ޓޭބަލްޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) ގެ އިންތިހާބުގެ މައްސަލަ ކޯޓަށް ހުށައަޅާފައިވަނީ އެބޭފުޅުން ރަނގަޅަށް ގަވާއިދު ވިދާޅުނުވެ ކަމަށް ޓީޓީ އެސޯސިއޭޝަންގެ ލޯޔަރު މުހައްމަދު ޖައުޝަން ވިދާޅުވެއްޖެ އެވެ.

އަންނަ އަންގާރަދުވަހު ބާއްވާ ޓީޓީއޭއެމްގެ އިންތިހާބުގެ އިންސާފުވެރިކޮށް ކަންކަން ނުކުރާނަކަމަށް ބުނެ މައްސަލަ ސިވިލް ކޯޓަށް ހުށައަޅާފައިވަނީ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) އެވެ.

މައްސަލަ ކޯޓަށް ވައްދެން ޖެހުނީ، އެ މައްސަލަތަކުގެ ޝަކުވާ ކޮމިޝަނާ އޮފް ސްޕޯޓްސް އާއި ސްޕޯޓްސް ކައުންސިލަށްވެސް ހުށަހެޅި ކަމަށާއި، އެތަންތަނުން ދީފައިހުރީ ވަރަށް ދެކޮޅު ނުޖެހޭ، އަދި މަސްއޫލިއްޔަތުން ރެކިވަޑައިގެން ތިއްބަވައިގެން ދެއްވާފައިވާ ޖަވާބުތަކެއްގެ މައްސަލައިގައެވެ. މި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މިއަދު ވަނީ ކުރިޔަށްގެންގޮސްފައެވެ.

އަލިބެގެ ވަކީލެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން ލަތީފެވެ.

މިކަމާއި ގުޅިގެން ޓީޓީ އެސޯސިއޭޝަނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އެ އެސޯސިއޭޝަނުގެ ގާނޫނީ ވަކީލް ޖައުޝަން ވިދާޅުވީ މިއީ ކޯޓުން ބެލޭނެ މައްސަލައެއް ނޫންކަމަށާއި އައިޓީޓީއެފްއިން މިފަހުން ފޮނުވާފައިވާ ބަޔާނެއްގައި ރާއްޖޭގެ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ފުރިހަމައަށް އެ އިދާރާއިން އިތުބާރުކުރާ ކަމަށެވެ. އަދި މައްސަލައިގެ ހަގީގަތް އޮޅުވާލަން ކުރާ މަސައްކަތުގެ ސަބަބުން ލިބިދާނެ ގެއްލުން ނޭނގި ތިބެ މައްސަލަ ކޯޓަށް ވައްދައިގެން އުޅޭ ބަޔަކު އެކަން ކުރަނީ ގަވާއިދު ވިދާޅު ނުވާތީކަމަށްވެސް ޖައުޝަން ވިދާޅުވިއެވެ.

ދުނިޔޭގެ ޓޭބަލްޓެނިހުގެ މައި އިދާރާއިން ވަނީ މި މައްސަލައިގެ ތެރެއަށް ވަދެފައެވެ. އެގޮތުން މި މައްސަލައިގައި އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މައްސަލައިގައި ފަހުބަސް އިއްވާނީ ސްޕޯޓްސް ކައުންސިލުން ކަމަށެވެ. އަދި ތިންވަނަ ފަރާތެއްގެ ނުފޫޒެއް ފޯރައިފިނަމަ ރާއްޖެ ސަސްޕެންޑުކުރަން ޖެހިދާނެކަމަށް ބުނެ އެ އިދާރާއިން ވަނީ ރާއްޖެއަށް އިންޒާރުދީފައެވެ.