ބާސެލޯނާ ދޫކޮށްލަން ބޭނުންވެގެން މީގެކުރިން ކުލަބުގެ ރައީސް ޖޯސެފް ބާޓަމޮއު އާއި އެވާހަކަ ހިއްސާކުރި ކަމަށާއި ނަމަވެސް ފަހުވަގުތު ފެނިގެންދިޔައީ އޭނާގެ ބަހާއި އަމަލު ދިމާނުވިކަން ކަމަށް ލައޮނަލް މެސީ ބުނެފިއެވެ.

ކުލަބް ފުޓުބޯޅައިގެ ކެރިއަރު ފެށިގެން މިއަދާއި ހަމައަށް ބާސެލޯނާގައި ހޭދަކުރި އާޖެންޓީނާގެ ތަރި ލައޮނެލް މެސީ އެ ކުލަބު ދޫކޮށްލުމަށް ނިންމާ، ކުލަބް ބަދަލުކުރުމުގެ މަސައްކަތް ފެށިނަމަވެސް އޭނާ ވަނީ ބާސެލޯނާގައި މަޑުކުރާނެކަން ހާމަކޮށްފައެވެ.

މި ވާހަކަތައް މަޝްހޫރު ގޯލް ޑޮޓް ކޮމް އާއި ހިއްސާކުރަމުން މެސީ ވަނީ އެކަން ހިނގައިދިޔަ ގޮތް ތަފްސީލުކޮށް ކިޔައިދީފައެވެ. މެސީގެ މައިގަނޑު ކަންބޮޑުވުމަކީ އެ ކުލަބުގެ ރައީސްގެ ބަސްމަގު ބަދަލުވުމެވެ. އަދި އޭނާއަށް ލިބިދީފައިވާ އިހުތިޔާރުތަކާއި ބާރުތައް ހަނިކޮށް އެ ކުލަބުގެ ރައީސް މެސީއަށް ފުރުސަތު ހަނިކުރުމެވެ.

މެސީ ބުނީ އޭނާ ކުލަބު ބަދަލުކުރަން ބޭނުންވާ ވާހަކަ މީގެ އަހަރެއްގެ ކުރިން ދައްކަމުން ދިޔަ ކަމަށާއި އޭރު ކުލަބުގެ ރައީސްގެ ވާހަކަތައްވެސް ހުރީ ރަނގަޅަށް ކަމަށެވެ. އެގޮތުން މި ސީޒަން ނިމުމުން ކުލަބު ބަދަލުކުރަން ނުވަތަ ކުލަބުގައި މަޑުކުރަން ބޭނުންނަމަ އެކަން ކުރެވިދާނެކަމަށް އޭރު ރައީސް ވިދާޅުވެފައިވާ ކަމަށް މެސީ ބުންޏެވެ.

އެއްބަސްވުމުގައިވާ ގޮތުން މި ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން މެސީ ބޭނުން ކުލަބަކަށް ބަދަލުވެވޭނެ އެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ސީޒަން ދިގުލައިގެންގޮސް ކުރިން ސީޒަން ނިމެން އޮތް ތާރީހަށް ސީޒަން ނުނިންމުނެވެ. އެއާއެކު ގާނޫނީ މައްސަލަ ކުރިމަތިވިއެވެ. އެއްބަސްވުމުގައިވާ ގޮތުން އެ ތާރީހަށްވުރެ ލަހުން ކުލަބު ބަދަލުކުރަން ބޭނުންވާނަމަ 700 މިލިއަން ޔޫރޯ ޓްރާންސްފާ ފީއެއްގެ ގޮތުގައި ދައްކަން ޖެހެއެވެ.

މެސީ ބުނީ 700 މިލިއަން ޔޫރޯއަކީ އެއްވެސް ކުލަބަކަށް ދެއްކޭނެ އަދަދެއް ނޫންކަން އެނގޭ ކަމަށާއި އެ މައްސަލަ ހައްލުކުރަން އެތައް ފަހަރެއްގެ މަތިން ކުލަބުގެ ރައީސްއާއި މަޝްވަރާކުރި ކަމަށެވެ. ނަމަވެސް ރައީސްގެ ވާހަކަތައް ހުރީ ކުރިން އެއްބަަސްވި ގޮތާއި ހިލާފަށް ކަމަށާއި ކުލަބުގައި މަޑުކުރުން ނޫން އިތުރުގޮތެއް މިވަގުތު ނެތްކަމަށެވެ.

މި މައްސަލައިގައި ބާސެލޯނާ އާއި ދެބަސްވުމަކަށް ގޮސް ބޮޑު ހަމަނުޖެހުމަކަށް ދާން ބޭނުންނުވާކަން ހާމަކުރަމުން މެސީ ބުނީ ބާޓާމޮއުއަކީ ބަހުގެ އިތުބާރު ކުރެވޭ މީހެއް ނޫން ކަމަށެވެ. އަދި ބާސެލޯނާ ދޫކޮށްލަން ވިސްނީ ހަމައެކަނި ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކް އަތުން 8-2 އިން ބަލިވި މެޗާއި ހިސާބުން ނޫން ކަމަށާއި އޭގެކުރިންވެސް ވިސްނި ކަމެއް ކަމަށެވެ.

ބާސާގެ ރައީސް ބާޓޮމެއޫ ވަނީ މެސީގެ ބައްޕަ ޖޯޖް މެސީ އާއި މެސީގެ އޭޖެންޓާއެކު ބައްދަލުވުންތަކެއް ބާއްވާފައެވެ. އަދި ހުކުރު ދުވަހުގެ ވަގުތެއްގައި މެސީގެ ބައްޕަ ޖޯޖް މެސީ ސްޕެނިޝް ލީގުގެ ރައީސް ހާވިއޭ ޓެބާސްއަށް ފޮނުވި ސިޓީއެއްގައި ވަނީ މި ޓްރާންސްފާ ބާޒާރުގައި މެސީ ގެންދަން ބޭނުންވާ ކުލަބަކުން 700 މިލިޔަން ޔޫރޯ ދައްކަން ނުޖެހޭނެ ކަމަށް ބުނެފައެވެ.

މިވަގުތު ބާސާގައި އެއްވެސް މަޝްރޫއެއް ނެތް ކަމަށާއި، ބާސާއިން އަމަލުކުރަމުންދަނީ ހެދޭ ގޯސްތަކެއް އެވަގުތެއްގައި ފޫބައްދާ އުސޫލުން ކަމަށްވެސް މެސީ ވަނީ ބުނެފައެވެ.

މެސީ ބުނީ އިތުރު 10 މަސްވަންދެން ކުލަބުގައި މަޑުކުރާނެ ކަމަށާއި ނަމަވެސް އެއަށްފަހު ކުލަބު ދޫކޮށްލާނެ ކަމަށެވެ.