ކޮވިޑް-19 ބަލީގައި މަރުވާ މީހުންގެ އަދަދުތައް އެއްދުވަހުން އަނެއްދުވަހަށް އިތުރުވެ، އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާގެ މައި ގަބުރުސްތާނު ފުރެމުންދާ ކަމަށް، އެ ގަބުރުސްތާނު ބަލަހައްޓާ ފަރާތުން ބުނެފިއެވެ.

އިރުމަތީ ޖަކާޓާގައި ހުންނަ ޕޮންޑޮކް ރަންގޮން ގަބުރުސްތާނަކީ، ކޮވިޑްބަލީގައި މަރުވާ މީހުން ވަޅުލާން ޚާއްސަ ކޮށްފައިވާ ގަބުރުސްތާނެވެ. އެތަން ކޮވިޑްބަލީގައި މަރުވާ މީހުން ވަޅުލާން އިންޑޮނޭޝިޔާ ސަރުކާރުން ކަނޑައެޅީ މާޗްމަހުގެ ތެރޭގައެވެ.

ގަބުރުސްތާނުގެ މެނޭޖަރ ނާދީ ބުނީ، ގަބުރުސްތާނުގައި މިހާރު ހުރީ 1،000 މީހުން ވަޅުލެވޭނެ ޖާގަ ކަމަށެވެ. މީހުން މަރުވަމުންދާ ރޭޓަށް ބަލާއިރު އަންނަމަހު ގަބުރުސްތާނު ފުރޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

ނިމިގެންދިޔަ އޮގަސްޓްމަހުގެ ތެރޭގައި، ދުވާލެއްގެ މައްޗަށް އެވަރެޖްގޮތެއްގައި ގަބުރުސްތާނުގައި 27 މީހުން ވަޅުލާފައިވާ ކަމަށް، އެތާނގެ މެނޭޖަރު ބުނެފައި ވެއެވެ. ވަޅުލާ މީހުންގެ ތެރެއިން ގިނައީ ކޮވިޑް ބަލީގައި މަރުވާ މީހުން ކަމަށްވެސް ބުންޏެވެ.

ކޮވިޑް ބަލީގައި މަރުވާމީހުން ވަޅުލާން ޕޮންޑޮކް ރަންގޮން ގަބުރުސްތާނު ޚާއްސަ ކުރިފަހުން މިހާތަނަށް އެތަނުގައި 2،600 މީހުންގެ ހަށިގަނޑު ވަޅުލާފައިވެއެވެ.

މުޅި އިންޑޮނޭޝިޔާއަށް ބަލާއިރު، އެގައުމުން މިހާތަނަށް 194،109 މީހުންނަށް ކޮވިޑްބަލި ޖެހިފައިވާއިރު، މިއަދު އެކަނިވެސް 3،444 މީހުން އަލަށް ޕޮޒިޓިވްވެފައި ވެއެވެ. އެ މުއްދަތުގެ ތެރޭގައި އިތުރު 85 މީހުން މަރުވެ، މި ބަލީގައި އިންޑޮނޭޝިޔާއިން މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދުވަނީ 8،025 އަށް އަރާފައެވެ.