"އެންމެ މިސްވަނީ އާއިލާ. މަންމަ ކައްކާފައި ކާންދޭ މީރު ކެއުން. ވަކިން ފެސިލިޓީއެއްގައި، އާއިލާއާ ބައްދަލުނުވެ، މިހާ ދުވަސްވީމަ ދެރަވޭ،"
އުމުރުން 24 އަހަރުގެ މަރިޔަމް ޝިއުނާ

ޝިއުނާއަކީ ކޮވިޑް-19 ގެ ފްރޮންޓްލައިންގައި އެންމެ ބުރަ، އެންމެ ނުރައްކާތެރި އެއް މަސައްކަތް ކަމަށްވާ ރެޕިޑް ރެސްޕޮންސް ޓީމް (އާރްއާރްޓީ) ގެ ޚިދުމަތްތެރިއެކެވެ.

އެ މަސައްކަތުގައި އޮތް ނުރައްކާތެރިކަން ޝިއުނާވެސް ގަބޫލުކުރެއެވެ. އޭނާއާއި އެހެން ބައިވެރިންގެ މުޅިދުވަސް ކަހަލަ ގޮތަކަށް ހޭދަކުރަނީ މަސައްކަތުގައެވެ.

"ފެޔަށް ޖެހުމުގެ ބަދަލުގައި މީ އަޅުގަނޑުމެންގެ ބޭނުން ގައުމަށް ޖެހިފައިވާ ވަގުތު. ކިޔަވަމުން، އެހެން ކަންކަމަށް ވަގުތު ދެމުން ހަމަނިދި ނުލިބި މިއުޅެނީ އާރްއާރްޓީގެ އޮޕަރޭޝަންގައި"
ޝިއުނާ

ޝިއުނާއަކީ ޕިލިޕީންސްގައި ސިއްހީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރަމުން އަންނަ ޒުވާނެކެވެ. ކޮވިޑުގެ ސަބަބުން ކޮލެޖު ބަންދުކުރުމާއެކު ޝިއުނާ ރާއްޖެ އައީ، ރާއްޖެއަށް ސިއްހީ ހިދުމަތްތެރިންގެ ބޭނުން އިންތިހާއަށް ޖެހިފައިވާ ހައްސާސް ވަގުތެއްގައެވެ. ކޮވިޑު-19 ގެ ބިޔަ ރާޅު ރާއްޖެއަށް ބިންދާލައި، އެތައްބަޔަކު އެ ބައްޔަށް ޕޮޒިޓިވްވަމުން ދިޔަ ނުރައްކާތެރި ވަގުތުގައެވެ.

ކޮވިޑާ ގުޅިގެން އެކުލަވާލި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އަށް ސިއްހީ ހިދުމަތްތެރިން ބޭނުންވެގެން އެކަން އިއުލާނު ކުރުމާއެކު ޝިއުނާ ނިންމީ އޭނާގެ ތައުލީމާއި، ހުނަރުގެ އަލީގައި ގައުމަށް ހިދުމަތްކޮށްދޭން ނުކުތުމަށެވެ. އެ އަޒުމުގައި ޝިއުނާ މީގެ ތިންމަސް ދުވަސްކުރިން ކޮވިޑުގެ އޮޕަރޭޝަންގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އާރްއާރްޓީއާ ގުޅުނީ، އެތައް ކަމެއް ގުރުބާންކޮށްލުމަށް ފަހުއެވެ.

ޝިއުނާ ބުނި ގޮތުގައި އޭނާ އެންމެ ފުރަތަމަ އާރްއާރްޓީގައި މަސައްކަތްކުރީ ވޮލެންޓިއަރެއްގެ ގޮތުގައެވެ. އެންމެ ފުރަތަމަ އޭނާ ކުރި ކަމަކީ، ސައިކޯ ސޯޝަލް ސަޕޯޓް (ޕީއެސްއެސް) ދިނުމެވެ. އެކަމުން ތަޖުރިބާ ހޯދުމަށް ފަހު އޭނާ ވަނީ ކޮވިޑުގެ ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާން ފަށައިފައެވެ.

ޝިއުނާ ސިފަކުރާ ގޮތުގައި، އާރްއާރްޓީގައި މަސައްކަތް ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އެގޮތުން އެންމެ އުނދަގޫވަނީ ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ޕީޕީއީއެކު ގިނަ ވަގުތު އުޅެން ޖެހުމެވެ. ޕީޕީއީގެ ހުރިހާ އެއްޗެއް ލައިގެން އުޅޭއިރު ހަށިގަނޑަށް ވަރަށް ހޫނުވާ ކަމަށް އޭނާ ބުންޏެވެ.

"ޑީހައިޑްރޭޓްވުމުން ފެންފޮދެއް އެކަނި މި ބޮވެނީ. ބައެއް ދުވަސް ދުވަހު 8 ގަޑިއިރުވެސް ސޫޓް ލައިގެން އުޅެން ޖެހޭ،"
ޝިއުނާ

ސާމްޕަލް ނަގަން ދިއުމުގައި ހަނދާނުން ފޮހެލަންދަތި އެތައް ހާދިސާއަކާ، އާރުއާރުޓީ މެމްބަރުންނަށް ވަނީ ދިމާވެފަ އެވެ. އެގޮތުން ޝިއުނާއަށް އެންމެ އުނދަގޫވީ އުމުރުން އެންމެ ދެދުވަހުގެ ތުއްތު ކުއްޖެއްގެ ސާމްޕަލް ނެގުމުގައި އުޅުނު ވަގުތުވެ.

"ސާމްޕަލް ނަގަން ދާއިރު ގިނަ މީހުން ވަރަށް އެޕްރިޝިއޭޓް ވެސް ކުރޭ. ނަމަވެސް ބައެއް ފަހަރު އެބަ އާދޭ ޑީލްކުރަން އުނދަގޫ ކޭސްތަކެއް. އެތަނުން އަޅުގަނޑު ހަދާނަށް އަންނަނީ ދެ ކޭސްއެއް،"
ޝިއުނާ
"އެއް ކޭސްއަކީ ދެދުވަހުގެ ބޭބީއެއްގެ ސާމްޕަލް ނެގުން. ބޭބީއެއް ވީމަ އަޅުގަނޑުމެންނަށް ވެސް ފަސޭހައެއް ނުވި ސާމްޕަލް ނަގާކަށް. ދެ ނޭފަތުންނާއި ކަރުބުޑަށް ކޮށްފައިގެން ސާމްޕަލް ނަގާއިރު، ބޭބީއެއް ވީމަ އެބަހުރި އުނދަގޫތަކެއް. މި ކޭސްގައި ވީގޮތަކީ އަޅުގަނޑުމެން ސާމްޕަލް ނަގަން ކޮށްޕާލީމާ ރޯންފެށީ. ދެން ބޭބީގެ ޕޭރެންޓްސް ވެސް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ތިބީ އަޅުގަނޑުމެން ދެކެ. އުނދަގޫވީ އަސްލު ބޭބީއަށް އެއްވެސް ގެއްލުމެއް ނުލިބޭކަމުގެ ޔަގީންކަން ޕޭރެންޓްސްއަށް ދޭން."
ޝިއުނާ

ދެން އޮތީ ސާމްޕަލް ނަގަން ދެކޮޅުހަދާ މީހުންގެ ފަރާތުން ކުރިމަތިވާ އުނދަގޫ ވަގުތުތަކެވެ. ދެކޮޅު ހެދުމުގެ އިތުރުން ސާމްޕަލް ނަގަން ޖެހިލުންވާ މީހުންވެސް ވަރަށް ގިނައިން ދިމާވެއެވެ. އޭގެ ސަބަބަކީ، ޝިއުނާ ބުނި ގޮތުގައި، ސާމްޕަލްއާ ބެހޭ މައުލޫމާތު ފުރިހަމައަށް ލިބިފައި ނެތުމެވެ.

"ބައެއް މީހުންނަށް ހީވެފައި އޮންނަނީ ސާމްޕަލް ނެގުމަކީ ވަރަށް ތަދުވާނެ ނުވަތަ ވަރަށް ވޭންހުރި ކަމެކޭ. އެހެންވެ، އަޅުގަނޑުމެންނާ އެކު ދާނެ ޕީއެސްއެސް ދިނުމަށްވެސް ކުއްޖަކު، އޭރަށް ބޮޑަށް އެމީހަކު ކާމް ކޮށްގެން ވިސްނައިދީގެން ސާމްޕަލް ނެގޭނީ،"
ޝިއުނާ

އާރްއާރްޓީ މަސައްކަތްކުރަނީ ދުވާލަކު ތިން ޝިފްޓަކަށް ބަހާލައިގެންނެވެ. އާރްއާރްޓީގައި ގިނައީ ކިޔަވާ ކުދިންނެވެ. ޝިއުނާ ބުނި ގޮތުގައި، ކިޔެވުމަށް ބޭނުންވާ ވަގުތު، އެޗްއީއޯސީގެ މެނޭޖުމެންޓުން ހުސްކޮށް ދެއެވެ.

އާރްއާރްޓީގެ ކޮންމެ މިޝަންއަކަށް ޓީމުތައް ދަރުބާރުގެއިން ނައްޓާލުމުގެ ކުރިން އެޓީމުތަކަށް އާރްއާރްޓީގެ އެހެން މެންބަރުންގެ ފަރާތުން ތަރުހީބުގެ އަތްތިލަބަނޑިއެއް ދެއެވެ. އެއީ ޓީމުތަކަށް ދޭ ހިތްވަރެކެވެ.

އާރްއާރްޓީއަކީ ހަމައެކަނި ސާމްޕަލް ނަގާ މީހުންގެ މައްޗަށް އެކުލެވޭ ޓީމެއް ނޫނެވެ. އެއަށްވުރެ އާރްއާރްޓީގެ މަސައްކަތް ފުޅާވެފައި ބުރަ ބޮޑެވެ. ކޮވިޑްގެ ބަލިމީހުން އެއްތަނުން އަނެއް ތަނަށް އުފުލުމަކީ ވެސް، އާރްއާރްޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އުމުރުން 19 އަހަރުގެ އާމިނަތު ނާޒިއާއަކީ ކޮވިޑްގެ ބަލިމީހުން އެއްތަނުން އަނެއް ތަނަށް އުފުލުމުގެ މަސައްކަތުގައި އުޅޭ ޒުވާނެކެވެ. މިއީވެސް އުނދަގޫ އަދި ބައެއް މީހުންގެ ނުރުހުމުގެ ބަސްތައް އަމާޒުވާ ކަމެކެވެ. އެގޮތުން ކިރިޔާ ލަސްވިޔަސް ވަރަށް ދެރަވާކަހަލަ ބަސްތައް ބައެއް މީހުން ބުނެފައި އެބަހުރި ކަމަށް އޭނާ ކިޔައިދިނެވެ.

ނާޒިއާއާއި ޝިއުނާވެސް މިއަދު އެތިބީ، އަމިއްލަ އެތައް އުފަލެއް ގުރުބާންކޮށް، އެކަމަކު ގައުމީ ޚިދުމަތުގައެވެ. ލޯބިވާ އާއިލާއާ ދުރުގައެވެ. ކޮވިޑުގެ ބަލިމަޑުކަމުން ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދަން އަތުކުރި އޮޅާލައިގެންނެވެ. އުނދަގުލާއި ވޭނުގައި ރެއާއި ދުވާލު ވަރުބަލިކަމެއް ނެތިއެވެ.

މި ދެ ޒުވާނުން ދިވެހި ރައްޔިތުންނަށް ކުރާ އިލްތިމާސެއް އެބަ އޮތެވެ: ސިއްހީ ހިދުމަތްތެރީންގެ ބަސްއަހާށެވެ. ސިއްހީ ހިދުމަތްތެރިންނަށް އެއްބާރުލުންދީ ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ގުޅިގެން މަސައްކަތް ކޮށްދޭށެވެ.