ޑީސަލާއި ޕެޓްރޯލްގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކުރިކަމަށް ބުނެ ބައެއް މީޑިއާތަކުން މިއަދު ވަނީ ހަބަރު ފަތުރާފައެވެ.

މިކަމާއި ގުޅިގެން އެސްޓީއޯއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ޕެޓްރޯލް އަދި ޑީސަލް ވިއްކާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށެވެ.

އެންމެފަހުން ތެލުގެ އަގަށް މިދިއަ މާޗްމަހު ބަދަލު ގެނެސްފައި ވާއިރު، ޑީސަލް ލީޓަރަކުން 1.68ރ. އަދި ޕެޓްރޯލް ލީޓަރަކުން 1.53ރ. ހެޔޮ ވެގެން ދިޔައެވެ.

އެގޮތުން ޑީސަލް ލީޓަރެއް 8.71ރ. އަށް މިހާރު ވިއްކާއިރު ޕެޓްރޯލް ލީޓަރެއް ވިއްކާ އަގަކީ 8.07ރ. އެވެ.

މިބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން ކަމަށް އޭރު އެސްޓީއޯއިން އޭރު ވަނީ ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެއްޓިފައިވާއިރު، މިހާރު ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 44.69 ޑޮލަރަށެވެ.