މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރޭގަނޑު ފޯރުކޮށްދޭ ހިދުމަތްތަށް ނަގަމުން އަންނަ 30 އިންސައްތައިގެ ސަރޗާޖު ކަނޑާލަން ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެމްޕީއެލުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން ރޭގަނޑު 23:30 އިން ހެނދުނު 7:30 އާ ދެމެދު ދެވޭ ހިދުމަތްތަކުން ނަގާ 30 އިންސައްތައިގެ ސަރޗާޖް މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން އުވާލަން ނިންމާފައިވާ ކަމަށެވެ.

މީގެއިތުރުން އެމްޕީއެލްގެ ބެލުމުގެ ދަށުގައިވާ ބަނދަރުތަކުން ނަގާ ހޭންޑްލިންގ އަދި ވޯފޭޖް ޗާޖުތަކަށްވެސް 13 ސެޕްޓެމްބަރުން ފެށިގެން ބަދަލު ގެންނަން ނިންމާފައިވަކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން ވޯފޭޖް ޗާޖު 7 އިންސައްތަ ބޮޑުކޮށްފައިވާ ކަމަށެވެ.

ރާއްޖެއަށް ގެންނަ މުދާ ކްލިއަރ ކުރަން ޑެލިވަރީ އޯޑާ (ޑީއޯ)އަށް އޭޖެންޓުން ތަފާތު ނަން ނަމުގައި އަންނަނީ ފީތައް ނަގަމުންނެވެ. އެކަމާއި ގުޅިގެން ވިޔަފާރިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން މުދާ ގަތުމަށް ހަރަދުވާ ފައިސާއަށްވުރެ ގިނައިން ޑީއޯއަށް ފައިސާ ނަގާކަން އެމީހުން ފާހަގަކުރެއެވެ.

ސަރުކާރުން މިހާރު ވަނީ ބޭރުގެ ޝިޕިން އެޖެންޓުން ރަޖިސްޓްރީ ކުރަން ލާޒިމްކޮށްފަ އެވެ.