މިއީ ރާއްޖޭގައި ކޮވިޑް-19 އާ ގުޅުން ހުރި މައުލޫމާތު ސާފުކުރުމަށް ފަސޭހަ ކުރުމުގެ ގޮތުން މާރޗް މަހު ގާއިމްކުރި ކޮވިޑް ހޮޓްލައިން "1676" ގެ މަސައްކަތް ފެށުނީއްސުރެ، އެ ކޯލް ސެންޓަރުގައި އުޅެމުން އަންނަ ފާތުމަތު އާދަމްއާއި އެތަނުގައި މަސއްކަތް ކުރާ އެހެން މީހުންނަށް ކޮންމެ ދުވަހަކު، އާއްމުންގެ ފަރާތުން ދިމާވާ ފުރައްސާރައިގެ ވާހަކައެވެ.
ދުވާލެއްގެ މައްޗަށް 2000 އަކަށް ފޯނުކޯލް މިހާރުވެސް ކޮވިޑް ކޯލްސެންޓަރަށް އާދެއެވެ. އޭގެ ތެރެއިން ގިނަ ކޯލްތައް ކުރަނީ ކަންކަމާ ހިތްހަމަނުޖެހިގެންނެވެ. އާއްމު މީހުންނާ ގުޅުންހުރި ކަންކަން ނުވުމުން، ނޫނީ ލަސްވުމުން އެކަމުގެ ޝަކުވާކުރަން ގުޅާ މީހާގެ އުދާސްތައް ބަންޑުންކޮށްލާއިރު، ހިތާމަޔަކީ ފޯނު ކޯލުގެ އަނެއްކޮޅުގައި، ރައްޔިތުންގެ ހިދުމަތުގައި ކެތްތެރިވެލައިގެން ތިބި މީހުންނަށް ކުރާނެ އިހުސާސްތައް ނޭނގޭ ދަރަޖައަށް އާންމު ބައެއް ފަރުދުންގެ އަމަލުތައް ގޮސްފައިވާ ކަމެވެ.
ކޯލް ސެންޓަރުގެ ހިދުމަތްތެރިންނަށް ކޮންމެ ދުވަހަކުވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ، އަދަބެއް އިހްތިރާމެއްނެތި މުއާމަލާތުކުރާ މީހުންކަން ފާތުންގެ ވާހަކައިން އެނގެއެވެ.
ޚާއްސަކޮށް އަންހެނުންނަށް ބޭއަދަބީ އަދި ބަދުއަޚުލާގީ ބަސްތައް ރައްދުކުރުން އޮންނަނީ ބައެއް މީހުންގެ އާދައަކަށް ވެފައެވެ.
ގޭގައި ތިބެގެން ކޯލް ސެންޓަރަށް ގުޅާއިރު، އެ ކޯލް ސެންޓަރުގައި މަސައްކަތްކުރާ މީހުން އުފުލަނީ ކިހާ ބުރަ ޒިންމާއެއްކަން ތަސައްވުރު ނުކުރެވިދާނެއެވެ. ނަމަވެސް ހަގީގަތުއި، އެއިން ކޮންމެ މީހަކުވެސް ލޯބިވާ އާއިލާ އާއި، ރަހުމަތްތެރިންނާ ދުރުގައި އެތައް ވަގުތެއް ހޭދަކުރަނީ، އާއްމުންގެ ހައްގުގައެވެ.
ފާތުންގެ ވާހަކައަށް ބަލާނަމަ، އޭނާކޮވިޑް ކޯލް ސެންޓަރުގައި މަސައްކަތް ކުރަން އަންނަނީ 1 އަހަރުގެ ތުއްތު ދަރިފުޅު، އޭނާގެ ފިރިމީހާގެ ގާތުގައި ބަހައްޓާފައެވެ. އެއީ ކުޑަކުޑަ ނުވަތަ އާދައިގެ ނިންމުމެއް ނޫނެވެ.
ކަންދިމާކުރި ގޮތުން ކޮވިޑް ކޯލް ސެންޓަރުގެ މަސައްކަތް ފުރަތަމަ ފެށިއިރު، ރެއާއި ދުވާލު އެތައް ވަގުތެއް ހޭދަކުރަން ޖެހުނެވެ. ނަތީޖާ އަކަށްވީ ފާތުންއަށް، ތުއްތު ދަރިފުޅާއި ދުރުވުމުގެ ހިތްދަތި އިހުސާސްތައް ތަޖުރިބާކުރަން ޖެހުމެވެ. އެވާހަކަތައް މީޑިއާއާ ހިއްސާ ކުރީ އަސަރާ އެކުގައެވެ.
ގިނަ ވަގުތު ކޯލް ސެންޓަރުގައި އުޅެފައި ފާތުން ގެއަށް ދިޔުމުން ދަރިފުޅުގެ ދުލުން "މަންމާ" އޭ ބުނެލާ އަޑު ނީވޭވަރަށް، އޭނާގެ ދަރިފުޅު ބީރައްޓެހިވިއެވެ. މަޔެއްގެ ލަނގޮޑިއަށް އެކަމުން ކުރާނެ އަސަރު ހިތަށް ގެންނާނީ ކިހިނެއްތޯއެވެ؟
މިއީ ކޯލް ސެންޓަރުގައި މަސައްކަތް ކުރާ އެންމެ އަންހެން ކުއްޖެއްގެ ގުރުބާނީގެ ވާހަކައެވެ. ލޯބިވާ އަނބިދަރިންނާއި، ފިރިންނާއި، ރަހުމަތްތެރިން ލޮލަށް ފެންނާނެ ވަގުތު ނުވެ، ރޭގަނޑެއް ދުވާލެއްނެތި މިތަނުގައި މަސައްކަތްކުރާ މީހުންގެ އޮތީ އެންމެ އަޒުމެކެވެ: ސައްހަކަމާއެކު ކޮވިޑް-19 އާ ގުޅުން ހުރި މައުލޫމާތު ފޯރުކޮށްދިނުމެވެ. ސައްހަ މައުލޫމާތު އެއްކޮށް، ކަމާގުޅޭ އިދާރާތަކަށް، ހަލުވިކަމާއެކު ފޯރުކޮށްދިނުމެވެ.
ކޯލް ސެންޓަރުގެ މަސައްކަތްތަކުގެ ތެރޭގައި، ވަގުތުން ވަގުތަށް ފުރިހަމަކުރަން ޖެހޭ އެތައް މަރުހަލާތަކެއް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކުރަން ޖެހުމަކީ ބުރަ ކަމެކެވެ. ހިންދެމިލާނެ ވަގުތުކޮޅެއް ވެސް ނުލިބި އެމަސައްތުގައ ޝާމިލްވާ މީހުންނަށް، އެންމެ ކުޑަ މިނުން އާންމުންގެ އިހުތިރާމް ލިބެން ޖެހޭނެއެވެ.
ކޯލް ސެންޓަރުގެ ބައެއް ހިތި ތަޖުރިބާތަކަށް ފަހު، އެކުގައި މަސައްކަތް ކުރާ އެންމެންގެ ފަރާތުން ފާތުން އާންމުންގެ ކިބައިން އެދެނީވެސް ރިވެތި ބަހުން މުއާމަލާތު ކުރުމަށެވެ.
ކޯލް ސެންޓަރ ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި، އަބްދުﷲ އަޒްމީންގެ ވާހަކައިން އެނގެނީ ކޯލް ސެންޓަރުގައި މަސައްކަތް ކުރާ މީހުންނަށް ކަސްޓަމަރުންގެ ފަރާތުން ދިމާވާ ރުޅިވެރިކަމަކީ، އެ ކުދިންނަށް ދިމާވާ ނޭއްގާނީ ކަންކަމުގެ ވަރަށް ކުޑަ މިންވަރެއްކަމެވެ. ބައެއް މީހުން މަގުތަމަތިން ހޯދާނެކަމުގެ އިންޒާރު ދިނުމަކީ ބިރެކެވެ.
ކޯލް ސެންޓަރުގެ އެޖެންޓުންނާއި އާއިލާ މީހުންނަށް ހިތްދަތި މަރެއް ލެއްވުމަށް އެދި ބަދުދުއާކުރުން ފަދަ ރަހުމުނެތް އެތައް ކަމެއްވެސް ހިނގާފައި އެބަހުއްޓެވެ. ޖިންސީ ފުރައްސާރައިގެ ވާހަކަތައްވެސް ގިނައެވެ.
ކޯލް ސެންޓަރުގައި ސުޕަރވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ބިޝާރާ އަހުމަދު ވިދާޅުވީ ހަޑިހުތުރު ބަހުން މުއާމަލާތުކުރުން ފަދަ ނޭދެވޭ ކަންކަން ތަކުރާރުކޮށް ދިމާވާތީ ރިވެތި ބަހުން މުއާމަލާތު ކުކުރަން އެދުމުންވެސް ގުޅާ ބައެއް މީހުން އެގޮތަށް ވާހަކަދައްކާނަމަ، ކޯލް ކުރިއަށް ނުގެންދިއުމުގެ އިހުތިޔާރު ކޯލް ސެންޓަރުގައި މަސައްކަތްކުރާ އެޖެންޓުންނަށް ދީފައިވާ ކަމަށެވެ.
އެފަދަ ކޯލްތަކުން އެޖެންޓަށް ނަފްސާނީގޮތުން ކުރާ އަސަރު ކުޑަކުރުމަށް އެ އެޖެންޓުނަށް ބްރޭކެއްވެސް ދެއެވެ. އެޖެންޓުންނަށް ބޭނުންވާ އެހެން ސަޕޯޓް ލިބޭނެ އިންތިޒާމްވެސް ހަމަޖައްސާދީފައިވާކަން ބިޝާރާ ފާހަގަކުރެއްވިއެވެ.
އިމަޖެންސީއެއްގައި މުޅި ގައުމު އޮތްއިރު، ހުރިހާކަމެއް ދާނީ ބަރާބަރަށް، އެންމެ ފުރިހަމަކޮށެއް ނޫނެވެ. އެހެންކަމުން އާންމުން ބޭނުންވާ ގޮތަށް ކަންކަން ނުކުރެވި ހިނގައިދާނެއެވެ. އެކަމަކު އާންމު ރައްޔިތުންގެ ހިދުމަތުގައި ތިބި މީހުންގެ އަގު ވަޒަންކުރުމަކީވެސް، ތަހުޒީބީ ގޮތެކެވެ.
ކޯލް ސެންޓަރަކީ، ދިވެހިންގެ އެ ތަހުޒީބު ވަޒަންކޮށްލެވޭނެ ތަނެކެވެ. އެނގޭ އެއްޗަކީ، ބައެއް ފަރުދުންގެ އަމަލުތައް ހުރީ މިޒަމާނުގެ ހޭލުންތެރިކަމާ އެއް ފެންވަރެއްގައި ނޫންކަމެވެ. ގުރުބާނީއެއް ވެގެން ޚިދުމަތް ދޭން ތިބޭ މީހުންނަށް އެންމެ ކުޑަވެގެން، ރީތި ބަހުން މުއާމަލާތް ކުރުމަކީ، ޝުކުރުގެ ބަހެއް ފަދަ އަމަލެއްކަން ޔަގީނެވެ.