުށަހެޅުއްވީ ފަރާތަކީ މާޒިޔާގެ ސީއީއޯ ހުސެއިން ޝާފިއު (ކޮއްކީ) އެވެ.

އެގްޒެކެޓިވް ކޮމިޓީގެ އާއްމު މެމްބަރުންގެ މަގާމްތަކަށް ހޮވުނު މެމްބަރުންނަކީ މިހާރުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) އާއި ގްރީންސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލާއި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) އާއި އަހުމަދު ޝަކީބް (ޑޮކް) ގެ އިތުރުން އައިމިނަތު ޝާނީޒް (ޝާނީ) އާއި މުހައްމަދު ޝިފާއު އެވެ.