ސްރީލަންކާ ކައިރިން ކަނޑުގެ ސަރަހައްދުގައި ދަތުރުކުރަނިކޮށް ތެޔޮ ޓޭންކަރުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފިއެވެ.

ޓެންކަރުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް މިކުރީ 36 ގަޑިއިރުގެ މަސައްކަތުންނެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރިއިރު، ޓޭންކަރު ސްރީލަންކާގެ ކަނޑުގެ ސަރަހައްދުން ޓޯކޮށްގެން އިތުރަށް ޓޭންކަރުވަނީ ސްރީލަންކާއާ ދުރަށް މާކަނޑަށް ގެންގޮސްފައެވެ.

ސްރީލަންކާ ކަނޑުގެ ސިފައިންގެ ތަރުޖަމާނު ކެޕްޓަން އިންދިކާ ޑިސިލްވާ ވިދާޅުވީ، ޓޭންކަރު ޓޯކޮށްގެން ސްރީލަންކާގެ އިރުމަތިން 25 މޭލު ދުރަށް ގެންގޮސްފައިވާ ކަމަށެވެ.

އަލިފާން ރޯވި ތެޔޮ ޓޭންކަރަކީ 1،000 ފޫޓުގެ ޓޭންކަރެކެވެ.

"އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ. އެކަމަކު އަދި އެއްކޮށް ނިއްވައެއް ނުލެވޭ"
އިންދިކާ ޑިސިލްވާ

އިންދިކާ ވިދާޅުވީ، ސްރީލަންކާއާ ދުރަށް ޓޭންކަރު ގެންދިޔައީ، އޭގެން ކަނޑަށް ތެޔޮ ފޭބި ނަމަވެސް، ސްރީލަންކާގެ އައްސޭރިފަށަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތް ކުރުމަށް ކަމަށެވެ.

ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ ނިއު ޑައިމަންޑް ނަމަކަށްކިޔާ ޓޭންކަރުގައި އަލިފާން ރޯވީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އަލިފާން ފުރަތަމަ ހިފީ ޓޭންކަރުގެ އިންޖީނުރޫމްގައެވެ.

އަލިފާން ރޯވިއިރު އޭގައި ދެމިލިއަން ފީފާގެ ތެޔޮ ހުއްޓެވެ.

އިންޖީނު ރޫމްގައި ރޯވި އަލިފާންގަނޑު، ޓޭންކަރުގައި ހުރި ތެޔޮތަކާ ހަމައަށް ދިއުމުގެކުރިން ކޮންޓްރޯލް ކުރިއިރު، އެ މަސައްކަތުގައި އިންޑިއާއާއި ރަޝިޔާގެ ކަނޑުގެ ސިފައިންވެސް ބައިވެރިވެފައި ވެއެވެ. ޓީމުތަކުން އަދިވެސް ގެންދަނީ ޓޭންކަރަށް ފެން ޖަހަމުންނެވެ.

އަލިފާން ރޯވި ތެޔޮ ޓޭންކަރުގެ ހަލްގަނޑުގެ ފެނުންމަތިން 10 މީޓަރުގެ ހިސާބަކުން ދެމީޓަރުގެ ދިގުމިނަށް ފަޅައިގެންގޮސްފައި ވީނަމަވެސް، މިވަގުތަށް އެއްވެސް ނުރައްކަލެއް ނެތްކަމަށް ސްރީލަންކާގެ ކަނޑުގެ ސިފައިން ބުނެއެވެ.