ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ތިން މެމްބަރަކު އައްޔަންކުރަން މަޖިލީހުން މިއަދު ރުހުންދީފިއެވެ.

އެޗްއާރުސީއެމްގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އައްޔަންކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފައިވަނީ އައްޑޫ ސިޓީ ފޭދޫ، ޑޯރެންސީ ވިލާ، އާމިނަތު ޝަފާއަތު އަބްދުއްރައްޒާގާއި މ. ޖިއެނާ މުއުމިނާ ވަހީދުގެ އިތުރަށް މއ. މާވެޔޮގެ ޑރ. އަހްމަދު އަދުހަމް އަބްދުﷲ އަށެވެ.

މި ތިންބޭފުޅުންނަށް ވަކިވަކިން ވޯޓުދީފައިވާއިރު ޝަފާއަތު އެޗްއާރުސީއެމްއަށް އައްޔަންކުރަން ފެންނަކަމަށް 58 މެމްބަރުން ވޯޓު ދެއްވިއެވެ. މުއުމިނާ ވަހީދަށް 61 ވޯޓު ލިބުނުއިރު ޑރ. އަހުމަދު އަދުހަމް އަބްދުﷲ އަށް 59 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.

ކޮމިޝަންގެ މެންބަރުކަމަށް 3 ބޭފުޅުން އައްޔަންކޮށްފައި މިވަނީ އެ ކޮމިޝަނުގެ 4 މެންބަރެއްގެ މަގާމު ހުސްވެފައިވަނިކޮށެވެ.

އެޗްއާރުސީއެމަށް އައްޔަން ކުރައްވާފައިވާ މެންބަރުންގެ ތެރެއިން އެކޮމިޝަނުގެ ރައީސް ހިމެނޭހެން 3 މެންބަރަކު އިސްތިއުފާ ދެއްވާފައިވަނީ އެމެންބަރުންނާ ގުޅޭ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުން ބަލައި ބައެއް މެންބަރުން މަގާމުން ވަކިކުރަން ނިންމާފައި ވަނިކޮށެވެ.

އެ މެމްބަރުން ވަކިކުރަން ފާސްކުރީ، އެގޮތުން މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީއަށް އެޗްއާރްސީއެމާ ގުޅުންހުރި މައްސަލަތަކެއްގައި ދޮގު މައުލޫމާތު ދީފައިވުމާއި އަނިޔާއާ ގުޅުންހުރި މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ބެލިފައި ނެތުމާ ގުޅިގެންނެވެ.