ސިޔާސީ ޕާޓީތަކުގެ ގާނޫނު އަލުން ފަރުމާ ކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގާނޫނު އަލުން ފަރުމާކޮށް ޑްރާފްޓް އެކުލަވާލުމަށްފަހު ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވުމުގެ މަސައްކަތްތައް ކުރަމުންގެންދާ ކަމަށެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން އެ ގާނޫނު ފާސްވުމާއެކު ޕާޓީތަކަށް އިތުރު ފުރުސަތުތަކެއް ލިބި އަދި ޕާޓީތައް ރެޖިއުލޭޓް ކުރުމުގައި ފަސޭހަތަކެއް ލިބިގެންދާނޭ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކަކީވެސް ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ހިންގާ މުއައްސަސާތަކެއްކަން ފާހަގަކޮށް އަކްރަމް ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ކޮމިޝަނުން ދޫކުރާ ފައިސާ ހޭދަކުރާ ގޮތް އެންޓިކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރ ޖެނެރަލްއަށް ބެލޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރު ކޮންމެ އަހަރަކުވެސް ފޮނުވަން ޖެހޭނެ އޮޑިޓް ރިޕޯޓަކާއި އަހަރީ ރިޕޯޓެއް. އެ ރިޕޯޓުތަކުގައި ވާންވާނެ ސައްހަ އެއްޗަކަށް. އަޅުގަނޑުމެން ބައެއް ޕާޓީތަށް ޖޫރިމަނާ ކޮށްފަ އެބަހުރި އޮޑިޓް ރިޕޯޓު ފުރިހަމަ ނުކޮށްގެން. އެގޮތުން ފާއިތުވި ދެއަހަރުގެ ތެރޭގައި ދެޕާޓީއެއް އެގޮތަށް ޖޫރިމާނާކޮށްފަ އެބަހުރި."
އިލްކެޝަންސް ކޮމިޝަންގެ ނައިބު ރައީސް

އަލަށް އެކުލަވާލާ ޑްރާފްޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ އޮފީހަށް ވަދެ އޮޑިޓް ކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންދާނެ ކަމަށާއި ޕާޓީތަކުން ގަވާއިދާ ޚިލާފަށް ފައިސާ ހޭދަކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ދައްކާނަމަ އެންޓިކޮރަޕްޝަން ކޮމިޝަނަށް އެމައްސަލަ ހުށަހެޅުމުގެ ބާރު ކޮމިޝަނަށް ލިބިގެންދާނެ ކަމަށެވެ.

"ޕާޓީތަށް މިއަށްވުރެ ޒިންމާދާރު ކަމާއެކުގަ އަދި ފަސޭހަކަމާއެކުގައި ކުރިއަށް ގެންދިޔުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކެއް ކުރަމުންމިދަނީ. ޕާޓީތަކަށް ފައިސާ ދޫކުރުމުގައި ގާނޫނުގައި ފުށުއަރާ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި މިހާރުވެސް."
އަކްރަމް

ގާނޫނުގައި މިހާރު އޮންނަގޮތުން އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓު ސިޔާސީ ޕާޓީތަކުން ހުށަހަޅަން ޖެހެނީ ކޮންމެ އަހަރެއްގެ މާޗު މަހުގެ 31 ވަނަ ދުވަހުގައި ކަމަށާއި ނަމަވެސް ބަންޑާރަ ނައިބު އޮފީސް މެދުވެރިކޮށް އަލަށް އެކުލަވާލާ ޑްރާފްޓުގައި ކޮމިޝަނުން މަސައްކަތް ކުރަނީ ފެބްރުއަރީ 28 ގެ ކުރިން އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓު ހުށަހަޅާ ގޮތަށްކަމަށް އަކްރަމް ވިދާޅުވިއެވެ.

މީގެ އިތުރަށް ޕާޓީތަކަށް ފާއިސާ ބަހާ ނިސްބަތް އިތުރުކުރުމުގެ އިތުރަށް ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށްދޭ ފައިސާއަކީ ދައުލަތުގެ އެއަހަރުގެ އާމްދަނީގެ 0.1 އިންސައްތައަށް ހެދުމަށް އަލަށް އެކުލަވާލާ ގަވާއިދުގައި ވާނީ ކަނޑައަޅާފައި ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

މި ޑްރާފްޓް އެކުލަވާލުމަށް ފަހު ހުރިހާ ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރާނެ ކަމަށާއި އެއަށްފަހު މަޖިލީހަށް ހުށަހެޅުމަށްޓަަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާނޭ ކަމަށް އަކްރަމް ވިދާޅުވިއެވެ.