ޔުއެފާ ނޭޝަންސް ލީގުގެ ޔޫކްރެއިން އަތުން ސްޕެއިން ހޯދި ބޮޑު މޮޅާއެކު އެޓީމުގެ އަންސޫ ފާޓީ ރެކޯޑު ހެދިއިރު ޖަރުމަނު މޮޅުވިޔަނުދީ ސްވިޒަލޭންޑުން ހިފަހައްޓައިފިއެވެ.

ޔޫކްރޭން އަތުން ސްޕެއިން މޮޅުވީ 0-4 ގެ ބޮޑު ތަފާތަކުންނެވެ. ޖަރުމަނާއި ސްވިޒްލޭންޑް ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

އަމިއްލަ ޤައުމުގައި ކުޅުނު މެޗުން ސްޕެއިން މޮޅުވިއިރު މި މެޗުގައި ޒުވާން ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީފައިވެއެވެ. މީގެތެރޭގައި ބާސެލޯނާއަށް ކުޅެމުން އަންނަ އުމުރުން 17 އަހަރުގެ އަންސޫ ފާޓީ ހިމެނެއެވެ. އޭނާ ވަނީ މި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކާ ރެކޯޑެއް ހަދާފައެވެ. މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުމާއެކު ފާޓީ ވެގެންގޮސްފައިވަނީ ސްޕެއިނުގެ ތާރީހުގައި އެ ޓީމަށް ގޯލު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. އޭނާ ގޯލު ޖެހިއިރު އުމުރަކީ 17 އަހަރާއި 311 ދުވަހެވެ.

މެޗު ފަށައިގެން ތިންވަނަ މިނެޓުގައި ސްޕެއިނަށް ލީޑު ނަގައިދިނީ ޕެނަލްޓީއަކުން ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. ފުރަތަމަ ހާފުގެ މެދުތެރޭގައި ސްޕެއިންގެ ދެވަނަ ގޯލު ޖެހީވެސް ރާމޯސް އެވެ. ސްޕެއިނުގެ ތިންވަން ގޯލު ޖަހާފައިވަނީ އަންސޫ ފާޓީ އެވެ. މި ގޯލަކީ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބޯޅައަކުން ކާމިޔާބުކުރި ރީތި ގޯލެކެވެ. މެޗުގައި ސްޕެއިންގެ ހަތަރުވަނަ ގޯލު ޖަހާފައިވަނީ މެޗު ނިމެންދަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ޓޮރެސް އެވެ.

މި ގްރޫޕުގައި ދެން ހިމެނޭ ސްވިޒަލޭންޑާއި ޖަރުމަނު ބައްދަލުކުރި މެޗުގައި ފުރަތަމަ ގޯލުޖެހީ ޖަރުމަނުންނެވެ. މެޗުގެ 14 ވަނަ މިނެޓުގައި މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސިޓީއަށް ކުޅެމުން އަންނަ ގުންޑޮގާން އެވެ. ސްވިޒަލޭންޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ދެވަނަ ހާފުގެ ކުރީކޮޅު ސިލްވާން ވިޑްމާ އެވެ.

މި ނަތީޖާތަކާއެކު ގްރޫޕް ހަތަރެއްގެ އެއްވަނައިގައި ސްޕެއިން އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް ޔޫކްރޭންއަށް ތިން ޕޮއިންޓް ލިބިފައިވާ އިރު ތިންވަނައިގައި ޖަރުމަނު އޮތީ ދެ ޕޮއިންޓާ އެކުއެވެ.

ނޭޝަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ވޭލްސް ވަނީ 1-0 އިން ބަލްގޭރިއާ ބަލިކޮށްފައެވެ. ސާބިއާ އާއި ތުރުކީ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ރަޝިއާ ވަނީ ރަށުން ބޭރުގައި 3-2 އިން ހަންގޭރީ ބަލިކޮށްފަ އެވެ.