• ބަލީގެ ހާލަތު ދެވަނައަށް އެންމެގޯސް ގައުމަށް އިންޑިއާ މާދަމާ އަރާނެ

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން 90،000 އަށްވުރެ ގިނަމީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އެގައުމުން ހާމަކޮށްފިއެވެ.

މިއީ، މުޅި ދުނިޔެއަށް ބަލާއިރުވެސް ގައުމަކުން އެއްދުވަހެއްގައި މިހާ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. އަދި މިއީ ރެކޯޑު އަދަދެއް ވެސް މެއެވެ.

އިންޑިއާގެ މައި ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއަރއިން އާންމުކުރި ތަފާސްހިސާބުތަކުގައި ބުނެފައިވަނީ، މިއަދުގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 90،632 މީހުން އަލަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ހަމަ އެއާއެކު، އެ މުއްދަތުގެ ތެރޭގައި އިތުރު 1،065 މީހުން މަރުވެ، ކޮވިޑް ބަލީގައި އިންޑިއާއިން މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދު 70،626 އަށް އިތުރުވެގެން ގޮސްފައިވާ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4 މިލިއަނަށްވުރެ މައްޗަށް އިއްޔެ ގޮސްފައިވާއިރު، ބްރެޒިލް ފަހަނައަޅައި، ދުނިޔޭގައި ބަލީގެ ހާލަތު ދެވަނައަށް އެންމެ ގޯސް ގައުމަށް އިންޑިއާ މާދަމާ އަރާނެ ކަމަށް ލަފާކުރެވިފައި ވެއެވެ.

ދުނިޔޭގައި ބަލީގެ ހާލަތު އެންމެ ގޯސް ގައުމުގެ ގޮތުގައި އެމެރިކަ އޮތްއިރު، އެމެރިކާއިން ބަލިޖެހިފައިވާ މީހުންގެ އަދަދު މިއަދުއޮތީ 6.4 މިލިއަންގައެވެ. އެމެރިކާއިން ބަލީގައި މަރުވި މީހުންގެ އަދަދުވަނީ 193،000 އާއި ގާތްކޮށްފައެވެ.