މިއަދަކީ ވީމީޑިއާގެ 12 ވަނަ އަހަރީ ދުވަހެވެ. ވީމީޑިއާ އުފެދުނުތާ މިއަދަށް 12 އަހަރު ފުރުނުއިރު ތަފާތު ހަތަރު މީޑިއަމެއްގެ ޚިދުމަތް ރައްޔިތުންނަށް ވަނީ ފޯރުކޮށްދީފައެވެ.

ރާއްޖޭގައި އަމިއްލަ ޓީވީ ސްޓޭޝަންތައް ހިންގުމުގެ ދޮރު ހުޅުވާލުމާ ގުޅިގެން ވީޓީވީ ވުޖޫދަށް އައިސްފައިވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ އެކުގައެވެ.

ދިވެހިރާއްޖޭގައި ޕްރައިވެޓް ޓީވީ ސްޓޭޝަންތަކަށް ފުރުސަތު ލިބިފައިވަނީ ސަރުކާރުން ޓީވީގެ ހިދުމަތްދޭތާ ޒަމާންތަކެއް ވެފައިވަނިކޮށެވެ. އެހެންވެ އަލަށް އުފެދުނު ޓީވީ ޗެނަލްތަކާމެދު ދިވެހިންގެ އުއްމީދު ހުރީ ވަރަށް މަތީގައެެވެ. އެކަމަކު އެއުއްމީދުތަކާ ހަމައަށް ވާސިލްވުމުގައި ޕްރައިވެޓް ޓީވީ ޗެނެލްތަކަށް ގިނަ ހުރަސްތަކެއް ހުއްޓެވެ.

ވީޓީވީ 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު 5 ގައި ލޯންޗުކުރެވުނުއިރު އެއަހަރުގެ ރިޔާސީ އިންތިހާބު އޮތީ ވަރަށް ގާތްވެފައެވެ. އެހެންކަމުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އޮޕަރޭޝަނުގެ އެންމެ ބޮޑު ބައެއް އަމާޒުކުރެވުނީ ރިޔާސީ އިންތިހާބާއި އެއިންތިހާބާ ގުޅޭ ކަންކަމަށެވެ.

ވީޓީވީއަކީ އެންމެ ފުރަތަމަ އަހަރުން ފެށިގެންވެސް މިއަދާ ހަމައަށް ނޫސްވެރިކަމާއި ބްރޯޑްކާސްޓިންގައި ވަކި ހަމަތަކަކާއި މިންގަޑެއް ހިފަހައްޓަމުން އައި ތަނެކެވެ.

ވީޓީވީގެ ފުރަތަމަ ދެއަހަރު ސްޓޭޝަނުގެ އޮޕަރޭޝަނަލް މަސައްކަތްތައް ކުރިއަށްދިޔައީ ތިލަފުށީގައި ގާއިމް ކުރެވިފައިވާ ސްޓޭޝަންގައެވެ. އެހެންވެ، ފުރަތަމަ ދެއަހަރު ވީޓީވީގެ އޮޕަރޭޝަންތައް އޮތީ ވަކި މިންވަރެއްގައި ހިފެހެއްޓިފައެވެ. އެ ހިފެހެއްޓިފައި އޮތްއޮތުމަށް ނިމުން އައީ 2011 ވަނަ އަހަރު ވީޓީވީގެ ހުރިހާ އޮޕަރޭޝަންތަކެއް މާލެއަށް ބަދަލުވި ހިސާބުންނެވެ.

އޮޕަރޭޝަން ފުޅާކުރުމުގެ ތެރެއިން 2010 ވަނަ އަހަރުން ފެށިގެން ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތާއި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކަވަރޭޖް ވަނީ ގެނެސްދީފައެވެ. އެޗްޑީ ކޮލިޓީގައި އެންމެ ފުރަތަމަ ވޯލްޑްކަޕް ދެއްކީވެސް ވީޓީވީންނެވެ. އަދި މާލެއިން ބޭރުގައި ރާއްޖޭގެ އަތޮޅެއްގައި ބޭއްވުނު ފުރަތަމަ ބައިނަލްގުވާމީ ކުޅިވަރު މުބާރާތްވެސް ގެނެސްދިނީ ވީޓީވީންނެވެ. އެއީ ފުވައްމުލަކުގައި ކުޅެވުނު ސާކް ޓުވެންޓީޓުވެންޓީ ކުރިކެޓް މުބާރާތެވެ.

މީގެ އިތުރުން ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ރާއްޖޭގައި ބޭއްވި އަންޑަވޯޓަރ ކެބިނެޓް މީޓިން ވަގުތުން ގެނެސްދިނުމުގައި ޓީވީއެމްއާ ގުޅިގެން ވީޓީވީގެ ސިގްނަލް ދުނިޔޭގެ އެކި ހިސާބުތަކަށް ފޮނުވާލުމާއި، އަދި ދުނިޔޭގެ ވަރަށް ގިނަ ނޫސް އެޖެންސީތަކުން ވީޓީވީގެ ސިގްނަލް ބޭނުންކުރުން ވެގެންދިޔައީ ޓެކްނޮލޮޖީގެ ރޮނގުން ވީޓީވީއަށް ލިބިފައިވާ މަގާމް އިތުރަށް ހަރުދަނާވި ފުރުސަތަކަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ދައުރުވަމުންދާ އޮއިވަރުގެ ބާރުމިން އެންމެ ފަސޭހައިން އެނގެނީ ރައްޔިތުންގެ ބޮޑުގޭގައި ކުރެވޭ ބަހުސްތަކުންނެވެ. އެމަޖިލީހުގައި ކުރެވޭ ސައްލާތަކުންނެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގަވައިދުން ލައިވްކޮށް ދައްކަން ފެށީ ވީޓީވީންނެވެ.

ސިޔާސީ ގޮތުން ދިވެހިރާއްޖޭގެ މީޑިއާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ދަނޑިވަޅުގައިވެސް ހިތްވަރާ ސާބިތުކަމާއެކު، ވީޓީވީގެ އަހުލްވެރިންނަށް އިންސާފުވެރިކަމާއެކު ހަގީގަތް ހިއްސާ ކުރުމުގައި ވީޓީވީ އަދާކުރަމުންދާ މުހިންމު ދައުރު، ދިވެހިރާއްޖޭގެ ގިނަ ރައްޔިތުން ބަލައިގަންނަނީ އުފަލާއެކުއެވެ.

މިއަދު ވީމީޑިއާއަކީ ބޭރުގެ އެތައް ނޫސް އެޖެންސީއަކާއި ގުޅިފައިވާ މުވައްސަސާއެކެވެ. ދޭސީންނާއި ބިދޭސީން އިތުބާރުކުރާ މުވައްސަސާއެކެވެ. މިހިސާބަށް އާދެވުނީ އެކަމަށްޓަކައި ރޭވުނު ޕްރޮގްރާމްތަކާއި އެކަށައެޅުނު ސިޔާސަތުތަކެއްގެ ސަބަބުންނެވެ.

ވީޓީވީ އުފަންވީ ސިޔާސީގޮތުން ހަލަބޮލި ދުވަސްވަރެއްގައިކަމުން ވީޓީވީގެ ހަޔާތުގެ ފުރަތަމަ 8 އަހަރަކީވެސް ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ހޭދަވެގެން ދިޔަ އަހަރުތަކެކެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ވީޓީވީގެ މުވައްޒަފުންނަށް ދަތުރުކުރަން އޮތީ އޮމާން އަމާން މަގެއް ނޫނެވެ. މިދުވަސްތަކުގައި ވީޓީވީ އާއި ތަނުގެ މުވައްޒަފުންނަށް އުފުލާންޖެހުނު ތަކުލީފުތައް ގިނަގުނައެވެ.

ސިޔާސީ ގޮތުން ގައުމު ހަލަބޮލިކަމުގެ ތެރެއަށް ވެއްޓުނު ދަނޑިވަޅުތަކުގައި ސިޔާސީ ކަނޑުއޮޅީގައި ޖަހަމުންދިޔަ ހަޅައާ ދެކޮޅަށް، ރައްޔިތުން ބޭނުންވާ ގޮތަށް އެމީހުންގެ އިޙްސާސްތަކާއެކު، ތިލަފަތް ހަމަކޮށް ޚަބަރު ފެތުރުމުގައި ކުރިމަތިވާނެ ހުރަސްތަކަކީ ކޮބައިކަން ރަނގަޅަށް އެނގިތިބެ ވީޓީވީން ކުރި ހިތްވަރުގެ ސަބަބުން، މިފަދަ މާހައުލެއްގައި ކުރިމަތިނުވެ ނުދާނޭ ބައެއް ކަންތައްތައް ވީޓީވީވަނީ ތަޖުރިބާ ކުރަންޖެހިފައެވެ. އެގޮތުން ވީޓީވީގެ މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގައި އާއި، އެ މާހައުލުން ބޭރުގައި ބައެއް ފަރާތްތަކުން ކުރިމަތިކުރި ހުރަސްތަކާއި، ވީޓީވީގެ މުދަލާއި އިމާރާތަށް ގެއްލުންދޭ ދިނުން ފާހަގަކޮށްލަންޖެހެއެވެ.

ފެބުރުއަރީ ހަވަނަދުވަހު ހިނގާދިޔަ ސިޔާސީ ހަލަބޮލިކަމުގައި ވީޓީވީއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެރޭ ވީޓީވީގެ ދޮރުތައް ތަޅާލާ ވީޓީވީގެ ތެރޭގައި ވަނީ އަލިފާންޖަހާފައެވެ.

މީގެއިތުރުން 2012 ވަނަ އަހަރު މަޖިލީސް ހުޅުވުމަށް މާޗްމަހުގެ 19 ވަނަ ދުވަހު ބޭއްވުނު ޖަލްސާ ވީޓީވީން ދުރަށް ދައްކަމުންދަނިކޮށް މަގުމަތީގައި ހަމަނުޖެހުން އުފައްދަމުންދިޔަ ބަޔަކު ވަނީ ވީޓީވީގެ މުޅި އިމާރާތުގެ ހުރިހާ ބިއްލޫރިތަކެއް ތަޅާ ސުންނާފަތި ކޮށްލާފައެވެ. މިއީ ރާއްޖޭގެ މީޑިއާގެ ހަޔާތުގައި އޭރު ދެވުނު އެންމެ ނުރައްކާތެރި ހަމަލާއެވެ. މިފަދަ އެތައް ކަމަކާއި ވީޓީވީން ވަނީ ކުރިމަތިލާ ރައްޔިތުންނަށް ހަގީގީ މަންޒަރު ދައްކުވައިދީފައެވެ.

ދެހާސް ބާރައިގެ ފަހުކޮޅާ ހަމައަށް ވީމީޑިއާ ގުރޫޕްގެ ގޮތުގައި މިގުރޫޕެއް ނެތެވެ. އެހާތަނަށް އޮތީ ވީޓީވީއެވެ. އެހެންނަމަވެސް އެހިސާބުން ގާސިމް އިބްރާހިމްގެ ލަފާފުޅާއެކު ވީމީޑިއާ ގުރޫޕް އުފަންކުރުމުގެ ހިޔާލު އުފެދި އެއަށް އަމަލީސިފަ ގެނައުމުގެ ގޮތުން އައު އޮނިގަނޑެއް އެކުލަވާލެވި ތަފާތު އިތުރު މީޑިއަމްތައް ތަޢާރަފްކުރެވިގެން ދިޔައެވެ.

އަމަލީގޮތުން ވީމީޑިއާ ގުރޫޕަށް ބަދަލުވެގެން ދިޔައީ ޓީވީގެ އިތުރަށް އެހެން މީޑިއަމްތައް މިކުޑައިގެ ދަށަށް ގެނެވުމުންނެވެ. އެގޮތުން ޓީވީގެ އިތުރަށް ވީއެފްއެމް 99 ރޭޑިއޯ އާއި، ވީނިއުސް އޮންލައިނާއި، ވީކްލީ ހަފްތާ މަޖައްލާ މިކުޑައިގެ ދަށަށް ގެނެވުނެވެ. އަދި މިއަދު ނޫހާއި މިއަދު އޮންލައިނަކީވެސް ވީމީޑިއާގެ މީޑިއަމްތަކެކެވެ.

މިއަދު ވީމީޑިއާާ ބްރޭންޑަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ ބްރޭންޑަކަށް މިވަނީ ވެފައެވެ.

ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި ރައްޔިތުން އިތުބާރާއި ލޯބި ހޯދައި، ތެދު ޚަބަރު ގެނެސްދިނުމަށްޓަކައި ކެނޑިނޭޅި މުއައްޒަފުން ކުރަމުންދިޔަ މަސައްކަތްތަކުން މުހިންމު ގިނަ އިވެންޓްތަކެއް ކަވަރުކޮށްފައިވެއެވެ.

ވީމީޑިއާގެ ބަލަދުވެރި ފަރާތްކަމުގައިވާ، އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީގެ މާލީހާލަތު ހުރިގޮތުން ކުންފުނީގެ ދަށުން ހިންގާ ވީމީޑިއާ ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތް ފެށި، ކުންފުނި ހިންގަން ކުރަންޖެހޭ ޚަރަދަށްވުރެ ލިބޭ އާމްދަނީ ދަށްވެ އާމްދަނީ އިތުރު ކުރެވޭނެ ގޮތެއް ހޯދިފައިނުވާތީ ކުންފުނި ދެމެހެއްޓުމަށްޓަކައި ޚަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ކުންފުނި ރީސްޓްރަކްޗަރކޮށް މުވައްޒަފުންގެ އަަދަދު މަދުކުރުމުގެ މަސައްކަތް ފެށުނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އަދި އިޚްލާސްތެރިކަމާއެކު މަސައްކަތްކުރަމުންދިޔަ އެއްވެސް މުވައްޒަފަކު ދޫކޮށްލުމަކީ ފަސޭހަ ނިންމުމަކަށް ނުވިޔަސް ޚަރަދު ކުޑަކުރެވޭނީ މި ފިޔަވަޅު އަޅައިގެން ކަމަށް މެނޭޖްމަންޓަށް ފެނިގެން އެކަން އެގޮތަށް ކުރަން މަޖުބޫރުވުމާއެކު އެތައް ސްޓާފުންނެއް ދޫކޮށްލިއެވެ.

ހިންގުމަށް ގެނެވުނު ބޮޑެތި ބަދަލުތަކާއެކު ވީމީޑިއާގެ ވީޓީވީގެ މަޝްހޫރު އެތައް މޫނެއް ސްޓޭޝަން ދޫކޮށްދިޔައެވެ.

މުޅި ދުނިޔެއަށް މިހާރު ފެތުރިފައިވާ ބިރުވެރި ކޮވިޑް-19 ގެ ބަލިމަޑުކަމާއިއެކު ތަން ގާތްގަނޑަކަށް ހުއްޓުމަކަށް ގެންނަންޖެހުނެވެ. ނަމަވެސް މުއައްޒަފުންގެ ބުރަ މަސައްކަތުން ތަނުގައި ލޮކްޑައުންވެ ތިބެ މަސައްކަތް ކުރިއަށް ގެންދިޔައެވެ.

ވީމީޑިއާގެ މަސައްކަތްތައް ކުރުމަށް ސްޓޭޝަން ތެރޭގައި 8 މުއައްޒަފުން ހިމެނޭހެން 2 މަހަށްވުރެ ގިނަ ދުވަސް ހޭދަކުރިއެވެ. މި ޓީމުގައި ޕްރެޒެންޓަރުންނާއި އެޑިޓަރުންގެ އިތުރުން އޮންއެއާ އޮޕަރޭޓަރަކާއި ކެމެރާމަނަކާއި ދެ ޓެކްނިކަލް މީހުން ހަރަކާތްތެރިވެފައިވެއެވެ.

ކޮވިޑާއި ގުޅިގެން ދުނިޔޭގެ އިޤްތިސާދަށްވެސް އައި ހީނަރުކަމާއިއެކު ވީމިޑއާއަށްވެސް ވަނީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. މުއައްޒަފުންގެ އުންމީދަކީ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ހިތްވަރާއިއެކު މަސައްކަތްކޮށް، ތަނުގެ މަސައްކަތް ވަރުގަދަކޮށް އަނެއްކާވެސް ވީމީޑިއާ ކޮޅަށްޖެހުމެވެ.