ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ވަރުގަދަ ގޮވުންތަކުގެ ހާދިސާތައް ހިނގިތާ ހުކުރު ދުވަހަށް ބަރާބައިރު އެއްމަސް ފުރުނުއިރު، އެ ހާދިސާގައި ފުނޑުފުނޑުވެގެން ވެއްޓިފައިވާ އިމާރާތެއްގެ ގާފުނީގެ އަޑިން ދިރިހުރި އިންސާނެއްގެ ނިޝާންތަކެއް ފެނުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން އެތަން ކޮންނަން ފަށައިފިއެވެ.

އިންސާނެއްގެ ދިރިހުރި ނިޝާންތަކެއް ފެނިފައިވަނީ ބެއިރޫތުގެ ގަމޭޒް ނަމަކަށްކިޔާ އަވަށަކުން ވެއްޓިފައިވާ އިމާރާތެއްގެ ގާތަކުގެ އަޑިންނެވެ.

ގަމޭޒް އަވަށަކީ މިދިޔަ އޮގަސްޓްމަހުގެ 4 ވަނަދުވަހު ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުމުގައި އެންމެ ބޮޑަށް ގެއްލުންލިބުނު ދެއަވަށުގެ ތެރެއިން އެއް އަވަށެވެ.

އެގޮތުން، އިންސާނެއްގެ ވިންދާއި، ނޭވާލާކަން، ޓީމުތަކުން ބޭނުންކުރަމުންދާ އިލެކްޓްރޯނިކް ސެންސަރަށް ފާހަގަކުރެވިފައިވާ ކަމަށް، މީހުން ސަލާމަތްކުރާ ޓީމުން ބުނެއެވެ.

އެކަމާހެދި، މެކޭނިކަލް މީހުންނާއި، އިންޖިނޭރުން ގެންދަނީ ފުނޑުފުނޑުވެފައިވާ އިމާރާތުގެ ގާފުނިން ކޮންކްރީޓްގެ ބައިތައް، އެކި ވަސީލަތްތައް ބޭނުންކޮށްގެން ނަގައި އަދި އަތުންނާއި، އުދަލިފަދަ އާލާތްތައް ބޭނުންކޮށްގެން ސެންސަރުން ފާހަގަކުރާ ދިމާ ކޮންނަމުންނެވެ.

ލުބުނާނުގެ ޓީވީއަކުން ބުނެފައިވަނީ، މީހުން ސަލާމަތްކުރާ ޓީމުގައި ހިމެނޭ ޗިލީގެ ވޮލަންޓިއަރުން މިހާރުވަނީ ދިރިހުރި މީހަކު ވޭތޯ ބެލުމަށްޓަކައި ތްރީޑީ އިމޭޖް ހެދުމަށްޓަކައި ގާފުނި ސްކޭންކޮށްފައި ކަމަށެވެ.

އެ މަސައްކަތުގައި ހަރަކާތްތެރިވާ ޓީމުން ބުނެފައިވަނީ، އެ އިމާރާތުގެ ދަށުގައި މަރުވެފައިވާ މީހެއްގެ ހަށިގަނޑުވެސް އެބައޮތްކަމަށް ބެލެވިފައިވާ ކަމަށެވެ.

"މެޝިން ބުނަނީ އެކަކު ދިރި އެބައޮތްކަމަށް. އެއީ ހިތުގެވިންދުން. ހަމަ އެއާއެކު، ވަސްބަލާ ކުއްތާވަނީ މަރުވެފައިވާ މީހެއްގެ ހަޑިގަނޑު އޮތްކަމަށް ދެނެގެންފައި. މިއީ، ވެގެންއުޅޭ ގޮތަކީ. އެހެންވެ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެކަން ޔަގީންކުރުމަށް"
މަންސޫރު އަލް-އަސްމަރު

މިމަސައްކަތް ހިނގަމުންދާގޮތް ލުބުނާނުގެ ރައީސް މިޝެލް އައޫންވެސް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.

ވެއްޓިފައިވާ އިމާރާތުގެ ގާފުނި ސާފުކުރުމުގެ މަސައްކަތް މީހުން ސަލާމަތްކުރާ ޓީމުން ކުރަމުންދާއިރު، ދިރިހުރި މީހަކު ފެނިދާނެކަމުގެ އުންމީދުގައި އެތައް އާންމުންވެސް މިހާރުވަނީ އެހިސާބަށް ޖަމާވެފައެވެ.

ޖަމާވެފައިވާ ބައެއް މީހުން ބުނެފައިވަނީ، ދިރިހުރި މީހަކު ފެނުމަކީ އުންމީދެއް ކަމަށާއި، މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނުމަކީވެސް މީހުން ގެއްލިފައިވާ އާއިލާއަކަށް ލިބޭނޭ ހިތްހަމަޖެހުމަކަށް ވާނެ ކަމަށެވެ.

ކަމާބެހޭ ޓީމުތަކުން މިހާރު ބަލައި ފަސްކުރަމުންދާ ތަނަކީ، މީހުން ސަލާމަތްކުރާ ޓީމުތަކުން ކުރިން އެއްފަހަރު ބަލާފައިވާ ތަނެކެވެ.

ބެއިރޫތުގެ ބަނދަރުމަތީގައި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއް ގޮވައިގެން ހިނގި ހާދިސާގެ ލޮޅުންތައް މުޅި ބެއިރޫތަށް އެރިއެވެ. އެތައްސަތޭކަ އިމާރާތެއް ވެއްޓި ބޮޑެތި ގެއްލުންތައް ލިބުނެވެ.

މިހާދިސާގައި 190 މީހުން މަރުވެފައިވާއިރު، 6،000 މީހުން ޒަޚަމްވިއެވެ. އަދި އިމާރާތްތައް ވެއްޓުމުގެ ސަބަބުން ތިންލައްކައެއްހާ މީހުންގެ ގެދޮރުނެތި މަގުމަތިވިއެވެ.

މިހާދިސާއަށް ހުކުރު ދުވަހު ބަރާބަރު އެއްމަސް ފުރުނުއިރު، އެކަން ފާހަގަކޮށް ލުބުނާނުގެ އަސްކަރިއްޔާއިންވަނީ ހަމަހިމޭންކަމުގެ ސުކޫތެއްވެސް ގެނެސްފައެވެ.