ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި ގޮވާލުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފިއެވެ.

ޓީވީ ޗެނަލްއަކުން ގެނެސްދިން ޕްރޮގްރާމެއްގައި ބައިވެރިވި މިހަކު ރައީސުލްޖުުމްހޫރިއްޔާގެ އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި މައްސަލައާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދިވެހި އެއްވެސް ރައްޔިތަކަށް އެއްވެސް ބޭނުމެއްގައި އެއްވެސް ބާވަތެއްގެ އަނިޔާއެއް ދިނުމަށް ގޮވާ ހިތްވަރުދީގެން ނުވާނެ ކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅުގައި ހުޅުޖެހުމަށް އާއްމު ޓީވީއެއްގައި ގޮވާލި ގޮވުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ގިނަ ބަޔަކު ކުށްވެރިކުރަމުންދާއިރު ފުލުހުން ވަނީ މި މައްސަލައިގެ ތަހުގީގު ފަށާފައެވެ. މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 47 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ގެންދަނީ މި މައްސަލައާއި ގުޅިގެން ކުރަންޖެހޭ އިތުރު ތަހުގީގުތައް ކުރަމުންނެވެ.

މިކަމާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުންވެސް ދަނީ މި މައްސަލަ ބަލަމުންނެވެ.

މި މައްސަލާގައި އެ ޗެނަލުން ވަނީ މައާފަށް އެދިފަައެވެ.

މި މައްސަލައާ ގުޅިގެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އެކަން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފްވެސް ވަނީ ސިޔާސީ ޕާޓީތަކުން ގައުމުގެ މަސްލަހަތު ގެއްލޭ ފަދަ ކަންކަމަށް އެއްގޮތަކަށް ވެސް ހިތްވަރު ނުދިނުމަށް ގޮވާލައްވާފައެވެ.