ރިސޯޓްތަކުގެ މުވައްޒަފުންނަށް ޑިއުޓީ ނިންމާފައި ރަށަށް ދިޔުމުގެ ފުރުސަތު ލިބިދޭ ގޮތަށް ގާނޫނު އިސްލާހުކޮށްފިއެވެ.

ގާނޫނަށް މި އިސްލާހު ގެންނަން ހުށަހެޅުއްވީ ބ.ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން އެވެ. މި އިސްލާހު ފާސްވީ 61 މެމްބަރުންގެ ވޯޓާއެކުއެވެ.

ހިސާން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ މަސައްކަތު ގަޑި ނިމުމުން މަސައްކަތް ކުރާތަން ދޫކޮށް ދިއުމުގެ ހައްގު ކޮންމެ މުވައްޒަފަކަށްވެސް ލިބިގެންވާ ކަމަށެވެ. ހިސާން ހުށަހެޅުއްވި އިސްލާހާ ގުޅިގެން އޭނާ ކުރެއްވި ޓްވީޓުގައި ވަނީ ވަޒީފާ އަދާކުރާ މީހާ، ވަޒީފާ އަދާކުރަން ޖެހޭ ގަޑި ނިމުމުން، ވަޒީފާ އަދާކުރާ ތަނުގައި އޭނާ ހުރުން މަޖުބޫރު ނުކުރެވޭނެ ކަމަށެވެ.

އަދި އެތަނަށް އައިސް ދިޔުމާއި ފުރާ ދުއްވާ އުޅަނދެއް އެ ރިސޯޓަކަށް އެރުމުގެ ހުއްދަވެސް ދޭން ޖެހޭނެ ކަމަށް ހިސާން ކުރެއްވި ޓްވީޓުގައިވެއެވެ.

މި ހައްގު ބައެއް ރިސޯޓު މުވައްޒަފުންނަށް ލިބިފައިވީނަމަވެސް އެ ހައްގު ނުލިބި ގިނަ މުވައްޒަފުން އެބަތިބި."
ހިސާން ހުސެއިން

މަސައްކަތު ގަޑި ނިމުމުން މަސައްކަތް ކުރާތަން ދޫކޮށް ދިޔުމުގެ ގާނޫނުގެ 34 ވަނަ މާއްދާގެ ފަހަތަށް މެމްބަރު ހިސާން ހުށަހެޅުއްވި އިސްލާހުގައި ވަނީ މުވައްޒަފަކު އޭނާ މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ގަޑި ނިމުމުން އެ މީހަކަށް މަސައްކަތްކުރާ ތަނުގައި ނުވަތަ ރަށުގައި ނުވަތަ އުޅަދެއް ފަދަ ތަނެއްގައި ހުރުމަށް ވަޒީފާ ދޭ ފަރާތުން އޭނާއަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށް ކަނޑައަޅާފައެވެ. އަދި މުވައްޒަފަކު އޭނާ ވަޒީފާ އަދާކުރުމަށް ކަނޑައަޅާފައިވާ ގަޑި ނިމުމުން ވަޒީފާ އަދާކުރާ ތަންދޫކޮށް ދިޔުމާއި ވަޒީފާއަށް ނުކުންނަންޖެހޭ ގަޑިއަށް އެތަނަށް އަނބުރާ އައުމަށް ވަޒީފާދޭ ފަރާތުން ނުވަތަ ތަނުގެ ވެރިފަރާތުން ހުރަސްއަޅައިގެން ނުވާނެ ކަމަށްވެސް މެމްބަރު ހުށަހެޅުއްވި އިސްލާހުގައިވެއެވެ.

މީގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވެސް ވަނީ ވަޒީފާއާބެހޭ ގާނޫނަށް މޫސާ ސިރާޖު ވެސް ވަނީ އިސްލާހެއް ހުށަހަޅުއްވާފައެވެ. ސިރާޖު ވިދާޅުވީ ރަށުގައި ދިމާވާ ވަޒީފާއާބެހޭ މައްސަލަތައް ޓްރައިބިއުނަލަށް ހުށަހެޅުމަށް ދަތިތަކާ ކުރިމަތިވާކަމުގެ ޝަކުވާތައް އަބަދުވެސް ލިބޭ ކަމަށެވެ.

ޓްރަބިއުނަލަށް ހުށަހަޅާ މައްސަލަތައް ކޯޓު މެދުވެރިކޮށް ބެލުމަށް މެމްބަރު ހުށަހަޅުއްވާފައިވާ އިސްލާހުގެ 34 މާއްދާގެ ( ހ) ގައި ވަނީ މާލެ ފިޔަވައި އެހެން ރަށްރަށުގައި އުފެެދޭ ވަޒީފާއާ ބެހޭ މައްސަލަތައް އެ މައްސަލައެެއް އުފެދުނު ރަށު ކޯޓު މެދުވެރިކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅޭ ގޮތަށެވެ. މި މާއްދާގެ ( ށ) ގައި ވަނީ ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ ވަޒީފާއާއި ބެހޭ މައްސަލަތައް މައްސަލަ ހުށަހެޅުނު ކޯޓު މެދިވެރިކޮށް އަޑުއެހުންތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މި މާއްދާގެ (ނ)އަށް ހުށަހަޅާފައިވާ އިސްލާހުގައިވަނީ މިމާއްދާގެ ދަށުން ރަށު ކޯޓުތައް މެދުވެެރިކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅޭ މައްސަލަތައް ބަލާނެ އުސޫލު މި ގާނޫނަށް އަމަލު ކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން އެކުލަވާލައި އާންމު ކުރަންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ވަޒީފާއާބެހޭ ގާނޫނުގެ 87 ވަނަ މާއްދާގެ ފަހަތަށް ގެނައުމަށް ސިރާޖު ހުށަހަޅުއްވާފައިވާ އިސްލާހާއެކު ރަށުގައި ދިމާވާ ވަޒީފާއާބެހޭ މައްސަލަތައްވެސް ފަސޭހަކަމާއެކު ރަށު ކޯޓު މެދުވެރިކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭނެއެވެ.އަދި މިފަދަ މައްސަލަތައްވެސް ފަސޭހަކަމާއެކު ރަށު ކޯޓު މެދުވެރިކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭނެ ކަމަށް މޫސާ ސިރާޖު ވަނީ ވިދާޅުވެފައެވެ.