އިނގިރޭސި ކުލަބް ކްރިސްޓަލް ޕެލަސްގެ ހެޑް އޮފް ސްޕޯޓްސް މެޑިސިން ގެ ގޮތުގައި ހަރަކާތްތެރިވާ ޑރ. ޒަފް އިގްބާލް ރާއްޖޭގެ ޤައުމީ ޓީމުގެ އެތުލީޓުންނަށް ހާއްސަ ސެޝަނެއް ނަގައިދީފިއެވެ.

ލިވަޕޫލުގެ ކުރީގެ ޑޮކްޓަރުކަންވެސް ކޮށްފައިވާ ޑރ.ޒަފް ނަގައިދިން މި ސެޝަން ކުރިޔަށްދިޔައީ ޒޫމް މެދުވެރިކޮށް ރާއްޖޭގެ 180 އަށްވުރެ ގިނަ އެތުލީތުން ބައިވެރިވެގެންނެވެ.

މިރޭ ޒޫމް މެދުވެރިކޮށް ބޭއްވި މި ބައްދަލުވުމުގައި ގައުމީ އެކި ކުޅިވަރުތަކުގެ ކުޅުންތެރިންނާ އެކު 190 އެއްހާ ބައިވެރިން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޒޫމް މެދުވެރިކޮށް ބޭއްވި ބައްދަލުވުމުގެ ތެރެއިން

މި ސެޝަނުގައި ޑރ. ޒަފް ވަނީ ކޮވިޑް-19 ގެ ލޮކްޑައުން ހާލަތުގައި ފިޓްނަސް ދަމަހައްޓާނެ ގޮތްތައް އެތުލީޓުންނަށް ކިޔައިދީފައެވެ. އަދި ނިއުޓްރިޝަން، އެކްސަސައިޒް ރޫޓީންސް، އަދި ފިޓްނެސް މެއިންޓެނަންސް ވަނީ ކިޔައިދީފައެވެ. މި ބައްދަލުވުމުގައި މިނިސްޓަރ މަހުލޫފު ވަނީ ޑރ.ޒަފް ރާއްޖެ އައުމަށް ދައުވަތުދެއްވާފައެވެ.

ޒަފް ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރާ ޓޮޓެންހަމްއާއި ލިވަޕޫލުގެ ޑޮކްޓަރުގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައެވެ.