ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ބޮޑު ކުށެއްގެ ގޮތުގައި ހަދަން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދެވެ. ޖިނާއީ އިޖުރައާތުގެ ގާނޫނަށް ހުށަހެޅި އެ އިސްލާހު ފާސްކުރީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 59 މެންބަރުންގެ ވޯޓުންނެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ބޭނުމަށްޓަކައި ޖިނާއީ ބޮޑެތި ކުށްތަކުގެ ގޮތުގައި 11 ކުށެއް އެ ގާނޫނުުގައި މިހާރު ހިމަނާފައިވެއެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ބޮޑެތި ކުށްތަކުގެ ތެރޭގައި މީހުން މެރުމުގެ ކުށާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ޖިނާއީ ކުށް އަދި ޓެރަރިޒަމްގެ ކުށުގެ އިތުރަށް މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް ހިމެނެއެވެ.

މީގެ އިތުރަށް މީހުން ޓްރެފިކްކުރުމުގެ ކުށާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް އަދި ވައްކަމާއި ހިޔާނަތްތެރިވުން، މަކަރާއި ހީލަތް އަދި ފޭރުމުގެ ކުށްކުށުގެ ތެރެއިން އެއްލައްކަ ރުފިޔާއިން ފެށިގެން މަތީގެ މައްސަލަތައްވެސް ހިމެނެއެވެ.

ކޮރަޕްޝަންގެ ކުށްތަކާއި، ގޭންގު ކުށްތައް އަދި މީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ނުވަތަ ހިއްސެއް ނެތިދާފަދަ ގޮތަކަށް މާރާމާރީ ހިންގުމާއި ދައުލަތުގެ އިސްތިގުލާލާއި މިނިވަންކަމަށް ގެއްލުންވާ އަމަލު ހިންގުންވެސް ވަނީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމަނާފައެވެ.