• ކޭސްތައް އިތުރުވީ ޓެސްޓިންގ ރޭޓު އިތުރުކުރުމުން: އިންޑިއާ ސަރުކާރު

ބްރެޒިލް ފަހަނައަޅައި، ދުނިޔޭގައި ކޮވިޑްބަލީގެ ހާލަތު ދެވަނައަށް އެންމެ ގޯސް ގައުމަށް އިންޑިއާ ވެއްޖެއެވެ.

ބަލިޖެހިފައި ތިބި މީހުންގެ އަދަދަށް ބަލައި، މި ލިސްޓުގެ ދެވަނައަށް އިންޑިއާ އަރާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އިންޑިއައިން 90،082 މީހުން އަލަށް ޕޮޒިޓިވް ވެފައި ވެއެވެ. މިއާއެކު، އިންޑިއާއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 4.2 މިލިއަނަށް އަރާފައެވެ.

ބްރެޒިލް މިހާރު އޮތީ 4.1 މިލިއަނާއެކު ލިސްޓުގެ ތިންވަނައިގައެވެ.

ބަލީގެ ހާލަތު އެންމެގޯސް ގައުމުގެ ގޮތުގައި މިވަގުތުއޮތް އެމެރިކާއިން މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 6.2 މިލިއަން މީހުންނެވެ.

އިންޑިއާގައި ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވަމުންދަނީ ދުނިޔޭގެ އެހެން އެއްވެސް ގައުމަކުން މިހާތަނަށް ނުފެންނަހާ މަތީ ރޭޓުގައި ކަމުން، އިންޑިއާ މިހާރު ބެލެވިފައިވަނީ ދުނިޔޭގައި ބަލި ފެތުރެމުންދާ މައި މަރުކަޒުގެ ގޮތުގައެވެ.

އަދި އެމެރިކާ ފަހަނައަޅައި، ބަލީގެ ހާލަތު އެންމެގޯސް ގައުމުތަކުގެ ލިސްޓުގެ އެންމެކުރިއަށް އިންޑިއާ ވަރަށް އަވަހަށް އަރާނެ ކަމަށް، ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ.

އިންޑިއާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީބޮޑު ގައުމެވެ.

ސިއްހީ ތަޖުރިބާކާރުން ވިދާޅުވަނީ، އިންޑިއާއިން ޕީކެއްގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ. އޭގެ ބަދަލުގައި ފެންނަމުންދަނީ ޕޮޒިޓިވް ކޭސްތައް ވަރަށްބޮޑަށް މަތިވަމުންދާތަން ކަމަށެވެ.

އިންޑިއާގައި ބަލީގެ ހާލަތު އެންމެ ގޯސްވެފައިވަނީ ބޮޑެތި ސިޓީތަކުގައެވެ. އޭގެ ތެރޭގައި ނިއުދިއްލީއާއި، މުމްބާއީވެސް ހިމެނެއެވެ. އަދި ރަށްފުށުގެ ހިސާބުތަކުގައި ވަރަށް ވާރަށް ބަލި ފެތުރެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރަށްފުށުގެ ހިސާބުތަކަކީ ސިއްހީ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ނުލިބޭ ހިސާބުތަކެވެ.

"ވަރުގަދަ ދެ ގޮންޖެހުމަކަށް މިކަން މިދަނީ. އެއްކަމަކީ ސިޓީތަކުގައި މިކަން މަޑުޖެހުމަކަށް ނާދޭ. ދެވަނަ ކަމަކީ ރަށްފުށުގައި މިދަނީ ފެތުރެމުން"
ޖަވާހަރްލާލް ނެހްރޫ ޔުނިވަރސިޓީގެ ޕަބްލިކް ހެލްތު ޕްރޮފެސަރ ރަޖީބް ދޭސްގުޕްތާ

ބަލިޖެހުނު މީހުންގެ ނިސްބަތަށް ބަލާއިރު މިބަލީގައި އިންޑިއާއިން މިހާތަނަށް މަރުވެފައިވަނީ 71،642 މީހުންނެވެ. ބަލިޖެހުނު މީހުންގެ ނިސްބަތުން ލިސްޓުގެ އެންމެ ކުރީގައިއޮތް އެމެރިކާއިން 193،000 އާ ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވާއިރު، ބްރެޒިލްއިން މިބަލީގައި މިހާތަނަށް މަރުވެފައިވަނީ 126،000 މީހުންނެވެ.

އިންޑިއާ ސަރުކާރުން ބުނެފައިވަނީ، ބަލިޖެހޭ މީހުންގެ އަދަދުތައް ކުއްލިއަކަށް މައްޗަށްދާންފެށީ، ބައްޔަށް ޓެސްޓްކުރާ ރޭޓު މުޅި ގައުމުގައި މަތިކުރުމުން ކަމަށެވެ.

ޓެސްޓުކުރުން އިތުރުކުރުމާއި، ޓްރޭސިންގްއާއި، ފަރުވާގެ ކަންކަން ރަނގަޅުކުރުމަށް އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ، ބަލިން ފަސޭހަވާ މީހުންގެ އަދަދުތަކުން އެނގޭކަމަށް އިންޑިއާ ސަރުކާރުން ހާމަކޮށްފައި ވެއެވެ.

އަދި އިންޑިއާގެ ސައިޒަށް ބަލާއިރު، ބަލީގެ ހާލަތު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ދެކޭ ކަމަށްވެސް އިންޑިއާ ސަރުކާރުން ބުނެފައި ވެއެވެ.