މާލޭގެ ހަލަބޮލިކަމުން ދުރުވެ ހަމަ ހިމޭން ޖައްވެއްގައި ވަގުތުކޮޅެއް ހޭދަކުރުމަށް ސިކުނޑި ދިޔައީ މަޖުބޫރުކުރަމުންނެވެ. ނަވީން އަކީ ވަރަށް މޮޅަށް ކުރަހާ ޒުވާނެކެވެ. މިޔުޒިކްކުޅުމާއި ކުރެހުމަކީ އޭނަ އެންމެ ކުރާ ހިތުން ކުރާ ކަންތަކެވެ. އެއީ ބައެއް އަންހެން ކުދިންގެ ހިތް އެފަދަ ފަރާތްތަކަށް ވަރަށް އަވަހަށް ދޫވާވެސް ކަމެކެވެ. އެހެންނަމަވެސް ނަވީން އެ މަސައްކަތްކުރަމުންދަނީ އަމިއްލަ ހިތްހަމަ ޖެހުމަށެވެ. އެ މަސައްކަތް ކުރުމަށް ވަކި ވަގުތެއް ނޯވެއެވެ. ކުރަހާ ހިތްވުމާއިއެކު އެހިސާބުން އެ މަސައްކަތް ފަށަނީއެވެ. ނަވީންއަކީ ވަރަށް ރަގަޅަށް ކިޔަވައިގެންވެސް ހުރި ޒުވާނެކެވެ. ނަމަވެސް ސަރުކާރުގެ ވަޒީފާއެއްގައި އުޅުމުގެ ޚިޔާލެއް ނަވީންގެ ނެތެވެ.
ކުރަހަން ބޭނުންވާ ސާމާނާއި، ގިޓާ ކޮނޑުގައި އަޅުވައިގެން، އާންމުކޮށް ދަތުރުދާއިރު ގެންގުޅޭ ބެކްޕެކްވެސް އަޅުވައިގެން ނަވީންގެ މިސްރާބު ހުރީ ރާއްޖޭގެ އެންމެ އުތުރަށެވެ.
ރަޙްމަތްތެރިއެއްގެ އެހީތެރިކަމާއިއެކު އެ ރަށުން އެޕާރޓްމަންޓްއެއްވެސް ހޯދައިފިއެވެ.
ގެއެއްގައި އެކަނި ހުރުމަކީ ނަވީންއަށް މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ މީހުން ގިނަވީމައެވެ.
އެއީ ރީތި އެޕާރޓްމަންޓްއެކެވެ. ނަވީންގެ ރަޙްމަތްތެރިޔާގެ ގޭގައި ވަކިން ހަދާފައިވާ ތަނެކެވެ. އެއީ ބޮޑު ގޯއްޗެކެވެ. ޒާތްޒާތުގެ ބިޔަގަސްތަކާއި މޭވާ އަޅާ ގަސްތަކާއި އެކިހަލަ ބަގީޗާ ގަސްތަކުން ގޯތީތެރޭގެ ހުސްބައިތައް ވަނީ ފުރާލާފައެވެ. ހިތްގައިމެވެ. ގުދުރަތީ ސާފުވައިރޯޅިތައް އަބަދާ އަބަދުމެ އެ ގޯތިތެރޭގައި ދައުރުވެ ދައުރުވެ ހުރެއެވެ.
ކާން އިންނައިރުވެސް ބަދިގެ ފަރާތު ކާގޭގެ ކުޑަދޮރުން ހުންނަނީ ފިނި ރޯޅިތައް ވަދެ ވަދެއެވެ. ފަންކާއެއް އެތަނަށް ބޭނުމެއް ނުވެއެވެ. އަވިދޭނެ ކުޑަ ތަންކޮޅެއްވެސް އެ ގަސްތަކާ ހުރެ އެ ގޯތިތެރެއަކުނުވެއެވެ.
އެގެއަކީ އެހާ ގިނަ ބަޔަކު އުޅޭ ގެއެއް ނޫނެވެ. އެގޭގައި ތިބެނީ ނަވީންގެ ރަޙްމަތްތެރިޔާގެ މަންމައާއި ރަޙްމަތްތެރިޔާގެ މަންމައަށް ބޮޑުދައިތަ ކިޔާ، ދެ އަންހެން ކުދިންނެވެ. އެ ދެ އަންހެން ކުދިންނަކީވެސް ވަޒީފާއަދާކުރާ ދެކުދިންނެވެ. އެހެންކަމުން މުޅި ދުވަސް ނަވީން ހޭދަކުރަނީ ވަރަށް ހިތްފަސޭހަކަމާ އެކުގައެވެ.
ނަވީންގެ މަސައްކަތަކީ އެ ހިތްގައިމު ގޯތިތެރޭގައި ހުރެ ކުރެހުމެވެ. ރީތި ހިތްގައިމު މަންޒަރުތަކެވެ. މި މަންޒަރު ބަލަން އެ ގޭގައި އުޅޭ ދެ އަންހެން ކުދިންވެސް ދުރުދުރުން އުޅޭކަމެއް ނަވީން ނުދެނަހުއްޓެވެ.
އެއީ ރީތި ދެ ކުދިންނެވެ. މުޅި ރަށުންވެސް ފާހަގަކޮށްލެވޭވަރުގެ ދެކުދިންނެވެ. ރަށުގެ ހުރިހާ ފިރިހެންކުދިން އެކުދިންގެ ފަހަތުން މުގޯލިއަޅަނީއެވެ. ނަމަވެސް މިއިން އެއްވެސް ކުއްޖަކު އެކަމަކަށް ސަމާލުކަމެއް ނުދެއެވެ.
މެންދުރު ކާގަޑިޖެހުމުން ޒީޝާ އައިސް ނަވީންއަށް ގޮވާލިއެވެ. އެއީ އެގޭގައި އުޅޭ ދެ އަންހެން ކުދިންގެ ތެރެއިން ބޮޑުކުއްޖާއެވެ. ވަޒީފާއަދާކުރިއަސް، ކާ ގަޑިތަކަށް ގެއަށް އައުމަކީ ރަށްރަށުގައި އާންމުކަމެކެވެ. ހަމަ އެހެންމެ ނަވީން އައިފަހުން ނަވީންއަށް ކާން ހަދާ ހުރިހާ ކަމެއް ބަލަހައްޓަނީވެސް ޒީޝާއެވެ.
އޭރު ނަވީން އެރަށަށް ދިޔަތާ ހަފްތާއެއްވެއްޖެއެވެ. ކައި ނިމުނުތަނާ ޒީޝާ އައިސް ނޯޓެއް ދިނުމަށްފަހު ދުވެފައި ގޮސް ލޮލު ކޮޅުން އޮބާލައިފިއެވެ.
ނަވީން ނޯޓް ހުޅުވާލިއެވެ. ''ނަވީން.. އައި ރިއަރީ ލައިކް ޔޫ..އައި ނީޑް ޔޫ..އައި ލަވްޔޫ...''
ނަވީންގެ މޫނުމައްޗަށް ހިނިތުންވުމުގެ ކުލަވަރު އަރައިގެން ދިޔައެވެ. އެއީ ނަވީނަށްވެސް ޒީޝާގެ ރީތިކަން ފެނި އެ ޖާދޫގައި ޖެހިފައިވާތީއެވެ. ނަމަވެސް ރަޙްމަތްތެރިޔާގެ ތިމާގެ ކޮއްކޮއަކާއި އެ ނިޔަތުން ވާހަކަދައްކަންވެސް ނަވީން ހުރީ ޖެހިލުންވެފައެވެ.
އެ ނޯޓް ނިންމާލަމުން އޮތީ، އެގޭ ތެރެއިން ވަދެގެންދާއިރު ވާތްފަރާތުގައިވާ ކޮޓަރީގެ ކުޑަދޮރު ދަންވަރު ހުޅުވާފައި ބަހައްޓާނެކަމަށާއި އެގަޑީގައި އެތަނަށް އައުމަށެވެ.
އުފަލުން ނަވީން އޭނާގެ ކޮޓަރިއަށްދިޔައެވެ. ހަމަޖެހިލާފައި ވިސްނާލަން އޮތެވެ. ނަމަވެސް ދާނީ ތޯ ނުދާނީތޯ ހިތާ ހިތާ ބުނެލެވުނެވެ. ރަޙްމަތްތެރިޔާގެ ކޮއްކޮއަކަށް ވާތީއެވެ. އެހެންވިޔަސް ޒީޝާއަކީ ނަވީންވެސް ގަޔާވާ ކުއްޖަކަށްވުމުން، އެރޭ އެތަނަށް ދާން ނަވީން ނިންމިއެވެ. ބިރުން ހުރެއެވެ.
ނޯޓްގައި އޮތް ގަޑިއަށް، ހުސް ފުޅިއެއް ހިފައިގެން ނަވީން ބޭރަށް ނުކުތެވެ. ޒީޝާމެން ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ފުޅި ގެންދިޔައީ މީހަކަށް ފެނިއްޖެނަމަ ދައްކާނެ ބަހަނާއެއްގެ ގޮތުންނެވެ. ފެން ތާނގީ ހުންނަނީ ޒީޝާމެން ކޮޓަރިއާއި ދިމާލަށް ކަމަށްވާތިއެވެ.
މިހާ ދަންވަރު އާންމުކޮށް އެގޭ ގޯތިތެރެއަށް ނުކުމެ ނޫޅޭ ނަވީން ހުރީ ބިރުން ސިހި ސިހިއެވެ. ގަސްތައް ގިނަކަމުން އެހާ އަނދިރިއެވެ. ޖިންނިއެއް ކަހަލަ އެއްޗަކާ ދިމާވެދާނެކަމަށްވެސް ހިތް ބިރުން ސިހެއެވެ. ޒީޝާ ބުނި ހިސާބަށް ދެވުނުއިރު މީހަކު ކުރިމަތީ ހުއްޓަސް ނުފެންނަ ވަރަށް އެތަން އަނދިރިއެވެ. ފުރަގަހުންނާއި އެކި ދިމަ ދިމާއިން ޖިންނިތައް އަންނަނީއޭވެސް ކިތަންމެ ފަހަރަކު ހީވިފަހަރު ދިޔައެވެ. ޒީޝާމެންގެ ކޮޓަރިއާ ހަމައަށް ގޮސް އޭނާ ބުނި ކުޑަދޮރުގައި ނަވީން ހިފާލިއެވެ. ދޮރު ހުޅުވުނެވެ.
ބަލަން ނުހުރެ އެތެރެއަށް ދެމިގަތެވެ. އެއީ ޒީޝާމެންގެ ކޮޓަރިއެވެ. ޒީޝާގެ ކޮއްކޮ ޒައިޝާ އޮތީ ނިދާފައެވެ. ޒީޝާ އިނީ ޑްރެސިންގ ޓޭބަލްކައިރީ ވަރަށް ނަލަވެގެންނެވެ. ކޮޓަރީގައިވާ ފަނޑު އަލީގައިވެސް ކުރިއަށްވުރެވެސް ރިތިހެން ހީވިއެވެ.
ޒީޝާ ނަވީން ވަނުމާއިއެކު ގޮނޑީގައި ނަވީން ބޭންދިއެވެ. އަދި ވަރަށް ސިއްރުން ވާހަކަ ދައްކަން ފެށިއެވެ. ލޯބިވާވާހަކައެވެ. އެންމެ ފުރަތަމަ ފެނުނު ދުވަހުން ފެށިގެންވެސް އޭނާގެ ހިތް ނަވީންއަށް ދެވުނު ވާހަކައެވެ.
އޭގެ ފަހުން ކޮންމެ ރެއަކުވެސް ނަވީން އެ ކޮޓަރިއަށްދެއެވެ. ބިރުން ހުރެއެވެ. މީހަކަށް ފެނިދާނެތީއެވެ. ނޫނީ ޖިންނިއެއް އަވަލަވާފާނެތީއެވެ.
ދުވަސްތައް ވަރަށް އުފާވެރިކަމާއިއެކު ކުރިއަށްދިޔައެވެ. ޒީޝާއާއި ނަވީންގެ ލޯބީގެ އާ ސޮފްހާތަކެއް އުކެމުން ދިޔައެވެ.
ނަވީން މޫދަށް އެރި އުޅުނު ދުވަހެއްގައި ފައި ވަރަށް ފުންކޮށް ކަނޑައިގެން ދިޔައެވެ. ވަގުތުން ހެލްތް ސެންޓަރަށް ދިޔައެވެ. އެތަނުގައި ސިއްހީ އެހީތެރިއަކަށް ހުންނަނީ ޒީޝާގެ ކޮއްކޮ ޒައިޝާއެވެ. ނަވީން ފެނުމާއިއެކު ޒައިޝާ އަވަސް އަވަހަށް ނަވީން ގޮވައިގެން އިމަރޖެންސީ ރޫމަށް ވަނެވެ.
ރޫމަށް ވައްދާ ބޭސް އަޅާ ނިންމާފައި ކުއްލިއަކަށް ނަވީންގެ ގައިގައި ބައްދައިގަތެވެ. ނަވީންއަށް ލިބުނީ ސިހުމެކެވެ. ޒައިޝާހުރީ ނަވީންގެ ގައިން ދޫކޮށްލާ ގޮތަކަށް ނޫނެވެ. ރޮމުން ކިޔައިދެމުން ދިޔައީ އޭނާވެސް ނަވީންދެކެ ލޯބިވާވާހަކައެވެ. އެންމެ ފުރަތަމަވެސް އޭނާގެ ހިތުގައި ނަވީންއަށް ޚާއްސަ މަޤާމެއް އުފެދުނު ވާހަކައެވެ. ސިއްރު ސިއްރުން ނަވީންއަށް ބަލަން ހުންނަ ވާހަކައެވެ. އޭނާގެ ދައްތަ ޒީޝާއާއި ރައްޓެހިވެގެން އުޅޭކަމާއި ކޮންމެ ރެއަކު އެކޮޓަރިއަށް ދާކަންވެސް އެނގޭވާހަކަ ބުންޏެވެ. އެވަގުތު ނަވީންއަށް ބަލި ހަނދާނެއް ވިއެވެ. ނަވީން ބޭރުގައި އުޅެފައި ގެއަށްވަތް ދުވަހަކު ޒައިޝާ ދުރުގައި ބަލަން ހުރެފައި ރޮމުން ދުވެފައި ގޭތެރެއަށް ވަނެވެ. ނަވީން ހީކުރީ ގޭތެރޭގައި މައްސަލައެއް ޖެހިގެން އުޅެނީކަމަށެވެ.
އެދުވަހުން ފެށިގެން ޒައިޝާގެ އުނދަގޫ ނަވީންއަށް ޖެހެން ފެށިއެވެ. ވަގުވަގަށް ނަވީން ހުންނަ އެޕަރޓްމަންޓްއަށްވެސް ދާން ފެށިއެވެ. އެހެން ގޮތްގޮތުންވެސް ވަރަށް ގިނައިން އުނދަގޫކުރަން ފެށިއެވެ.
އެހެންނަމަވެސް ނަވީން ލޯބިވަނީ ޒީޝާ ދެކެއެވެ. އެވާހަކަ ވަރަށް ރީތިކޮށް ޒައިޝާކައިރީ ބުނަންވެސް ބުނެފިއެވެ. ނަމަވެސް ޒައިޝާ ގެ އެ އުޅުން ބަދަލުނުކުރިއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އާދައިގެ މަތިން ނަވީންގެ އެޕާރޓްމަންޓްގައި ކުރަހަން ހުއްޓާ ފަހަތުން އައިސް މީހަކު ނަވީންގެ ގައިގައިބައްދާލިއެވެ. ނަވީން ވަރަށް ލޯބިން ހީލާފައި އެނބުލިއެވެ. ހީކުރީ އެއީ ޒީޝާކަމަށެވެ. ނަވީންއަށް ލިބުނީ ސިހުމެކެވެ. އެއީ އަދި އެހެން ކުއްޖެކެވެ. އެ އާއިލާއާއި ތިމާގެ އެހެން ގެއެއްގެ ކުއްޖެކެވެ. ވަރަށް މަދުން އެގެއަށް އައިސް އުޅޭ ޒީޝާމެންގެ ތިމާގެ ކުއްޖެކެވެ. ނަވީންގެ ސިކުނޑި ދިޔައީ ސުމަކަށެވެ. އެ އަންހެން ކުއްޖާވެސް މިދައްކަނީ ނަވީންދެކެ ވާ ލޯބީގެ ވާހަކައެވެ. އެއީ ޒީޝާއާއި ޒައިޝާއަށްވުރެވެސް ހަނގު ކުއްޖެކެވެ.
އެދުވަހު އެތަނުން ނުކުންނަންވެސް އެކުއްޖާ ބޭނުން ނުވިއެވެ. މީހަކަށް ފެނިއްޖެއްޔާ ދެންވާނީ ކިހިނެއް ހެއްޔެވެ. ޒީޝާއާއި ނަވީންގެ ގުޅުން މި އަންހެން ކުއްޖާއަށްވެސް އެނގެއެވެ. ނަމަވެސް އޭނާވެސް ނަވީން ބޭނުންވަނީއެވެ.
ނަވީންއަށް ގޮތް ހުސްވިއެވެ. ޗުއްޓީ ކުރުކޮށްލާފައި އަވަހަށް މާލެއައެވެ. އެހެންނަމަވެސް ޒީޝާއާއި އޮތް ގުޅުން އެގޮތުގައި އޮތެވެ. ބަރާބަރަށް ފޯނުކޮށް ވާހަކަދައްކަމުން ދަނިކޮށް، ޒީޝާގެ ކައިވެނި ހަމަޖެހުނު ވާހަކަ ޒީޝާ ބުންޏެވެ. އެއީ އެ އާއިލާއިން ބޭނުންވި މީހެކެވެ. ގަދަރުވެރި މީހެކެވެ. މާކުރިންވެސް ނިންމާފައިވާ ގުޅުމެކެވެ.
ޒީޝާ ނަވީންއަށް ގުޅައިގެން ވަރަށް ރުޔެވެ. ނަމަވެސް ނަވީންއަށް އެކަމަށް ކުރެވޭނެ މާ ބޮޑުކަމެއް ނެތެވެ. އެ އާއިލާއާއި ދެކޮޅަށް ނަވީންއާއި ކައިވެނި ކުރާނެ ހިތްވަރެއް ޒީޝާގެ ނެތެވެ. ހަމަ އެހެންމެ ރަޙްމަތްތެރިއާގެ އާއިލާއާއި ރަޙްމަތްތެރިޔާއާއި އޮތް ގުޅުން ކެނޑޭކަށްވެސް ނަވީން ބޭނުން ނުވެއެވެ. އެކަމަކު ނަވީންގެ ހިތްވެސް ވަނީ ހަލާކުވެފައެވެ.
މާފަށް އެދިފައި ނަވީން އެ ގުޅުން އެހިސާބުން ނިންމާލީއެވެ. އިތުރު ގޮތެއް ނެތީމައެވެ.
------