• އިޓަލީންވެސް މިމަހުގެ ނިޔަލަށް ފިޔަވަޅުތައް ދިގުދަންމާލައިފި

އޮސްޓްރޭލިއާގައި ކޮވިޑް-19 ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ވިކްޓޯރިއާ ސްޓޭޓްގެ ވެރިރަށް މެލްބަރންގެ ލޮކްޑައުން އިތުރަށް ހަރުކަށިކޮށް، ދެހަފްތާއަށް ދިގުދަންމާލައިފިއެވެ.

މިކަން އިޢްލާން ކުރެއްވީ ވިކްޓޯރިއާ ސްޓޭޓްގެ ވެރިޔާ ޑެނިއަލް އެންޑްރޫސްއެވެ.

މެލްބަރންގެ ލޮކްޑައުން އިތުރަށް ހަރުކަށިކޮށް ދިގުދަންމާލީ ބަލި ފެތުރުން މަދުވާ ރޭޓު، ކުރިން އުންމީދު ކުރި ވަރަށްވުރެ ލަސްވުމާ ގުޅިގެންނެވެ.

އެގޮތުން، ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފައިވަނީ މި ސެޕްޓެމްބަރުމަހުގެ ނިޔަލަށެވެ.

ބަލިފެތުރުން އިތުރުވުމާ ގުޅިގެން މެލްބަރން ލޮކްޑައުންކޮށްފައިވަނީ މިދިޔަ އޮގަސްޓްމަހުގެ 2 ވަނަ ދުވަހުން ފެށިގެންނެވެ. ކުރިން އިޢްލާންކުރި މުއްދަތު މި ސެޕްޓެމްބަރުމަހުގެ 13 ވަނަ ދުވަހު ހަމަވާން އޮތްއިރު، ކޮންމެވެސް ވަރެއްގެ ލުއިތަކެއްވެސް ދީފައި ވެއެވެ.

ނަމަވެސް، ބަލީގެ ހާލަތު އަނެއްކާވެސް ގޯސްވާން ފެށުމާއި، އުންމީދުކުރި ވަރަށް ބަލީގެ ހާލަތު ރަނގަޅު ނުވުމާ ގުޅިގެން އަލުން މިވަނީ ލޮކްޑައުން އިތުރަށް ހަރުކަށިކޮށް ދިގުދަންމާލާފައެވެ.

މެލްބަރން މިހާރުވަނީ ސްޓޭޖް 4 ގެ ހާލަތަށް ގެނެސްފައެވެ.

ސެޕްޓެމްބަރުމަސް ނިމެންދެން އެޅި ފިޔަވަޅުތަކުގެ ތެރޭގައި، އިގްތިސާދީ ހުރިހާ މަސައްކަތްތަކެއް ހުއްޓާލުމާއި، އާންމުންގެ ހަރަކަތްތައް އެމީހުން ދިރިއުޅޭ ގެ ހުންނަ ސަރަހައްދުގެ 5 ކިލޯމީޓަރު ވަށައިގެންވާ ސަރަހައްދަކަށް ލިމިޓްކުރުމާއި، ކޮންމެ މީހަކަށްވެސް ކޮންމެ ދުވަހަކު ބޭރުގައި އުޅެވޭނީ އެއްގަޑިއިރު ކަމަށް ހެދުމާއި، ރޭގަނޑަށް ކާފިއު އިޢްލާން ކުރުންވެސް ހިމެނެއެވެ.

"މިހާލަތުގައި ކަންކަން ހުޅުވާލެވޭކަށްނެތް. އެހެންނޫނީ، ބަލީގެ ކޮންޓްރޯލް ގެއްލިދާނެ"
ޑެނިއަލް އެންޑްރޫސް

އޮސްޓްރޭލިއާގައި ބަލީގެ ދެވަނަ ރާޅު ނަގައިގެން އުޅޭއިރު، ބަލީގެ ހާލަތު އެންމެ ގޯސްވެފައިވަނީ ވިކްޓޯރިއާ ސްޓޭޓްގައެވެ. ވިކްޓޯރިއާއަކީ އޮސްޓްރޭލިއާގައި ދެވަނައަށް އެންމެ ބައިބޯ ސްޓޭޓެވެ.

މުޅި އޮސްޓްރޭލިއާއިން 26،282 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރެއިން %75 މީހުން ނިސްބަތްވަނީ ވިކްޓޯރިއާ ސްޓޭޓަށެވެ. އަދި ބަލީގައި 753 މީހުން މަރުވެފައި ވާއިރު، މީގެ %90 ނިސްބަތްވަނީވެސް އެ ސްޓޭޓަށެވެ.

ލޮކްޑައުންގެ މުއްދަތު އިތުރަށް ހަރުކަށިކޮށް ދިގުދަންމާލިއިރު، ލޮކްޑައުންއާ ދެކޮޅަށް މެލްބަރންގައި އިއްޔެ ވަރަށް ވަރުގަދަ މުޒާހަރާއެއްވެސް ކޮށްފައި ވެއެވެ.

މުޒާހަރާކުރި މީހުން ގޮވަމުންދިޔައީ މިނިވަންކަން ދިނުމަށާއި، ހައްގުތައް ދިނުމަށެވެ.

200 ވަރަކަށް މީހުން ކުރި މުޒާހަރާގެ ތެރޭގައި ބައެއް މީހުން ފުލުހުންނަށް ހަމަލާވެސް ދިނެވެ.

މުޒާހަރާއާ ގުޅިގެން ފުލުހުން 15 މީހުން ހައްޔަރުކުރިއެވެ.

ބަލިފެތުރުން ހުއްޓުވަން އޮސްޓްރޭލިއާއިން ހަރުކަށި ފިޔަވަޅުތައް އަޅަމުންދާއިރު، ކޮވިޑްބަލި ފެތުރުން ހުއްޓުވަން އަޅާފައިވާ ފިޔަވަޅުތައް ސެޕްޓެމްބަރުމަސް ނިމެންދެން ދަމަހައްޓަން އިޓަލީ ސަރުކާރުންވެސް މިހާރުވަނީ ނިންމާފައެވެ.